ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަޙްމަދު ފާރިސް މައުމޫން ވިދާޅުވީ ފުރަތަމަ ބުރުގައި އޭނާއަށް ލިބުނު ވޯޓަށް ބަލާއިރު މާބޮޑު ތާއީދެއް އޮތް ކަމަށް ގަބޫލުނުކުރަށްވާ ކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން ފާރިސްއަށް ލިބިވަޑައިގަތީ 2،979 ވޯޓެވެ. އެއީ 1.45 އިންސައްތަ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ވޯޓުގެ އަދަދަށް ބަލާއިރުވެސް މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންގެ ޓީމުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން އަޅުގަނޑުމެންނަށް ވޯޓު ދިން ބަޔަކާ ނުވަތަ އެއަށްވުރެ އިތުރު ބަޔަކުވެސް އެގޮތަށް އަމަލުކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އެމްއެމްއާރުގެ ރައީސްކަން ވެސް ކުރައްވާ ފާރިސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީޕީއެމް ކޯލިޝަނާއެކުވެސް އިއްތިހާދުވުމަށް 11 ކަމެއް ފާރިސް ހުށައެޅުއްވިއެވެ. ނަމަވެސް އެކަންކަމާމެދު އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށް ފާރިސް ހާމަކުރެއްވިއެވެ.

ފާރިސް ވިދާޅުވީ، އޭނާގެ މަގްސަދަކަށްވީ ލިބުނު ފުރުސަތުގައި ދެ ކެންޑިޑޭޓުންނާ އެކުވެސް ހުށަހެޅުންތައް ހިއްސާކޮށް، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީން ބަލައިގަންނާނެ ކަންތައްތައް ސާފުކުރުން ކަމަށެވެ.

އަދި އޭނާގެ މެނިފެސްޓޯއަށް ތާއީދުކޮށް ގުޅިފައިވާ ބޭފުޅުންގެ ވިސްނުންފުޅާއެކު މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދާނެ ކަމަށާއި، ރައްޔިތުން މަޖިލީހަށް ގިނަ ކެންޑިޑޭޓުން ނެރުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ އިތުރުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާޢީދު ނުކުރަށްވާނެކަން ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން