މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނިކުން ނަތީޖާއަކީ ގައުމުުގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުން ބޭނުންވާކަމުގެ ވަރުގަދަ ނިންމުމެއްކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ގުނި ވޯޓުގެ ނަތީޖާތަކުން ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީއަށް ވަނީ މެޖޯރިޓީ ލިބިފަ އެވެ. އަދި ސުޕަ މެޖޯރިޓީ ލިބޭނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ.

އެ ނަތީޖާއަށް އިޝާރާތްކުރަށްވައި ފޮރިން މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިވެހި ރައްޔިތުން ކިޔާފައި މިވަނީ ހޫނު މަރުޙަބާއެއް ކަމަށެވެ. އަދި މިއީ ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދަމަހައްޓަން ބޭނުންވާކަމުގެ ވަރުގަދަ ނިންމުމެއް ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ހަމަ އެހެންމެ މިއަދު ރައްޔިތުން ދެއްވި ފުރިހަމަ ތާއީދާއެކު، ގައުމުގެ ކުރިއެރުމާއި ތަރައްގީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބާރުމިނުގައި އެތައް ގުނައަކުން އަވަސް ވެގެންދާނެ ކަމުގެ ޔަޤީންކަން ލިބިއްޖެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

"އަދި ރައީސް ޑރ. މުޢިއްޒުގެ ތާއީދާ އެކު ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބޭފުޅުންނަށް މަރުޙަބާ." ޒަމީރު އިތުރަށް ވިދާޅުވި އެވެ.

މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އަޣުލަބިއްޔަތު ވެސް ވެރިކަންކުރާ ޕީއެންސީއިން ވަނީ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން