ޕީޕިއެމް ޕީއެންސީގެ ބައެއް މެމްބަރުން އެމްޑީޕީއަށް ބައިއަތު ހިފައިގެން ބައެއް ދާއިރާތަކުން ސަރުކާރަށް ގެއްލުންވާ ގޮތަށް މަަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފަށައި، ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕީޕިއެމް ޕީއެންސީގެ ބައެއް މެމްބަރުން އަމިއްލަ މަސްހަލަތު އިސްކޮށް އެމްޑީޕީއަށް ބައިއަތު ހިފައި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑަައިގެންފައިވާ ކަމަށެވެ. ރައީސް ވަނީ އެފަދަ ކަންކަން ނުކުރުމަށް ޕީޕިއެމް ޕީއެންސީގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.



"އަޅުގަނޑުމެންގެ އަމިއްލަ އެދުމަށް އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަންޖެހޭ، ގައުމު ކުރިއަށް ނެރެންޖެހޭ އެންމެ ފުރަތަމަ ގައުމު، ގައުމު އިސްނުކޮށް މިއަދު އަަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން އަޅުގަނޑުމެން ލިބޭނެ ކާމިޔާބެއް ކުރިއެރުމެއް އެބައޮތްތޯ؟ ހިތާމައަކީ އަަޅުގަނޑުމެންގެ ތެރެއިން މަދުން ނަމަވެސް ބައެއް ބޭފުޅުން މިއަދު އެމްޑީޕީ އާއި ބައިއަތު އެބަ ހިފާ. އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ގޮނޑިއަށް ގެއްލުންވާގޮތަށް މިއީ ސައްހަކޮށް އަޅުގަނޑާއި ހަމަޔަށް ލިބިފައި ހުރި މައުލޫމާތުވީމަ ހިތާމަޔާއެކީ މިކަން ފާހަގަކުރަން، މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ހުއްޓާ ޕާޓީގެ ފަރާތުން އަމިއްލަ ގޮތުން ވާދަކުރުމަކީ ޕާޓީގެ ތެރޭގައި ވޯޓް ބައިބައިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ގޮނޑި އެމްޑީޕީއަށް ލިބި ނުވަތަ ސަރުކާރަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރަައީސް މުޢިއްޒު ވިދާޅުވިއެެވެ.

"އަޅުގަނޑުމެންނަށް ބައެއް ދާއިރާތަކުން މިފެންނަނީ ޕްރައިމަރީގައި ވަކިގޮތަކަށް ނިމުނީމަ ނޫނީ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރީމާ، އެހެން ނަމަވެސް އަމިއްލަ މަސްލަހަތު އިސްކުރަށްވައިގެން ވާދަކުރަށްވާ ތަން، ،ވަރަށް ފަސޭހައިން ކާމިޔާބުކުރެވޭނެ ބައެއް ދާއިރާތަކުގައި މިކަން ފެންނާތީ އަޅުގަނޑު ހިތާމަކުރަން، އޭގެ ސަބަބުން ފަސޭހަ ކަމާއެކީގައި އެ ގޮނޑި ގެއްލޭނީ ގެއްލޭތަން އެބަފެނޭ، މިކަން ނުކުރައްވަން އަޅުގަނޑު އެދެން މެމްބަރުންގެ ކިބައިން، މަދު ދާއިރާތަކެއް އެންމެ ވަރުގަދަކޮށް ހުރި ދާއިރާތައްވީމަ މި ވާހަކަ މި މިދަންނަވަނީ،"ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ރާވާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަން ކުރެވޭނީ ޕީއެންސީ/ ޕީޕީއެމްގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަމިއްލަ މަސްލަހަތު އެއްފަރާތް ކޮށްފައި އަޅުގަނޑު ތާއީދުކުރާ، އަޅުގަނޑުމެން ތާއީދުކުރާ، ސަރުކާރުން އެދޭ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމުގައި އަޅުގަނޑުމެންގެ ޕީޕީއެމް/ޕީއެންސީގެ ކިބައިން ވެސް އަޅުގަނޑު އެދެނީ އެގޮތަށް މަސައްކަތް ކޮށްދިނުމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން