ސިނަމާލެ ބްރިޖުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު މަރުވިކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި، މަރުވީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް އިއްޔެދިން މައުލޫމާތުގައި ވާގޮތުން އެ ބިދޭސީ މީހާ އަނބުރައިގަނެގެން ހޯމަދުވަހުގެ ރޭ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން މިއަދު މައުލޫމާތު ދީފައިވާ ގޮތުން އެ ބިދޭސީ މީހާ އަކީ ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މީސް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތަހުގީގީ އިދާރާތަކުން ތިލަމާލެ ބްރިޖުގައި މަސައްކަތް ކުރާ ކުންފުނީގެ އެއްބާރުލުމާއެކު މި ހާދިސާ ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ވުޒާރާއިން ވަނީ އެ ބިދޭސީ މަސައްކަތްތެރިޔާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.



ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދަނީ އެފްކޮންސްއިންނެވެ. ތިލަމާލެ ބްރިޖަކީ ނިމިގެންދިޔަ ރައީސް ސާލިހު ގެ ސަރުކާރުން ފަށައިގެން ކުރިޔަށްގެންދާ އެސަރުކާރުގެ އެއްމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުން ވިލިނގިލި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން