ނ. މަނަދޫއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގ ޙާލަތަށް ގެނެސްފިއެވެ.

މަނަދޫ މޮނިޓަރިންގެ ޙާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެރަށުން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ. މިކަމާގުޅިގެން އެ ރަށް މޮނިޓަރިންގއަށް ލާފައި ވަނީ މިރޭ 19:39 އިން ފެށިގެން އެޗް.ޕީ.އޭއިން ވަކި އެއްޗެއް އަންގަންދެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މަނަދޫގައި ފުރަބަންދު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުުމުން އޭނާއަށް ގުޅި އިރު ވެސް ނުކުމެ ހުރީ ގެއިން ބޭރުގައި ކަމަށެވެ. އޭނާ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ވުމުން ނެގި ސާމްޕަލް ޕޮޒިޓިވްވި އިރު، ސާމްޕަލް ނެގި ދުވަހުން ފެށިގެން ނަތީޖާ ލިބުމާ ހަމައަށް އާއްމުކޮށް ރަށު ތެރެއަށް ނުކުމެ މީހުންނާ ބައްދަލުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ނ. މަނަދޫ މޮނިޓަރިންގއަށް ލާފައިވާކަން އަންގާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ލިޔުމުގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާކަމަށެވެ.

މޮނިޓަރކުރުމާ ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށްވެސް މި ލިޔުމުގައި ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން