މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދީ ބޮޑު އީދުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް އިދިކޮޅު އެމްޑީޕީއިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީންނެރުނު ބަޔާނެއްގައި ވަނީ ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށާއި އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އަދި އިންޑަސްޓްރީގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް އޮތީ ވިއްކާލާފައި ކަމަށެެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ޤާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެމްޑީޕީން ބުނީ އެ ޕާޓީން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

އެމްޑީޕީއިން ވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދިޔުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްޑީޕީއީން ވަނީ އެކަން ހުއްޓާލައި ވީހާވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ވެރިކަމުގައި “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެެވެ. އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށްވެސް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން ބުނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނާގާބިލުކަމުގެ ސަބަބުން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށެެވެ. އެމްޑީޕީއިން ވަނީ ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރަން ސަރުކާރަށް ގޮވާލާފައެވެ.

އެމްޑީޕީން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ލޭނު އެޅުން ސަރުކާރުން ހުއްދަ ކުރަން ކުރާ މަސައްކަތާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލައި މަސްވެރިން މިއަދު އިހުތިޖާޖްކޮށްފައިވާ ދަނޑިވަޅެއްގައެެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިސްވެ ކުރަމުންދާ އިހުތިޖާޖް މާލޭގެ ފަޅު ތެރޭގައި ގިނަ އަދަދެއްގެ އޮޑި ދޯނި ތަކުން ވަނީ ބައިވެރިވެފައެެވެ.

ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތަށް އިނގިރޭސިންނާ އަދި ހުޅަނގާ ގާތް ގުޅުމެއް އޮތް ކަމަށް ބުނާ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔައިރުވެސް ރާއްޖެއިން އީޔޫއާ އިނގިރޭސި ވިލާތަށް އެކްސްޕޯޓް ކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މައްސަލައިގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނެތްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން