ފާތިމަތު ނަޒީފާ އަޙްމަދު   26 ފެބްރުއަރީ 2024 - 0:53
ބޭނުން ނުކޮށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް
ބޭނުން ނުކޮށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް
މާލެ ސަރަހައްދުގައި ބޭނުން ނުކޮށް ހުރި 108 އުޅަނދެއް ނަގާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަނދުތައް ގިނަވެ މަގުތައް ތޮއްޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތުގެ ތެރެއިން މި ނިމިދިޔަ ހަފްތާގެ ތެރޭގައި މާލެއިންނާއި ހުޅުމާލެއިން 52 އުޅަނދު ނަގާފައިވާ ކަމަށާއި މިހާތަނަށް އެކުޖުމްލަ 108 އުޅަނދު ނަގާފައިވާ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ފެށި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކުރިކުރުން 25 އުޅަނދަށް ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން