ކުރީ ސަރުކާރުގެ ވެރިން ރާވާފައި އޮތީ ރާއްޖެ ބަނގުރޫޓު ކޮށްލަންކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން, ސައީދު ވިދާޅުވީ, ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރާއި ރައީސް ޞާލިޙް ބަޔަކާއި ގުޅިގެން ރާއްޖެ ބަނގުރޫޓު ކޮށްލުމުގެ ޕްލޭނެއް ރާވާފައިވާ ކަމަށެވެ.



ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެކަމާ ކޯފާ އިސްކުރައްވާ ރަޖިސްޓްރީ ވެސް ނުކުރާ ނޫސްތަކުގައި ރާއްޖޭގެ ތަސައްވުރު ގޯސްކުރަން ވާހަކަތައް ފަތުރާފައިވާ ކަމަށް ސައީދު ތުހުމަތު ކުރެއްވެވި އެވެ. ނަމަވެސް, އެކަމުން ”ސަމުގާގެ ކަށި އެނބުރޭނީ“ ކޮން ކޮޅަކަށް ބާއޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރާއިމެދު ދޮގުވާހަކަތައް ދައްކަމުންދާ އެންމެބޮޑު ސަބަބަކީ ކުރީ ސަރުކާރުގެ ވެރިން ރޭވިރޭވުން ކާމިޔާބު ނުވުން ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވެފައިވަނީ, އެމްޑީޕީއަކީ އަބަދު ވެސް ގައުމުގެ އިގުތިސާދު ފުނޑުފުނޑު ކޮށްލުމަށް ރޭވިގެން މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި އެ ޕާޓީއަށް ވެރިކަން ލިބޭ ކޮންމެފަހަރަކު ރާއްޖޭގެ ހަރުމުދާ ވިއްކާ އިގުތިސާދު ބޮޑު އަނދަވަޅަކަށް ވައްޓާލާކަމަށް ސައީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން