ޞާދިރު ޢަލީދީދީ   16 ސެޕްޓެމްބަރު 2020 - 14:30
ސަންޑޭ
ސަންޑޭ
އެޕިސޯޑް 24

...............

ފާތިނާ ވަންއިރު ނަދުހާމެން ތިބީ ކޮޓަރީގައެވެ. ފާތިނާ ދޮރުގައި ޓަކިޖަހާލިއެވެ. ދޮރު ހުޅުވީ ނަވާލެވެ.

[އަނހަ....ފާތިނާ!؟] ނަވާލް ކޮޓަރިން ނުކުތެވެ. ފާތިނާ ވަނީ ކޮޓަރިތެރެއަށެވެ. ހިރިވެސްނުލާ ނަދުހާ އެނދުގައި އިނީއެވެ. ފާތިނާ ގާތު ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާށެވެ. ފާތިނާ ވަންގޮތަށް އައިސް ނަދުހާގެ ގާތުގައި އެނދުގެ މަގަތުގައި އިށީނެވެ.

[ނަދޫ ކީއްވެ މިއަދު ނުދިޔައީ؟] ފާތިނާ ބުންޏެވެ.

[ޕްރެގްކަން ޔަޤީންވާތީ ނުދިޔައީ....ކޮންމެހެން ކުރަން ނުޖެހެންޏާ، ސްކޭން ކުރުމަކީ ރަނގަޅު ކަމެއް ނޫނޭ ބައެއް ތަޖްރިބާކާރުން ބުނޭވިއްޔަ.....] ނަދުހާ ނިކަން ވިސްނާފައި ބުންޏެވެ.

[އަޞްލުވެސްތަ މަރްޙަބާ....މިހާރުއްސުރެ ލަވައިގައި ބުނާހެން، ހަކަތަދޭ މޭވާއާއި ތަރުކާރީ ކާންވާނެ. އޭރުން ދަރިފުޅުގެ ޞިއްޙަތާއި މައިމީހާގެ ހަކަތަ ވަރުގަދަވާނީ....] ނިދާފައި އޮތް ނަވާލްގެ ދަރިފުޅާ ދިމާއަށް ފާތިނާއަށް ބަލައިލެވުނީ ދެނެވެ. އެކުއްޖާ އޮތް ޙާލުފެނި އޭނާ ވަރަށް ޙައިރާންވެއްޖެއެވެ.

[ނަދޫ!؟ މިކުއްޖާއަށް މިއޮތީ ކިހިނެއްވެފަ....މުޅިން ރީނދޫވެފައި، ރަތް ކުލައިގެ ނިޝާންތަކެއްވެސް ކަރުގައި އެބަހުރި.....] ފާތިނާ އޭނާގެ އަތުގައި އޮތް ދަބަސް ހުޅުވާލުމަށްފަހު ކަށިގަނޑު ނަގާ ކަރުގައި އަޅުވާލިއެވެ.

[ފަތިހު ތިކަމެއްވެފައި ތިހުރީ.....މިގޭ މީހުން ބުރަވަނީ ފަންޑިތަވެރި ކަމަކަށް....ފަންޑިތަ ހަދަން މީހަކު ގެނެސް، އެމީހާ ލައްވާ ފާލުބެލުވީމާ ބުނީ ޖިންނި ކަންތަކެކޯ......ޒާހިން މަރާލަން ޖިންނިއަކު މަސައްކަތް ކުރަނީއޭ.....އަޅޭ ފާތިނާއަށް ޑޮކްޓަރީ ބޭހަކުން މިސޮރު ރަނގަޅެއް ނުކުރެވޭނެތަ؟] ނަދުހާ އެއްސެވެ. ކާސިމްބެ އައުމުގެ ކުރިން ނަދުހާ ބޭނުންވަނީ ޒާހިން ރަނގަޅު ކުރެވެންޏާ ކުރާށެވެ. ފާތިނާ ކަށިގަނޑު އަޅާލިއެވެ.

[ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކާލުން ވަރަށް ރަނގަޅުވާނެ. މިހާލުގައި ބާއްވައިގެން ބަލަން ތިބޭކަށް ނުވާނެ. އަވަހަށް ހޮސްޕިޓަލަށް ގެންދަން އުޅޭ....] ފާތިނާ ލަފާދިނެވެ.

[އަދި ހަނދާން ނެތިފައޭ މިހުންނަނީ. އެއްކަލަ ސުހޭލު މިއަދު އަހަރެން ހޮސްޕިޓަލުން ނުކުންނަނިކޮށް ފެނިގެން ފަހަތުން ކޯރިއެޅި....އަހަރެން އަޅާވެސްނުލަން. އަހަރެން ޓެކްސީއަކަށް އަރައިގެން އައީމަވެސް، ފަހަތުން މިގެއާ ހަމައަށްވެސް ސައިކަލްގައި އައޭ. އަހަރެން ނުވެސް ފެންނަ ކަމަށް ހަދާފައި އެތެރެއަށް ވަނީ.....] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ފާތިނާ ބުންޏެވެ.

[މަބުނިތަން އައީތާދޯ. ފާތިނާ ނުލާހިކު ލޯބިވެއެއްނު، އަލުން އޭނައާ ގުޅެންވީނު.....] ނަދުހާ ޚިޔާލުދިނެވެ.

[ނުވާނެ ތިކަމެއް....ނަދޫއެއްކަމަކުވެސް ތިކަހަލަ ޚިޔާލު އަހަންނަށް ނުދޭތި. އަހަރެން ބޭނުމެއް ނޫން މިހާރު ހަތަރުކަޅި ހަމަކޮށް އޭނާއަށް ބަލާކަށްވެސް.....] އެއީ ފާތިނާ ހިތުގެ އަޑިން ނިންމާފައިވާ ގޮތެވެ. އޭނާއަކީ އެންމެ ކުޑައިރުއްސުރެވެސް ވަރަށް ގޮތުގައި ހިފަހައްޓާ މީހެކެވެ. ދެއިރުދެދަޅައަށް އޭނާގެ ޚިޔާލާއި ވިސްނުން ތަފާތެއް ނުވާނެއެވެ.

[ހިނގާބަލަ ބޮޑު ކޮޓަރިއަށް....] ނަދުހާ ކޮޓަރިން ނުކުތެވެ. ފަހަތުން ފާތިނާވެސް ނުކުތެވެ. ސިޓިންގރޫމްގައި ހުރި ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ނަދުހާ ގޮސް ފޯނު ނެގިއެވެ.

[އައްސަލާމް ޢަލައިކުމް......] އާދަކާދައިގެ މަތިން ނަދުހާ ވާހަކަ ދެއްކިއެވެ.

[ވަޢަލައިކުމުއް ސަލާމް.....] އެކޮޅުން ވާހަކަ ދެއްކީ ސުހޭލެވެ. އަޑުން އެއީ ސުހޭލުކަން އެނގުމާއެކު، ނަދުހާއަށް ބަލައިލެވުނީ ފާތިނާގެ މޫނަށެވެ.

[ފާތިނާއަށް ގޮވާލަދީފާނަން....؟ އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސުހޭލް އެދުނެވެ.

[ފާތިނާ ފޯނެއް.....] ނަދުހާ ފާތިނާ އަތަށް ފޯނުދިނެވެ.

[ހަލޯ.....ފާތިނާ ވާހަކަ ދައްކަނީ.....] ފާތިނާ ފޯނު ކައިރީ ހުރި ގޮނޑީގައި އިށީނެވެ.

[ފާތިނާ.....އަހަރެންދެކެ ވަރަށް ފޫހިވޭތަ؟] ކުށްވެރިއެއްކަން ޤަބޫލުކޮށްގެންހުރެ ސުހޭލް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

[ކާކުތީ.....ބާއްވަނީ.....] ފާތިނާ ފޯނު ބޭއްވިއެވެ. ސުހޭލު މޮޅު ވާހަކަ ދައްކައިގެން، އޭނާގެ ޢަޒުމް ގުޑުވާލާނޭހެން ހީވާތީއެވެ. ލޯބިވާ މީހަކު ކުރިމަތީގައި ރޮއި އާދޭސް ކުރަންޏާ މާފުނުދީ ހުރެވޭނީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށެވެ.

[ކާކު އެއީ....ސުހޭލުދޯ؟] ރަނގަޅަށް އެނގިހުރެވެސް ނަދުހާ އެއްސެވެ. ފާތިނާ ބޯޖަހާލިއެވެ. އެފޯންކޯލަށްފަހު، ވަގުތުން ފާތިނާގެ މޫޑު ބަދަލުވެއްޖެއެވެ. ވުމާއެކު، މިވަގުތު ދަނީއޭ، ފަހުން އަންނާނަމޭ ބުނެފައި، އޭނާ ދިޔައީ ގެއަށެވެ.

ފާތިނާ ދިޔުމާއެކު، ނަދުހާ އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. އޭނާ ބޭނުންވަނީ މުނާޒާ ބައްދަލުކުރާށެވެ. އޭނާ ހީކުރިއެވެ. ކޮޓަރިތެރޭ އޭނާ އެކަނިވާއިރަށް މުނާޒް އެތަނަށް ފާޅުވާނެއެވެ. ނަމަވެސް، މިފަހަރު ކޮޓަރިތެރޭހުރެ، އޭނާ އެކަމާ ވިސްނާ ވިސްނާ ވަރުބަލިވީއިރުވެސް މުނާޒް ހިލަމެއްނުވިއެވެ. ނަދުހާއަށް ޤަބޫލު ކުރެވުނީ މުނާޒް އޭނާއަށް ލަނޑުދީފައި ފިލީ ކަމަށެވެ. އެހެންކަމުން، ދެން އޭނާ ޤަޞްދުކުރީ އޭނާގެ މަންމަ ދަލޭކައާ ބައްދަލުކޮށް މަޝްވަރާ ކުރުމަށެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނީ ނަދުހާ ގެއަށްދާން ނުކުންނަން އުޅެނިކޮށެވެ. ނަދުހާ ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ރަނާ އުރައިގެން ހުރީ ދަލޭކައެވެ. އޭރު ނަވާލްވެސް އައިސް ކޮޓަރިދޮރާ އަރާހަމަވަނީއެވެ. ނަމަވެސް، ނަދުހާއަކަށް ނުފެނެއެވެ.

[މަންމާ....އަހަރެން މަންމައާ ބައްދަލުކުރަން ދާން އުޅެނިކޮށް މަންމައަށް ތިއާދެވުނީ.....] ނަދުހާ ދަލޭކަގެ އުރުގައި އިން ރަނާ އުރާލިއެވެ. ނަދުހާ ދަލޭކައަށް މަންމައޭ ކިޔާ މުޚާޠަބު ކުރުމުން ނަވާލްގެ ދެލޯ ބޮޑުވިއެވެ.

[ދަރިފުޅާ....ދެރަނުވޭ މަންމައަށް ހުރިހާ ކަމެއްވެސް އެނގޭ......] ދަލޭކަ ނަދުހާގެ ބުރަކަށީގައި ފިރުމާލިއެވެ. ނަދުހާއަށް އެމީހުންގެ ފަހަތަށްކަހަލަ ގޮތަކަށް ހުއްޓިހުރި ނަވާލް ފެނުނީ ދެނެވެ. ލިބުނު ހާސްކަމާއެކު އޭނާއަށް ތެޅިގަނެވުނެވެ. އަނެއްކާ އިތުރު ހާސްކަމަކާ އޭނާއަށް ކުރިމަތިލާން ޖެހުނީއެވެ.

[ނަދުހާ....] ނަވާލް އައިސް ނަދުހާމެންނާ އަރާހަމަކުރިއެވެ. ނަދުހާ އިސްޖަހާލިއެވެ. ގޮތްހުސްވެ މާޔޫސްވެފައި ދަލޭކައަށްވެސް ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އިންސާނަކަށް ނުވިޔަސް، އެމީހުންނަށްވެސް ވަގުތުން ވަގުތަށް ކަންތައްތައް ކުރުމުގެ ބާރެއް ލިބިގެނެއް ނުވެއެވެ.

[ކިހިނެއްވީ؟ އަހަރެން މަންމައޭ ކިޔާ ދަލޭކަ ދައްތައާ މުޚާޠަބު ކުރުމުން ޙައިރާންވީދޯ؟ އެކަމަކު މީކީ ޙައިރާންވެ އަންތަރީސްވާވަރުގެ ކަމެއް ނޫން. އަހަރެން ނަވާލާ އިނދެގެން މިގެއަށް ބަދަލުވުމުގެ ކުރިން ބައެއްފަހަރު ދަލޭކަ ދައްތައަށް މަންމާއޭ ކިޔާ މުޚާޠަބު ކުރަންދޯ ދަލޭކަ ދައްތާ....] ނުތަނަވަސްކަން ވެރިވެފައިވާ ނަވާލަށް ވަގުތުން ހަމަޖެހުން ލިބުނެވެ.

[މި މަންޖެގެ މައިންބަފައިން އަނެއްކާވެސް މިމަންޖެ މިގެއަށް ގެނައީތަ؟] ނަވާލްގެ ކަޅި ހުއްޓުނީ ނަދުހާގެ އުރުގައި އިން ރަނާއަށެވެ. ރަނާގެ އޮތީ ހަމަ ނަދުހާގެ ބޮލުގައިވެސް އޮންނަ ކަހަލަ ރަން އިސްތަށިކޮޅެކެވެ.

[ރަނާ ގެންގުޅެނީ ދަލޭކަ ދައްތަ.....ނަވާލަށް އެނގޭތަ، މީ ދަލޭކަ ދައްތަގެ މާމަ ދަރިއެކޭ.....] ނަވާލަށް މޭރުންނުވިޔަސް ނަދުހާ ހާމަކުރީ ޙަޤީޤަތެވެ.

[ފިސާރި ތެދެއް....ކީއްވެ ކުރިން ނަދޫ ތިވާހަކަ ނުބުނީ؟] ނަވާލް ނަދުހާގެ އުރުގައި އިން ރަނާ އުރާލިއެވެ.

[ބުނިނަމަޔޯ؟ މިގޭގަ ގެންގުޅެވުނީސްދޯ؟] ނަދުހާ އެއްސެވެ. އަދިވެސް އޭނާ ރަނާ އެގޭގަ ގެންގުޅެން ބޭނުންވާތީއެވެ.

[ގެންގުޅެވިދާނެ. އެކަމަކު މައްސަލައަކީ ނަދޫއަށް ދެކުދިންނަށް އެއްވަރަށް ލޯބި ނުދެވޭތީ....މިމަންޖެ މިގޭގައި އުޅުނުއިރު ހީވާކަހަލަ މީ ސީދާ ނަދުހާގެ ދަރިއެކޭ....އެހެންވެ ނަދުހާ އަހަރެންގެ ދަރިފުޅާ ތަފާތު ކުރަނީއޭ......] ނަވާލް ބުންޏެވެ. ނަދުހާގެ ގައިން ހީބިހިނަގައިގެންދިޔަ ކަހަލައެވެ.

[ދެން ތިވާހަކަ ހުއްޓާލާ. ކޮބާ އެމީހާ ބުނި ބޭސްތައް ލިބިއްޖެތަ؟] ނަދުހާ މަޥްޟޫޢު ބަދަލުކޮށްލީ މަސައްކަތް ކުރިއަށްދޭތޯ އޮޅުންފިލުވަން ބޭނުންވާތީއެވެ.

[އެކަންތަކާ އުޅެނީ ބައްޕަ. ކާސިމްބޭ ބުނީ މިފަހަރު އެޖިންނީގެ ޢާއިލާ އެކުގައި ދުވަސް ދުއްވާލާނަމޭ.] ކާސިމްބެގެ ވާހަކައިން ހިތްވަރު ލިބިފައި ހުރި ނަވާލް ބުނެލިއެވެ. ނަދުހާއަށް ބަލައިލެވުނީ ދަލޭކަގެ މޫނަށެވެ.

[އެންމެ މީހަކު ކުރާ ކުށުގެ އަދަބު މުޅި ޢާއިލާއަށް ދިނުމަކީ ބުއްދިވެރި ކަމެއް ނޫން.] ނަދުހާ ވާހަކަ ދެއްކީ، އޭނާގެ ދަރިފުޅުގެ ރައްކާތެރިކަމަށް ވިސްނައިގެންނެވެ.

[ނަދޫ ކީއްވެތަ މާވަރަކަށް ޖިންނީންނަށް ހަމްދަރުދީވަނީ....އެމަޢުޞޫމް ދަރިފުޅު ކޮން ކުށެއް ކޮށްގެންތަ، އޭތި އެސޮރާ އަޅައިގަތީ....އަހަރެން ބޭނުންވަނީ އޭތީގެ ޢާއިލާ، ކީއްކުރަން ޖިންނި ނަސްލު އެއްކޮށްވެސް ނައްތާލަން....] ނަދުހާއަށް ހީވީ ނަވާލަށް އޭނާގެ ޙަޤީޤަތް އެނގިގެން، އޭނާ ބިރުގަންނަވަން އުޅެނީހެންނެވެ. ނަދުހާ އިތުރަށް އެމަޥްޟޫޢަށް ވާހަކަ ނުދެއްކީ އެހެންވެގެން ކަމަށް ޤަބޫލު ކުރެވެއެވެ.

[ދަލޭކަ ދައްތައަކަށްވެސް ނުފެނޭ، ހުރިހާ ޖިންނިން ކުށްވެރިކޮށް އެ އެއްޗެހިތައް ނައްތާލަން މަސައްކަތް ކުރާކަށް....އެންމެ ރަނގަޅު، ނަވާލް ކުރި ކުށެއްގެ އަދަބު، އެއޮއް ތުއްތު ދަރިފުޅަށް ލިބެން ނަވާލް ބޭނުންވާނެތަ؟] މިސާލާއެކު ދަލޭކަވެސް މަސައްކަތް ކުރީ މާމަ ދަރިފުޅުގެ ސަލާމަތަށްޓަކައި ނަވާލްގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ. ފާއިޒް، ކާސިމްބެ ބުނި ބޭސްތައް ގަނެގެން ވަނީ އެވަގުތެވެ.

[ބޭސްތައް ގަނެގެން ބައްޕަ އެއައީ....] ނަވާލް ރަނާ ދަލޭކަގެ އަތަށް ދިންތަނާ، ކުޑަ އެނދުގައި އޮތް އޭނާގެ ދަރިފުޅު ޒާހިން ރޮއިގަތެވެ. ނަވާލް ނިކަން އަވަހަށް ގޮސް އޭނާ އުރާލިއެވެ. ނަމަވެސް، އޭނާގެ ރުއިމެއް ނުހުއްޓުނެވެ. ނަވާލް އެސޮރު މަސަލަސް ކުރަމުން ކޮޓަރިން ނުކުމެއްޖެއެވެ. ދަލޭކައާއި ނަދުހާ ކޮޓަރިތެރޭ މަޑުކުރީއެވެ. ދައްކަން ބޭނުންވާ އިތުރު ވާހަކަތައްވެސް ހުރުމާ އެކުގައެވެ.

[މަންމައަށް ހީވޭތަ ދެން މިކަމުން ސަލާމަތްވާނެ ގޮތެއް އޮތްހެން.......؟] ނަވާލް ދިޔުމާއެކު ނަދުހާ އެއްސެވެ.

[މަންމަވެސް މިވިސްނަނީ ތިކަމާ....ޙަޤީޤަތް ފަޅާއަރާއިރު، މިވާގޮތުން މުނާޒްވެސް ނަދޫގެ ދިރިއުޅުމުން އެއްކޮށް ގެއްލޭނެ. ދަރިފުޅު މުޅިން އެކަނިވާނެ އޭރުން....] ދަލޭކަގެ ސިކުނޑިވެސް ސުމަކަށް ގޮސްފައިވާ ކަހަލައެވެ.

[އެމީހުން ފަންޑިތަ ހެދުމުގެ ކުރިން ހުރިހާ ވާހަކައެއް ކިޔާދިނިއްޔާ ކިހިނެއްވާނެ....] ނަދުހާ އެއްސެވެ. ނަމަވެސް އެއީ މޮޔަ ޚިޔާލެއް ކަމަށް ބުނެ، ކެތްތެރިވުމަށް ދަލޭކަ ވިސްނައިދިނެވެ.

[މަންމަ މުނާޒް ގާތު ބުނާނަން ޒާހިން ރަނގަޅު ކުރާށޭ.] ދަލޭކަ ހިނގައިގަންނަމުން ބުންޏެވެ.

[މުނާޒަކަށް މިހާރަކު ޒާހިނާ ގާތެއް ނުވެވޭނެ. ޒާހިންގެ ކަރުގައި ކާސިމްބެ ދިޔައީ ނިކަން ވަރުގަދަ ތަވީދެއް އަޅުވާފައި....] ނަދުހާ ބުންޏެވެ. އެއީ ތެދެކެވެ. މުނާޒް ކީއްކުރަން ހެއްޔެވެ. ދަލޭކައަކަށްވެސް މިހާރަކު އެސޮރަކާ ގާތެއް ނުވެވޭނެއެވެ. އެހެން ނޫންނަމަ، އެކަންތައްގަނޑު މައްސަލައަކަށް ވުމުގެ ކުރިން އެމީހުން ޙައްލުކުރީހެވެ. ނަމަވެސް މިހާރަކު އެވެރިންނަކަށް ހަތިޔާރު ނަގާކަށް ފުރްޞަތެއް ނެތެވެ. މުނާޒަށް އެންމެ ގޮތެއް ނޫން ހުރިހާ ގޮތެއް ބަންދު ވެއްޖެއެވެ.

މިހާރު އޭނާ ވިސްނަނީ އެގޮތުންވެސް އަމިއްލަ ދިފާޢަށެވެ. އޭނާއަށް އޮތްހާވެސް ގޮތަކީ ކާސިމްބެއަށް ފަންޑިތަ ހެދުމަށް ފުރްޞަތު ނުދިނުމެވެ. ކާސިމްބެ އަމިއްލަ ރައްކަލަށް ކަމެއް ކޮށްފައި ނެތިއްޔާ، އޭނައަށް އޭނާގެ މަޤްޞަދު ޙާޞިލް ކުރެވިދާނެއެވެ. ނަދުހާއާއި ދަލޭކައަށް ނޭނގުނަސް މުނާޒް ދަނީ އެކަމަށް ފާރަލާ ބަލަމުންނެވެ. އޭނާ ދަނީ އޭނާއާއި އޭނާގެ ޢާއިލާގެ ދިފާޢަށް ވިސްނަމުންނެވެ. ހަވީރު ވެއްޖެއެވެ. ކާސިމްބެ ގެއިން ނުކުތީ ނަވާލްމެން ގެއަށް ދިޔުމަށެވެ. ފަންޑިތަ ހަދަން ބޭނުންވާނޭ ހުރިހާ ސާމާނާ އެކުގައެވެ. އޭނާ ހިނގަމުން އައިސް ހަނިގޯޅިގަނޑަކަށް އަރާހަމަވިތަނާ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ހުރަސްކުރީ ބުޅަލެކެވެ. އެއީ ނުރައްކަލުގެ ސިގްނަލެއް ކަމަށް ވިސްނުމަށްފަހު، ވަގުތުން އޭނާ ހުއްޓިއްޖެއެވެ. އޭނާ ފަސްއެނބުރި ބަލައިލުމަށްފަހު، އައިކޮޅަށް އެނބުރި ހިނގައިގެންފިއެވެ. އެއާއެކު އަނެއްކާ އެކޮޅުންވެސް ބުޅަލެއް ހުރަސްކޮށްލިއެވެ. ކާސިމްބެ ދެފަރާތަށް ބޯހޫރާލުމަށްފަހު މައިތިރި ކިޔަވާލިއެވެ. އެއަށްފަހު، އަނެއްކާވެސް އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގެންފިއެވެ. މިފަހަރު ކާސިމްބެއަށް ދެވުނީ ފަންސާހަކަށް ފޫޓަށެވެ. އޭނާގެ ކުރިމައްޗަށް ހުރަސްވީ ބޮޑު ފާރެކެވެ. ނަމަވެސް ކާސިމްބެ ބިރުގަތްހެނެއް ހިއެއްނުވެއެވެ. އޭނާ މަޑުޖެހިލުމަށްފަހު އެހިސާބު ގެއެއްގެ ދޮރާށި ކައިރީހުރި ގާގަނޑެއްގެ މަތީ އިށީނދެލިއެވެ. ނަމަވެސް، އޭނާގެ މޫނުމައްޗަކުން ބިރުވެރިކަމުގެ ކުޑަވެސް އަސަރެއް ނެތް ކަހަލައެވެ. އޭނާ ބިރުގަންނަން ފެށީ އެފާރު އޭނާއާ ކައިރިއަށްޖެހޭހެން ހީވެގެންނެވެ. އޭރުވެސް ކާސިމްބެ މެދުނުކެނޑި މައިތިރި ކިޔަވަމުން ދަނީއެވެ. ކާސިމްބެ ބިރުކަނޑާލާފައި ތެދުވެ އަނެއްކާވެސް އައިކޮޅަށް ހިނގައިގަތީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީއެވެ. ކާސިމްބެ ދިހަވަރަކަށް ފޫޓަށް ކުރިއަށް ގޮސް އެނބުރި ބަލައިލިއިރު، އެފާރެއް ނެތެވެ. މަގު އޮތީ ނިކަން އަމާންވެފައެވެ. ނަމަވެސް ދެން އަލުން އެނބުރި އެކޮޅަށްދާކަށް ކާސިމްބެ ޤަޞްދެއް ނުކުރިއެވެ. އޭނާ މިހާރު ބޭނުންވަނީ އޭނާގެ ގެއަށް އެނބުރިދާށެވެ. އެ ޖިންނިއާ އޭނާ ކުރިމަތިލާން ބޭނުންވަނީ ފުރިހަމަ ރައްކާތެރިކަމާ އެކުގައެވެ. ރަނގަޅަށް ތައްޔާރުނުވެ ކުރިމަތިލައިފިއްޔާ، ލިބިދާނެ ގެއްލުމަކާ ދޭތެރޭވެސް އޭނާ ވިސްނަންޖެހެއެވެ.

ކާސިމްބެ ލަސްވެގެން ފާއިޒް ގުޅީ ކާސިމްބެ ގެއަށް ވަންތަނާހެންނެވެ.

[ކާސިމްބެ ފޯނުވެސް ނުނަގާ ކޮންތާކު ތިއުޅެނީ؟] ފާއިޒް އެހިއެވެ.

[މިރޭ ކުރެވޭ ގޮތެއްނުވޭ....އެފަދަ ކަންތައްތައް ކުރަންޖެހޭނީ ވަރަށް ދަނޑިވަޅު ބަލާފައި. މާދަމާރެއަކީ އެންމެ ރަނގަޅު ރޭ.] ކާސިމްބެ ބުންޏެވެ.

[އޭރުން ލަހެއް ނުވާނެތަ؟ މިދަރިފުޅާ ދޭތެރޭ ހާދަ ކަންބޮޑުވެޔޭ. މިހާރު ހީވަނީ ކުރިއަށްވުރެންވެސް ރީނދޫކަން ގަދަހެން.] ފާއިޒް ހުރީ ނިކަން ކަންބޮޑުވެފައެވެ.

[ނުވާނެ އެއްކަމެއްވެސް. އެއްވެސް ޝައްކެއްނެތް، އެބާވަތުގެ އެކައްޗަކަށްވެސް މިހާރަކު އެސޮރާ ގާތެއް ނުވެވޭނެ.] ކާސިމްބެ ޔަޤީންކަމާއެކު މިހެން ބުނީމާ ފާއިޒްމެނަށް ހިތްވަރު ލިބުނެވެ.

[މިރެއަކު ނޫނޯ.....މާދަމާރެޔޯ.....އެކަމަކު މިސޮރަކާ އިތުރަކަށް ޖިންނިއަކަށް ގާތެއް ނުވެވޭނެޔޯ.....] ފޯނު ބޭއްވުމަށްފަހު ފާއިޒް ނަވާލާއި މަރީނާ ގާތު ބުންޏެވެ.

ދުވަސްތަކަކަށްފަހު ޒިލާ އެގެއަށް އައިސް ވަނީ އެވަގުތެވެ. ފަހުގެ އާދައިގެ މަތިން ޒިލާގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ހިތްހަމަޖެހުމުގެ ކުޑަވެސް އަސަރެއް، އެމޫނުމައްޗަކުން ފެންނާކަށް ނެތެވެ.

[ޒިލާ......!؟] ޒިލާ ފެނުމުން މަރީނާ ގޮސް ޒިލާގެ އަތުގައި ހިފެހެއްޓިއެވެ.

[ކީއްވެތަ އަހަރެންގެ ދަރިފުޅު ބަލިވީމާ އަހަންނަށް ނޭންގީ.....] ޒިލާ ވާހަކަ ދެއްކީ ނަވާލްގެ މޫނަށް ބަލަން ހުރެފައެވެ.

[ދަރިފުޅު ބައްޔެއް ނޫނޭ......ކާކު ޒިލާ ގާތު ބުނީ ދަރިފުޅު ބައްޔޭ؟] ނަވާލް އެއްސެވެ.

[މުނާޒް ބުނީ.....މިގޭތެރޭގަ ހިނގާ ހުރިހާ ކަމެއްގެ ވާހަކަ، ވަގުތުން ވަގުތަށް މުނާޒް އަހަންނަށް އަންގާ.....] އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު ގެންދަން....] ޒިލާ އެތެރެއަށް ވަދެގެން ހިނގައިގަތީ ކޮޓަރިތެރޭން ޒާހިން ރޮއިގަތް އަޑު އިވުނީމައެވެ. ޒިލާގެ އެޖުމްލައިން ނަދުހާއަށް ތެޅިގަނެވުނެވެ.

[މުނާޒޭ!؟ ކޮން މުނާޒެއް.....މުނާޒް ކިޔާ މީހަކު މިގެއަށް އައި ހަނދާނެއްނުވޭ....] މަރީނާ ވިސްނާލިއެވެ. ނަމަވެސް، އެބުނާ މުނާޒަކީ ކޮބައިކަމެއް އެމީހުންނަކަށް ނުވިސްނުނެވެ.

ޒިލާ ފަހަތުން ނަވާލްވެސް ގޮސް ކޮޓަރިއަށް ވަނެވެ. ކުޑަކުޑަ ޒާހިން އޮތް ހާލު ފެނުމާއެކު، ޒިލާގެ ލޮލުން ކަރުނަހިލެން ފެށިއެވެ. އޭނާ ރޮމުން ދަރިފުޅު އުރާލާ ލޯބިކުރަން ފެށިއެވެ. އެތުއްތު ދަރިފުޅުވެސް މަންމަގެ މޭގެތެރެއަށް ބޮނޑިވަމުންދާއިރު، ހީވަނީ މައިމީހާ ވަކިކުރަން އެނގޭހެންނެވެ.

އެނގޭނެއެވެ. ކުޑަދަރިފުޅަށް އެންމެ ތުއްތުއިރުވެސް މައިމީހާ ވަކިކުރަން އެނގޭނެއެވެ. ޒިލާ ދަރިފުޅާ ލޯބި ކުރަމުންދާ މަންޒަރާއި އެދަރިފުޅު އެލޯބިން ހިތްހަމަޖެހުން ޙިއްޞާކުރާ މިންވަރު އިޙްސާސްވުމުން، ނަވާލަށް ބަސް ހުއްޓިފައި ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ. އޭނާއަށް ހިލަންވީ ޒިލާ ދަރިފުޅާ ތުއްތު ބަހުރުވައިން މުޚާޠަބު ކުރަން ފެށީމައެވެ.

[މަންމަގެ ދޮންދޫނީ....މީގެފަހުން ދޫނި....އަބަދުވެސް އުޅޭނީ މަންމަގެ ޙިމާޔަތުގައި....] ދަރިފުޅުގެ އެތަން މިތާނގައި ބޮސްދެމުން ޒިލާ ވާހަކަ ދެއްކިއެވެ.

[ޒިލާ.....ޒިލާ ތިވިސްނަނީ ދަރިފުޅު ގެންދަންތަ؟] ނަވާލް ޒިލާއާ ގާތަށް ޖެހިލުމަށްފަހު އެއްސެވެ.

[އާނ، މިޢުމުރުގައި ދަރިފުޅަށް އެންމެ ބޭނުންވަނީ މައިމީހާގެ ލޯބި. އަހަރެން ބޭނުން މިދަރިފުޅަށް އަހަރެންގެ ލޯބި ހުސްކުރަން.] އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

[އަހަރެން ބޭނުން ތިދަރިފުޅަށް ބައްޕަގެ ލޯބިދޭންވެސް.....ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ލިބޭނީ މަންމައާއި ބައްޕަގެ ލޯބިވެސް ޙިއްޞާކޮށްގެން.] ނަވާލްވެސް ދަރިފުޅު އޭނާއާ ވަކިން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

[ތިހެން ބުނުމުގެ ފުރްޞަތެއް ނަވާލަކަށް ނެތް....އަހަރެން ނަވާލް ގާތު ނޭދެންތަ، ދެއަންބަށްވިޔަސް އަހަންނާ އިނުމަށް........] ޒިލާ ނަވާލްގެ ދުލުގައި ތަޅު އަޅުވާލި ކަހަލައެވެ. އެއީ ނަދުހާ އައިސް އެކޮޓަރިއަށް ވަން ވަގުތެވެ.

[ޒިލާ ތިބުނީ ދެއަންބަށް އިންނާށޭތަ؟] ނަވާލް ބަލައިލީ ނަދުހާގެ މޫނަށެވެ. އޭނާ ނަދުހާގެ ގާތު ބުނާކަހަލައެވެ. ނަދުހާ ޤަބޫލިއްޔާ ދެވަނަ އަންބެއްގެ ގޮތުގައި އޭނާ ޒިލާ އެގެއަށް ގެނެސްފާނެއެވެ.

[އާނ] ޒިލާ އިސްޖަހާލިއެވެ. ނަވާލް ނަދުހާގެ މޫނަށް ބަލައިލިއެވެ.

[އަހަރެން ޤަބޫލު.....މިހާރު ނަވާލްގެ ދަރިފުޅަށް އެންމެ ރަނގަޅުވާނީ އެގޮތް....އަހަރެންގެ ސަބަބުން މަޢުޞޫމް ކުއްޖަކު ނިކަމެތިވާކަށް ފަހަރެއްގައިވެސް އަހަންނެއް ނޭދެން.] މިހެން ބުނެފައި ނަދުހާ އެތާނގައި މަޑެއް ނުކުރެއެވެ. އޭނާ ކޮޓަރިން ނުކުތީ ނަވާލާއި ޒިލާ ވާހަކަ ދައްކައިގެން ގޮތެއް ނިންމަން ފުރްޞަތުދީފައެވެ. ދުވަސްތަކަކަށްފަހު ޒިލާގެ ތުންފަތުން ހިނިތުންވުމެއްގެ އަސަރު ފެނިގެންދިޔައީ އެވަގުތުއެވެ.

އެރޭ ޒިލާ އޮތީވެސް އެގޭގައެވެ. ދަރިފުޅާއެކު ނަވާލްގެ ކޮޓަރީގައެވެ. ނަވާލާއި ނަދުހާ ނިދީ އެކޮޓަރިއާ ޖެހިގެން ހުންނަ ކޮޓަރީގައެވެ. އެއީ ނަދުހާ ބޭނުންވި ގޮތެވެ. އެގޭގައި މުސްތަޤްބަލް އޮތީ ޒިލާއަށްކަން އޭނާއަށް ޤަބޫލު ކުރެވޭތީ، މިހާރު އޭނާގެ ނަފްސުވަނީ އެގެއަށް ބީރައްޓެހިވެފައެވެ.

މިހާރު ހީވަނީ ޒިލާގެ ސިކުނޑި ވަނީވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި ހެންނެވެ. ކޮންމެ ހިނދެއްގައިވެސް މިހާރު އޭނާގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމުގެ އަސަރެވެ.

އޭނާގެ ބައްޔަށް ފަރުވާދިން ޑޮކްޓަރުވެސް ބުނެފައިވާ ފަދައިން ހިތްހަމަޖެހުން ލިބުމުން، އޭނާގެ ދިރިއުޅުން ބަދަލުވީއެވެ.

އަނެއް ދުވަހަށް އިރުއެރީ ޒިލާގެ ޙަޔާތަށް އުފާވެރި ހިތްހަމަޖެހުން ގެނެސްދީފައެވެ. ނަމަވެސް، ނަދުހާއަށް ހާސްކަމާއި ނުތަނަވަސްކަން ވެރިކުރުވަމުންނެވެ. މިހާރު ނަދުހާގެ ހިތް ނަދުހާ ގާތު ބުނާކަހަލައެވެ. އޮޅުވާލުމާއި ހީލަތުގެ ފަރުދާ ކެހުމުގެ ވަގުތު ކުޑަތަންވަނީއެވެ. އަވަހަށް އަމިއްލަ ދިފާޢުގައި ވިސްނައި ރައްކާވާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. މިހާރު އެކަމާ ވިސްނާ ވިސްނާ ނަދުހާ ވަރުބަލިވެއްޖެއެވެ. އޭނާއަކީ އިންސާނަކަށް ނުވިޔަސް، އޭނާއަކަށް މުނާޒާއި އޭނާގެ މަންމައަށް ލިބިފައިވާ ބާރެއް ލިބިގެނެއް ނުވެއެވެ. އެބާރުތަކުން އޭނާގެ މަންމަވަނީ އޭނާ މަޙްރޫމް ކުރުވާފައެވެ. އއީ އޭނާގެ އުފަލަށްޓަކައޭ މަންމަ ބުނެއެވެ. ހިތަށްއަރައެވެ. އެކަމަކު އޭނާއަށް ލިބެމުންދަނީ ކޮން އުފަލެއް ހެއްޔެވެ. ބަރުދާސްތު ކުރަން ޖެހެނީ ހައްތަހާވެސް ހިތްދަތިކަމެވެ. ދެދުވަސް ހަމައަށް އުފާވެރިކަމާއި ހިތްހަމަޖެހުން ޙިއްޞާކޮށްގެން ދާއިމްވެ ނުހުރެވެއެވެ. ވުމާއެކު އޭނާ މިހާރު ޝަކުވާ ކުރަން ބޭނުންވަނީ މަންމައާއެވެ. ގައިމެވެ. އޭނާގެ އަޞްލިއްޔަތު އޮޅުވާނުލިނަމަ، މިހެންވާކަށް ނުޖެހުނީހެވެ.

[މަންމާ....އަހަރެން ކިހިނެއްތަ ހަދާނީ؟] ނަދުހާއަށް ހިތާހިތާ މަންމައާ ސުވާލު ކުރެވެއެވެ. ވަގުތު ކުޑަތަންވަމުން އައިވަރަކަށް އޭނާގެ ހާސްކަންއައީ އިތުރުވަމުންނެވެ.

[ދަރިފުޅާ ނަދުހާ....ހާދަ ފިކުރުބޮޑުވެފައި.....] ނަދުހާގެ އިޙްސާސްތައް ފާހަގަކޮށް، މަރީނާ ވާހަކަ ދެއްކީ ހެނދުނު ނާސްތާކުރަން އިނދެފައެވެ.

[ތީ މަންމައަށް ހީވާ ގޮތެއް...އަހަރެން އެއްވެސް ކަމަކާ ނުވިސްނަން....] ނަދުހާ އިސްޖަހާލަމުން އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހާސްކަމާއި ނުތަނަވަސްކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ.

[ދޮގެއްތީ....ދަރިފުޅު މަންމައަށް ފެނުނީ މިއަދަކު ނޫނޭ. މިހާރު އެކުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެއެއްނު....އެކަމަކު ތިކަހަލަ މޫޑެއްގައި ހުއްޓަކާ، މީގެކުރިއަކުން މަންމައެއް ނުދެކެން.] މަރީނާ ހީކުރީ ނަދުހާ ދެރަވެފައި ހުރީ ޒިލާ އެގެއަށް ބަދަލުވީމާ ކަމަށެވެ.

[ފިސާރި ތެދެއް މިބުނީ، މަންމާ އަހަރެން އެއްވެސް ކަމަކާ ނުވިސްނަން.] ނަދުހާ މޫނުމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިކުރުވުމަށް މަސައްކަތް ކުރަމުން ބުންޏެވެ.

[ދޮގު ނަހަދާ.....ޒިލާ މިގެއަށް އައިމާހެން މަންމައަށް ހީވަނީ. ނަވާލް ދެއަންބަށް ޒިލާއާ އިނުމަށް ހިތްވަރުދިނީ ދަރިފުޅެއްނު.....] މަރީނާ ތެދުވެގެން ގޮސް ތަށިތައް ސިންކުތެރެއަށްލިއެވެ.

[އަޞްލު ވެގެން އުޅޭގޮތް އަހަންނަށް އެނގޭ....އަހަންނަކީ މަންމަނަމަ ދެއަންބަށް މީހަކާ އިނުމަށް މަންމައަކަށް ނުރުހެވޭނެ. އެހެންވެ މަންމައަށް ހީވަނީ އަހަރެން ހުންނާނީ ހިތްހަމަނުޖެހިފައޭ.....] ނަދުހާ މަންމަގެ ދޫ ބަންދުކޮށްލި ކަހަލައެވެ. ލުއި ހިނިތުންވުމަކާއެކު މަރީނާ ބޯހޫރާލިއެވެ.

[ތެދެއް ތިބުނީ، މަންމަނަމަ ބަތްތަށީގެ އެއްފަޅި ޚިޔާރެއް ނުކުރާނަން...އެއަށްވުރެ އަމިއްލަ އެދުން މާބޮޑުވާނެ.] ތަށިތައް ދޮންނަމުން މަރީނާ ބުންޏެވެ.

[އެކަމަކު.....މަންމާ އެއީ އަހަރެންގެ އުޞޫލެއް ނޫން. އެކެއްގެ އުފަލަށްޓަކައި އަނެކާގެ އުފާތަކުން މަޙްރޫމްކޮށްލުމަކީ ކޮށްގެންވާނޭ ކަމެއް ނޫން.....ޒިލާއާއި ނަވާލް ވަކިން އުޅެން ޖެހުމުން، އެމަޢްޞޫމް ދަރިފުޅުގެ ދިރިއުޅުމަށްވާނީ ކިހިނެއް......] ނަދުހާ ބުއްދިވެރި ބަސްތަކުން މަރީނާގެ ހިތުގައި ނަދުހާގެ މައްޗަށް އިތުރު ލޯތްބާއި ހަމްދަރުދީ އަށަގަންނުވަމުން ދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން