އައްޑޫސިޓީ ތަރައްގީ ކުރެވޭނީ ބޭރުގައުމުތަކުން ސީދާ ޑައިރެކްޓް ފުލައިޓް އައިސްގެން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރެވޭނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގައުމުތަކުން ޑައިރެކްޓް ފުލައިޓް އައިސްގެން ކަމަށެވެ. އަދި އެގޮތަށް ފުލައިޓްތައް ނައިސް އައްޑޫގެ ޓޫރިޒަމާއި އެ ސިޓީ ތަރައްގީވެގެން ނުދާނެ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސިޓީކައުންސިލުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫއަކީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން ވަރަށް ދިގު ތަފާތު ތާރިޚެއް އޮތް ތަނެއް ކަމަށެވެ. އޭގެ އިތުރުން އައްޑުއަކީ ރީތި ސަގާފަތް ތަކެއް ގެންގުޅުނު ރަށެއް ކަމަށާއި އެހެންކަމުން އެކަން ވިއްކުމަށް ސިޓީކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޓީކައުންސިލުން އިސްނަގައިގެން އައްޑޫގައި މިއުޒިއަމް އަކާއި އާޓްގެލެރީ އެއް ގާއިމް ކުރުމަށް ބިން ކަނޑައަޅައި އެ ދެ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިއުޒިއަމް އާއި އާޓްގެލެރީގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ އާޓްގެލެރީ އަޅާނީ މަރަދޫގައި އަޅާފައިވާ ބޮޑު ގޭގައި ކަމަށާއި މިއުޒިއަމް އަޅާގޮތަށް ހަމަޖެހިފައިވަނީ ހިތަދޫގައި ކަމަށެވެ.

"ހިތަދޫގައި މިއުޒިއަމް އަކާއެކު އެތަން ތަރައްގީކުރެވޭނެ، ކައިރީގައި ހުރި އެހެން އިމާރާތެއް ކުއްޔަށް ނެގުމަށްފަހު އެ އިމާރާތާއެކު ނިމިގެންދާނީ. އެ އިމާރާތުގައި އައްޑޫއަށް އަންނަ ޓޫރިސްޓުންނަށް ވާޗުއަލްކޮށް ޒަމާނީ ވަސީލަތްތަކާއެކު އައްޑޫ ދެެއްކުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން، އައްޑޫގެ ތާރިޚު ވެސް ކިޔައިދީ އަޅުގަނޑުމެން އެގޮތަށް މަސައްކަތް ކުރާނީ. މިއަހަރު ތެރޭގައި އެކަން އަޅުގަނޑުމެން ނިންމާނީ، މިދެންނެވީ އައްޑުއަށް ޒިޔާރަތްކުރާ މީހުންނަށް ދައްކާލެވޭވަރު ކުރާނަން." އައްޑޫގެ މޭޔަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން