ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ މައްސަލައެކެވެ. އެހެންކަމުން ގިނަ ބަޔަކު ދަރިން ހޯދުމަށް އެތައް ޚަރަދުތަކެއް އަހަރެއްގެ މައްޗަށް ކުރަމުންދެއެވެ. ކޮންމެ ދެމަފިރިއެއްގެވެސް ހުވަފެނަކަށްވާނީ އެބައެއްގެ އުނގު ފަޅުފިލުވާލާނެ ލޯބި ދަރިއަކު ލިބުމެވެ. އެހެންކަމުން އައި.ވީ.އެފް އާސައިންދައިން ހަމަޖެހިގެންދާނެކަމަށް އަދުގެ ރައީސުލް ޖުމްހޫރީއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައިވާކަމީ އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ދަރިން ނުލިބިފައިތިބި ކޮންމެ ދެމަފިރިއަކަށްމެ ލިބިގެންދިޔަ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

އައިވީއެފް ހެދުން އާސަންދައިން ހަމަޖެހިގެން ދިއުމުން ދެން ވިސްނާލަން ޖެހެނީ 'ބިސް' ފްރީޒް ކުރުމާއި ގުޅޭގޮތުންނެވެ. ބިސް ފްރީޒް ކުރުމަކީ އަންހެނާގެ ބިސް ރަވައިގައި ކޮންމެ މަހަކުވެސް ދަރިމައިވުމަށް ތައްޔާރުކުރާ ބިސް ނަގައި ފާޓިލިޓީ ފެސިޓީއެއްގައި ގަނޑުކޮށްފައި ރައްކާކުރުމެވެ. މިއީ ދުނިޔޭގެ ގިނަ ބަޔަކު މިހާރު ކުރަން ފަށާފައިވާ ކަމެކެވެ. ބައެއް މީހުން މިގޮތަށް ބިސް ފްރީޒް ކުރަނީ އެމީހުންގެ ކެރިއާ ކުރިއަރައި ނުވަތަ ދިރިއުޅުމުގައި އެމީހުން ދާން ބޭނުންވާ ހިސާބަށް ދެވުމުން ދަރިމައިވުމަށް އުމުރުގެ ގޮތުން އުނދަގޫތަކެއް އަތުވެދާނެތީ ބޭނުންވާ ދުވަހު ދަރިން ހޯދުމަށެވެ. އަދި އަނެއްބަޔަކު މިއީ ބައްޔެއްގެ ސަބަބުން ބިސްރަވަ ނުވަތަ އޯވަރީ ނަގަން ޖެހުމުން ދަރިމައިވުމަށް ބިސް ރައްކާކުރުމަށްފަހު ފަހުން އޭގެ ބޭނުންހިފާ މުހިންމު ޚިދުމަތެކެވެ.

ތިރީގައިމިވަނީ އަންހެނާގެ ބިސް ފްރީޒް ކުރުމާއި ބެހޭގޮތުން އިންޑިއާގެ މަޝްހޫރު އަންހެނުންގެ ޚާއްސަ ޑޮކްޓަރ ތާންޔާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ސުވާލާއި ޖަވާބެވެ.

ބިސް ފްރީޒް ކުރުމަކީ ކޮންބަޔަކަށް ޚާއްސަ ކަމެއް؟

ބިސް ފްރީޒް ކުރުމަށް ވަކި ބައެއް ކަނޑައަޅާފައެއް ނޯވެއެވެ. އަދި ކައިވެނިކޮށްގެން ހުއްޓަސް އަދި ނުކޮށް ހުއްޓަސް ބިސް ފްރީޒް ކުރެވިދާނެއެވެ.

ފަހުގެ ކުދިންގެ މެދުގައި މިކަން އާއްމުވަމުން ދަނީ ކީއްވެ؟

ފަހުގެ ކުދިން މިކަމަށް ހޭދަކުރަން ފަށައިފައިވަނީ އެމީހުންގެ ލައިފްސްޓައިލް ހުންނަ ގޮތުންނާއި ސްޓްރެސްއާއި މައްސަރު ކަންތަކުގައި މައްސަލަތައް ކުރިމަތިވަމުންދާތީ ދަރިމައިވުމަށް ބޭނުންވާ ދުވަހުގައި އެކަން ކުރެވޭނެ ގޮތަށް މުސްތަޤުބަލަށް ވިސްނާފައެވެ.

ބިސް ފްރީޒް ކުރެވޭނީ ކޮންތަނަކުން؟

މިކަމަށްޓަކައި ފާޓިލިޓީ ސްޕެޝަލިސްޓެއް ނުވަތަ އެމްބްރޮޔޮލޮޖިސްޓަކާއި ވާހަކަދެއްކުމަށް ޑޮކްޓަރ ތާންޔާ ލަފާދެއެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއިއެކު އެމީހަކަށް އެންމެ ރަނގަޅު ގޮތަކަށް އެބޭފުޅުން ގައިޑްކޮށްދޭނެއެވެ.

ޕްރޮސީޖާ ހަދަން އެންމެ ރަނގަޅީ ކޮންއުމުރަކު؟

މައްސަލަތައް ހުންނަ މީހުން އެންމެ ރަނގަޅީ ޒުވާން އުމުރުގައި އެކަން ކުރުމެވެ. ސަބަބަކީ ޒުވާން އުމުރުގައި އަންހެނާގެ ބިހުގެ ކޮލެޓީ އުމުރުން 35 ވުމަށްފަހު ހުންނަ ކޮލިޓީއާއި ބަލައި ރަނގަޅެވެ. އެހެންކަމުން މި އޮޕްޝަން ޚިޔާރުކުރަން އެދޭނަމަ ވީހާވެސް އަވަހަށް އެކަން ކުރުމަށް ޑޮކްޓަރ ލަފާދެއެވެ.

މިއީ ރައްކާތެރިކަމެއްތަ؟

މިއީ ރައްކާތެރި ކަމެކެވެ. ކޮންމެ މަހަކުވެސް އަންހެނާގެ ރަހިމުން ގިނަ ބިސްތަކެއް ތައްޔާރުކުރެއެވެ. ނަމަވެސް ދަރިމައިވުމަށް ބިސް ރަވައިން ބޭރުކުރާނީ އެންމެ ރަނގަޅު އެއް ބިހެވެ. ފްރީޒިން ޕްރޮސީޖާގައި ބޭސް ދީގެން އެމަހުގައި ތައްޔާރުކުރާ ހުރިހާ ބިސްތަކެއް ބޮޑުކޮށްލައެވެ. އަދި މި ޕްރޮސީޖާއިން ހުރިހާ ބިސްތަކެއް ނަގައި ފްރީޒާގައި ފްރީޒްކުރެއެވެ.

މިޕްރޮސީޖާގެ ސަބަބުން މައްސަރުކަންތަކަށް އަސަރު ކުރާނެތަ؟

ޕްރޮސީޖާގެ ސަބަބުން މައްސަރުކަންތަކަށް އަސަރެއް ނުކުރާނެއެވެ. މިއީ ހަށިގަނޑުން ކޮންމެ މަހަކުވެސް ހިނގާނެ ކަމެކެވެ. އެހެން ކަމުން މިމަހުގައި ބިސްނެގުމަކުން އަނެއްމަހުގައި ބިސްރަވައިގައި އެހިނގާ ބިސް ތައްޔާރު ކުރުމުގެ މަރުހަލާއަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިޕްރޮސީޖާއަށް ކިހާވަރެއް ހޭދަވާނެތަ؟

މިއީ ވަރަށް އަގުބޮޑު ޕްރޮސީޖާއެއް ކަމުގައި ޑޮކްޓަރ ތާންޔާ ބުނެފައިވެއެވެ. އިންޑިއާގައި މިޕްރޮސީޖާ ހެދުމަށް އެތަނުގެ 1 ލައްކަ އާއި 3 ލައްކަ ރުޕީސްއާއި ދެމެދުގެ އަދަދެއް ޚަރަދު ވާނެކަމަށް ޑޮކްޓަރ ބުނެފައިވެއެވެ، މިއީ އެމެރިކާ ޑޮލަރުން ބަލާއިރު 1200 އާއި 3600 ޑޮލަރާދެމެދުގެ އަދަދެކެވެ. އަދި މީގެ އިތުރުން ކޮންމެ އަހަރަކުވެސް ފްރީޒް ކޮށްފައި ބެހެއްޓުމުގެ ސްޓޯރޭޖް ކޯސްޓްގެ ގޮތުގައި އިތުރު އަދަދެއް ދޭން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން