މީހަކު ނަމާދުކުރަނީ
މީހަކު ނަމާދުކުރަނީ
ރޯދައަށް ހުންނަން ހާރު ކައިގެން ދުލުން ނިޔަތް ނުކިޔައި ހުއްޓައި ފަތިސްވުމުގެ ސަބަބުން އެ ދުވަހު ރޯދަ ދޫކޮށްލީ ކިތައް ބޭފުޅުން ބާވަ އެވެ؟ އަޅުކަމުގައި ދުލުން ނިޔަތް ކިޔުމުގެ ޙުކުމަކީ ކޮބައި ބާވަ އެވެ؟ ނިޔަތަކީ ފަހެ ކޮބައި ބާވަ އެވެ؟ އާދެ! ނިޔަތަކީ ހިތުގައި ފޮރުވިފައި އޮންނަ އެއްޗަކަށް ކިޔާ ނަމެކެވެ. އެއީ ދުލުން ކިޔާ އެއްޗަކަށް ކިޔާ ނަމެއް ނޫނެވެ. އަޅުކަން ކުރުމަށްޓަކާ ދުލުން ނިޔަތް ކިޔުމަކީ رَسُولُ الله صَلَّى الله عَلَيه وَسَلَّم ގެ ސުންނަތެއް ނޫނެވެ. އަދި ޞަޙާބީން ވެސް ކުރެއްވި ކަމެއް ނޫނެވެ. ނިޔަތަކީ ކަމެއް ކުރުމަށް ޤަޞްދު ކުރުމެވެ. ނުވަތަ ޢަޒުމް ކުރުމެވެ. ނުވަތަ ކަނޑައެޅުމެވެ. އެހެންވީމާ އޭގެ މަޙައްލަކީ ދުލެއް ނޫނެވެ. އެކަމަކު އޭގެ މަޙައްލަކަށް ވާންވާނީ ހިތެވެ.

الله تعالى މުއުމިނުންގެ ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ މިންގަނޑު ހާމަ ކުރައްވައި رَسُولُ الله صَلَّى الله عَلَيه وَسَلَّم ޙަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވަނީ: (إِنَّمَا اْلأَعْمَالُ بِالنِّيَّاتِ) "ޢަމަލުތައް ޤަބޫލުވެގެންވަނީ ނިޔަތުގެ މައްޗަށެވެ." މި ފަދައިންނެވެ. ޢަމަލުތައް ޤަބޫލުވެގެންވަނީ ބުނާ ބަހުގެ މައްޗަކަށޭ ޙަދީސެއް ނުކުރައްވަ އެވެ. މި ކަމަށް ބާރު ލިބޭ އިތުރު އެތައް ހެއްކެއް އެބަހުއްޓެވެ. ނަމާދަށް އަރާމީހާ ވުޟޫ ކުރުމަށް އަމުރު ކުރެއްވި އާޔަތާ މެދު ވިސްނާލަމާ ހިނގާށެވެ. އެ އާޔަތުގައި ﷲ ވަޙީ ކުރެއްވީ: (يَا أَيُّهَا الَّذِين آمَنُوا إذَا قُمتُم إلَى الصَّلاَة فَاغْسِلُوا وُجُوهَكُم...) މި އާޔަތުގައި ނަމާދަށް ދާން ގަސްތުކުރާ މީހާ އެއްޗެއް ކިޔާކަށެއް ނާންގަވަ އެވެ. އަންގަވާފައި ވަނީ ނަމާދަށް ތެދުވެއްޖެ މީހާ ވުޟޫ ކޮށްގެން ނަމާދު ކުރުމަށެވެ. އެއިން ދޭހަ ވަނީ ނަމާދު ކުރުމަށް ނިޔަތް ގަތުމެވެ. ނިޔަތް ކިޔުމެއްނޫނެވެ.

رَسُولُ الله صَلَّى الله عَلَيه وَسَلَّم ނުބައިކޮށް ނަމާދު ކުރި މީހަކަށް ކުރެއްވި ޙަދީސް ގައި އަންގަވާފައި ވަނީ މި ފަދައިންނެވެ. (إذَا قُمتَ إِلَى الصَّلاَةِ فَأَسْبِغِ الوُضُوءَ ثُمَّ اسْتَقْبِلِ القِبلَةَ فَكَبِّر) "ތިބާ ނަމާދަށް ތެދުވެއްޖެ ހިނދު ފުރިހަމައަށް ވުޟޫ ކޮށްގެން، ޤިބުލައަށް ކުރިމަތި ލައި، ތަކްބީރު ކިޔައި (ނަމާދަށް ފަށާށެވެ.) މި ފަދައިންނެވެ. އެ ޒަމާނުގައި ވެސް އެއްވެސް އަޅުކަން ކުރުމުގައި ނިޔަތް ކިޔުމަކަށް رَسُولُ الله صَلَّى الله عَلَيه وَسَلَّم ނާންގަވަ އެވެ. ނިޔަތް ކިޔުމަކީ ޝަރުޢީ ގޮތް ކަމުގައި ވީ ނަމަ އެ ކަމަށް އަމުރު ކުރައްވައި އެ ގޮތަށް ޞަޙާބީން ތަރުބިޔަތު ކުރެއްވީހެވެ.

ނިޔަތް ގަތުމާ ބެހޭގޮތުން اَلإِمَامُ السُّيُوطِي رَحِمَهُ الله ވިދާޅުވަނީ މީހަކު ހިތުން ނިޔަތް ގަނެ، ދުލުން ނިޔަތް ކީއިރު ހިތުން ނިޔަތް ގަތް ގޮތާ ދުލުން ނިޔަތް ކީ ގޮތް ތަފާތު ވެއްޖެ ނަމަ ޤަބޫލުވެގެންވާނީ ހިތުން ނިޔަތް ގަތް ގޮތް ކަމުގަ އެވެ. ދުލުން ކީ ގޮތެއް ނޫނެވެ. މިސާލަކަށް މީހަކު ޢަޞުރު ނަމާދަށް ހުއްޓިފައި ތަކްބީރު ކިޔައި ހިތަށް އެރުވީ ޢަޞްރު ނަމާދެވެ. އެ ކަމަކު އޭނާ ޢަރަބި ބަހުން އޮންނަ ޢިބާރާތް "أُصَلِّى فَرضَ الظُّهْرِ اَرْبَعَ رَكَعَاتٍ أَدَاءً للهِ تَعَالَى" މި ފަދައިންނެވެ. މާނަ އަކީ "އަހުރެން މެންދުރު ނަމާދުގެ ފަރްޟު ހަތަރު ރަކްޢަތް ﷲއަށް އަދާއަށް ކުރަމެވެ." އާދެ އޭނާ ދުލުން ކީ މެންދުރު ނަމާދު ކުރާ ވާހަކަ އެވެ. މި ޙާލަތުގައި އޭނާގެ ނަމާދު ޞައްޙަވާނެ އެވެ.

ޙައްޖާއި ޢުމްރާގައި "اللهُمَّ لَبَّيكَ حَجًّا" ނުވަތަ "اللهُمَّ لَبَّيكَ حَجًّا وَ عُمْرَةً" މި ފަދައިން رَسُولُ الله صَلَّى الله عَلَيه وَسَلَّم ވިދާޅުވި ބަސްފުޅާ މެދު ބައެއް އިލްމުވެރިން އެއީ ދުލުން ނިޔަތް ވިދާޅުވުން ކަމުގައި ލިޔުއްވަ އެވެ. ނަމަވެސް މި ޒަމާނުގެ މަޝްހޫރު مُحَقِّقُ އަދި ޙަދީސް ޢިލްމުވެރިޔާ الشيخ عبد العزيز بن عبد الله ابن باز ލިޔުއްވަނީ އެއީ ދުލުން ނިޔަތް ވިދާޅުވުން ނޫން ކަމަށާއި އެކަމަކު އެއީ ތަލްބިޔާ ވިދާޅުވުން ކަމަށެވެ. فتاوى إسلامية( 2 / 216) ވީމާ ބައެއް ޢިލްމުވެރިން އަޅުކަމުގައި ދުލުން ނިޔަތް ކިޔަން ޖެހޭނެ ކަމަށް ބާރު އަޅުއްވާ ކަމުގައި ވިޔަސް އެއީ އެހާ އިތުބާރު ހުރި ގޮތެއްގައި އައިސްފައިވާ ވާހަކައެއް ނޫނެވެ. والله اعلم .

ލިޔުއްވާފައިވަނީ: އަލްޢުސްތާޛު އަޙްމަދު ފަހުމީ ދީދީ


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން