ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން މ.މަޑުއްވަރީގައި ކުރިއަށް ގެންދާ މައިސްޓްރޯ ކަޕް 2024 ފަށައިފިއެވެ.

މި މުބާރާތަކީ މ. މަޑުއްވަރީގެ ޢުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަމަށް މި މުބާރާތް އިންތިޒާމް ކުރަށްވާ މ. މަޑުއްވަރީ ކައުންސިލް މެންބަރ އިބްރާހިމް އަސްލަމް ޢަލީ ވިދާޅުވިއެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މައިސްޓްރޯ ކަޕް 2024 ޝަރަފްވެރިކޮށްދެއްވީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިކްރާމް ޙަސަންއެވެ. މި ރަސްމިއްޔާތުގައި އިކްރާމް ވިދާޅުވީ 35 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަކީ ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

ޖުމްލަ 4 ޓީމް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ވާދަކޮށްފައިވަނީ މަސްރޮށި އާއި މަޑުއްވަރީ މުސްކުޅީ ބޯއިސް އެވެ. މިމެޗް 5 ލަނޑު 4 ލަނޑުން ކާމިޔާބު ކުރީ މަޑުއްވަރީ މުސްކުޅި ބޯއިސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަޑުއްވަރީ މުސްކުޅި ބޯއިސް އަށް 3 ގޯލް ކާމިޔާބުކޮށްދިން އިބްރާހިމް އާތިފް އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ނޯ-ޓީ ބޯއިސް އާއި އެއްލިކަޅި އެވެ. މި ދެޓީމްގެ ކުރިމަތިލުން 14 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ ނޯ-ޓީ ބޯއިސްގެ ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޯ-ޓީ ބޯއިސްގެ ޓީމަށް 8 ގޯލް ކާމިޔާބު ކޮށްދިން އިސްމާޢީލް ޢީސާ (މެސީ) އެވެ.



މި މުބާރާތުގައި މިރޭވެސް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:30 ގައި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ނޯ-ޓީ ބޯއިސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ 9:30 ގައި މަސްރޮށި ނިކުންނާނީ އެއްލި ކަޅި އާ ދެކޮޅަށެވެ.

މައިސްޓްރޯ ކަޕް 2024 އަކީ މ. މަޑުއްވަރީ ކައުންސިލުން އެންޑޯޒް ކޮށްފައިވާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މަޑުއްވަރީ މުސްކުޅި ބޯއިސް އެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އައިޑީޒެޑްލިންކް.ކޮމް އެވެ. ކިޓް ޕާޓްނަރަކީ ފޭލި އާޓެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ރެޑް ކްރިއޭޓިކް ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ މައިދޫ ސްޕީޑެވެ. ކޮމިއުނިޓީ ޕާޓްނަރުންގެ ގޮތުގައި މ. މަޑުއްވަރީ ޕޮލިސް ޕޯސްޓާއި މަޑުއްވަރީގައި ހަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާތައް ވަނީ ހަމަޖައްސާފައެވެ.



މުބާރާތުގެ ބްރޯންޒް ޕާޓްނަރުންނަކީ އަވަށު ޓީމާއި ހައިބްރިޑް އެފްއެކްސް މުއީން އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ މައިސްޓްރޯ ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން