ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަ މަސް ފަހުން ބާއްވަން ފާސްކުރި ބިލު ވަގުތުން ތަސްދީގުކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.

ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ނަމަވެސް އަދިވެސް އެ ބިލު ތަސްދީގެއް ނުކުރެއެވެ.

އެކަމާ ގުޅޭ ގޮތުން ފައްޔާޒް އެކްސްގައި ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީގު ކުރަންޖެހޭ." ފައްޔާޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައި ވަނީ މާޗު މަހުގެ 17 ގައެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން