މިސަރުކާރު ވެރިކަމަށް އައިސް ދޫކުރި ކުށްވެރިންނާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިންނަށް ދޫކުރި ކުށްވެރިންގެ އަދަދު ހާމަކުރަން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.

މާރިޔާ މިކަމަށް ގޮވާލެއްވީ، ކުރީ ސަރުކާރުން ދޫކޮށްލި އެތައް ސަތޭކަ ގައިދީންނާއެކު މާލޭގައި އުފެދިފައިވާ ވަގުންގެ ނެޓްވޯކު ހުއްޓުވަން ދަތިވެފައިވާ ކަމަށް ފުލުހުން ހާމަކުރުމާއި ގުޅިގެންނެެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ކުށްކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން [ކުރީ ސަރުކާރުން] 454 ކުށްވެރިން ޖަލުތަކުން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަކަމަކަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ. އަދި އެކަން ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާ ކަަމަށް މާރިޔާ ވިދާޅުވިއެވެެ.

"އައު ސަރުކާރު އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލަން!" މާރިޔާ އެކްސްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މާރިޔާ ދީދީ ވިދާޅުވީ، ތަންފީޒީ އިދާރާތައް ފަސްޖެހޭނަމަ، އަމިއްލައަށް މީހުން ޤާނޫން ތަންފީޒް ކުރަން ފަށާނެ ކަމަށެވެ. އަދި އޭގައި އެންމެ ބިރުބޮޑުވާނީ، ބާރުގަދަ ސަރުކާރުތަކުން ޤާނޫނުން ބޭރުން ކަންކަން ތަންފީޒު ކުރަންފަށާ ޢާންމުން އެކަމަށް މަރްހަބާ ކިޔަން ފެށުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި ކުރީގެ ސަރުކާރުން މުޖުތަމައަށް ދޫކޮށްލާފައި ވާތީ ކަމަށެެވެ. އޭނާ ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ.

ޝިފާން ވިދާޅުވީ 434 ކުށްވެރިން މުޖުތަމައަށް ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށެެވެ. ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން