ވޯލްޑް ޓްރެވެލް އެވޯޑްސްގައި ފަތުރުވެެރިކަމުގައި އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް މިފަހަރުވެސް ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑް ރާއްޖެއަށް ލިިބުނީ، ދުނިޔޭގެ އެންމެ މަގްބޫލު 17 މަންޒިލަކާ ވާދަކޮށެވެ. އެ ޤައުމުތަކުގެ ތެރޭގަައި ދުބާއީ، އިންޑޮނީޝިއާ، ނިއުޒީލެންޑް، ސްޕެއިން އަދި ވިއެޓްނާމް ހިމެނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ހަފްލާ ބާއްވާފައި ވަނީ ދުބާއީގެ ބުރުޖް އަލް އަރަބްގައެވެ.

މިއީ ރާއްޖެއިން މި އެވޯޑް ހޯދި ހަތަރު ވަނަ ފަހަރެވެ. މި އެވޯޑްގެ އިތުރަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ވަނީ 2023 ވަނަ އަހަރުގެ ދުނިޔޭގެ ލީޑިންގ ޓޫރިސްޓް ބޯޑްގެ އެވޯޑް ހާސިލުކޮށްފައެވެ. މިއީ އެމްއެމްޕީއާރްސީއަށް މި މަޤާމް ހާސިލުކުރި 2 ވަނަ ފަހަރެވެ.

އެމްއެމްޕީއާރްސީން ވަނީ މި އަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް ޖުމްލަ 348 ޕްރޮމޯޝަނަލް ހަރަކާތްތައް ރާވައި، ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރަށްވެސް، ރާއްޖެ ވަނީ ދުނިޔޭގެ ލީޑިން ބީޗް ޑެސްޓިނޭޝަން 2023، ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަން 2023، ދުނިޔޭގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2023، ދުނިޔޭގެ ލީޑިން އައިލެންޑް ޑެސްޓިނޭޝަން 2023، އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ޑެސްޓިނޭޝަން 2023 އަށްވެސް ނޮމިނޭޓްވެފައެވެ. މި އިވެންޓުގައި އަލަށް ތައާރަފްކުރި ގްލޯބަލް ޓޫރިޒަމް ރެސިލިއެންސް އެވޯޑްވެސް ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ.

1993 ވަނަ އަހަރު ވުޖޫދަށް އައި ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓްރެވަލް އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. އެއީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއެއްގައި ވެސް މޮޅު ތަންތަން ފާހަގަކުރުމަށް ބާއްވާ އެވޯޑް ހަފްލާއެއްވެސް މެއެވެ. އެވޯޑްތައް ކަނޑައަޅަނީ ފަތުރުވެރިންނާއި ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ކޮލިފައިޑް ޓްރެވަލް ޕްރޮފެޝަނަލުންގެ ވޯޓުތައް ހިމެނޭ ވޯޓިން ސިސްޓަމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން