ރަމަޟާން މަހު އިންތިހާބުތައް ނުބޭއްވޭގޮތަށް އިންތިހާބާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމުން އެ ބިލް އަނެއްކާ ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު މަޖިލީހުންވަނީ, އެ ގާނޫނަށް އިސްލާހު ގެނެސް, ރަމަޟާންމަހު އިންތިހާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ރައީސަށް ފޮނުވާފައެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.

ނަމަވެސް ތަސްދީގު ނުކުރައްވާ ބިލް އަނބުރާ ފޮނުވާލައްވަމުން ރައީސް އޮފީހުން ބުނެފައިވަނީ ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއަތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިސްލާހު ކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ލަފާދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާގައި އެ ނަންބަރަށް ބަހުސްކުރުން މިހާރުވަނީ ހިމަނާފައެވެ. އެ ނަންބަރު ހިމަނާފައިވަނީ ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.

މި ބިލުގެ އިތުރުން މާދަމާގެ ޖަލްސާއަށް ވަނީ ޕާޓީ ބަދަލުކުރުމުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވެސް އެޖެންޑާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން