ފާތިމަތު ނަޒީފާ އަޙްމަދު   26 ފެބްރުއަރީ 2024 - 1:26
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ ބޮޑުކޮށްދިނުމަށް ހއ. ބާރަށު އަންހެނުންގެ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ދަންނަވައިފިއެވެ.

ރައީސް މުއިއްޒު ވަނީ މިއަދު ބާރަށު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކޮށް، ރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ.

މީގެ އިތުރުން ރަށުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޑޮކްޓަރުން އިތުރުކޮށްދެއްވުމަށް އެދިފައި ވެއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޒުވާނުންނަށް މަސްވެރިކަން ކުރުމަށް 'ސްޕޯޓް ފިޝިންގ' އަށް ޚާއްޞަކޮށް ކަނދުފައްޗެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރިއެވެ.

ބާރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

އެގޮތުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަޖެޓުގެ ދަތިކަން ފާހަގަކޮށް، ރަށުގައި އަންހެން ކަނބަލުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށް އެކަނބަލުން އެދިފައި ވެއެވެ.

މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ލިބޭ މުސާރަ އިތުރުކޮށްދެއްވުމަށާއި، ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަށް އެކަނބަލުން އެދުނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން