އަހުމަދު އިބްރާހިމް   21 ސެޕްޓެމްބަރު 2023 - 16:11
ޤައުމުގެ ވެރިކަން ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް ނޫންކަމަށާ، އެއީ ވެރިކަން ލިބިވަޑައިގަންނަވާ ބޭފުޅަކާ ރައްޔިތުން ހަވަލު ކުރާ ވަރަށް ބޮޑު އަމާނާތަކާއި މަސްއޫލިއްޔަތެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރ.ހުޅުދުއްފާރުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ފުރަތަމަ ބުރެކޭ އެއްގޮތަށް ޑރ.މުޢިއްޒު ގެންދަވަނީ ދެވަނަ ބުރުގެ ކެމްޕެއިންގައިވެސް އަތޮޅުތަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދުއްފާރުގައިވަނީ ރޭ ޖަލްސާއެއް ބާއްވަވާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، ވެރިކަމަކީ ޝަރަފެއްގެ ގޮތުގައި ދެކޭނަމަ ހަޤީޤަތުގައި އެކަމުން ކުރާނެ މަންފާއެއް ނޯންނާނެކަމަށެވެ. ކޮންމެ ބޭފުޅަކާވެސް ރައްޔިތުން ވެރިކަން ހަވާލު ކުރަނީ ވަރަށްބޮޑު މަސްއޫލިއްޔަތެއް އަދާކުރުމަށް ކަމަށެވެ.

އެހެންކަމުން ވެރިޔަކަށް ހުންނަ މީހާ ވާންޖެހޭނީ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މީހަކަށްކަމަށާ، އެއީ އެމީހެއްގެ އެންމެބޮޑު ވާޖިބުކަމަށް ދެކެންޖެހޭނެ ކަމަށެވެ. އެމަނިކުފާނު އެކަން ޤަބޫލުކުރައްވާކަމަށާ، ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުން ހަވާލުކުރި މަސްއޫލިއްތުގެމައްޗަށް އެހެން އެއްވެސްކަމެއް އިސްނުކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ، މިހާރުގެ ސަރުކާރަކީ އަޅުވެތިވެފައި އޮތް ސަރުކާރެއްކަމަށެވެ. ރަސްމީކޮށް ރާއްޖޭގައި މިނިވަންކަން އޮތަސް، އަމަލީ ގޮތުން، އެމިނިވަންކަމެއް ނެތްކަމަށާ، އެއީ މި ސަރުކާރުން ބައެއްގެ ދަށަށް ވެއްޓުމުގެ ނަތީޖާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަން ކުރުމުގެ ނަތީޖާކަމަށާ، އެކަން ބަދަލުވާންޖެހޭކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ރައްޔިތުން އެކަތިގަނޑެއްގެގޮތުގައި ތިބެގެންކަމަށާ، ޤައުމުގެ މިނިވަންކަން ގެއްލޭ ކޮންމެ ކަމަކަށް ކޮންމެ ފިޔަވަޅަކަށް ނޫނެކޭ ބުނަންޖެހޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ ކޮންމެ ކަމަކާދެކޮޅަށް އެކުގައި ތެދުވާބަޔަކަށް ރައްޔިތުން ވާންޖެހޭނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން