މިއަދު މެލޭޝިއާއަށް ދިޔަ ފްލައިޓުން ކެއަރ ޕެކޭގް ފޮނުވުމަށް އެއަރޕޯރޓަށް ގޮސް ތިބި މީހުން
މިއަދު މެލޭޝިއާއަށް ދިޔަ ފްލައިޓުން ކެއަރ ޕެކޭގް ފޮނުވުމަށް އެއަރޕޯރޓަށް ގޮސް ތިބި މީހުން
މިހާލަތުގައި ރާއްޖެއިން ބޭރުގައި ތިބި ގިނަ ބަޔަކު ވެސް ތިބޭނީ ޤައުމަށް އެނބުރި އައުމުގެ އުއްމީދުގައެވެ. ކޮރޯނާވައިރަހުގެ ރޯގާބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ ހާލަތު އޮތީ އެޤައުމަށް ބޭރުން އަރާ ތިބި ބަޔަކަށް އެހީގެ އަތެއް ދިއްކޮށްލެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. މިވަގުތު ކޮންމެ ޤައުމަކުންވެސް އިސްކަންދެވޭނީ ނުވަތަ ބެލޭނީވެސް އެބައެއްގެ މީހުންނަށެވެ. އެކަން ޤައުމުން ބޭރުގައި ތިބި ދިވެހީން އެދަނީ ތަޖުރިބާ ކުރަމުންނެވެ.

ކޯވިޑް-19 ގެ ނުރައްކާތެރި މި ހާލަތު ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ވިސްނާލަންވެސް ނޭނގެއެވެ. އެހެން ކަމުން އެންމެ ފުރަތަމަ ހާލުގައި ޖެހޭނީ އެޤައުމެއްގައި ތިބޭ ބިދޭސީންކަން ދިވެހީންނަށް ވެސް އެނގޭތީ އެމީހުން ޤައުމަށް ދެވޭތޯ ބަލަނީއެވެ. ރަނގަޅަށް ކަންކަން ގޮއްސިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

ކަންމިހެން އޮތުމާއެކު ތަޖުރިބާ ކުރެވި ފެންނަމުންދާ ކަންކަމުން ވީހާލެއްގައިވާން އަމިއްލަ ޤައުމަށްދާން ގިނަ ދިވެހީން ބޭނުންވަނީއެވެ. އަވަށްޓެރި ލަންކާގައި ތިބި ބައެއް މީހުންނާއި، އަވަށްޓެރި އިންޑިއާގައި ތިބި ބައެއް މީހުންނާ އަދި ނޭޕާލާއި މެލޭޝިއާއާއި ބަންގާޅުގައި ތިބި މީހުންގެ ތެރެއިން ގިނަ މީހުން ތިބީ އެގޮތުގައެވެ.



އިއްޔެއަކީ މެލޭޝިޔާގައި ރާއްޖެ ދާން ބޭނުންވެފައި ތިބި މީހުންނަށް އުފާވެރި ޚަބަރެއް ލިބުނު ދުވަހެކެވެ. 200 މީހުންނަށް ފުރުސަތު ލިބުނު ނަމަވެސް ކޮންމެވެސް ބަޔަކަށް ޤައުމަށް ދިއުމުގެ ފުރުޞަތު ލިބޭތީއެވެ. ޤައުމީ އެއަރލައިންގެ ދަތުރެއް މެލޭޝިއާއަށް ބާއްވާކަން ކަށަވަރުވީ ވަރަށް ފަހުންނެވެ. އޭރު އެޤައުމުގައި ހުންނަ ދިވެހި އެމްބަސީން ދާން ބޭނުން މީހުން ހޯދާށޭ ކިޔައިގެން ވައިބަރ ގްރޫޕެއްގައި ފާޑަކަށް "ހަލުވަ" އެވެ. ނަން ނޯޓުކުރަން ވެސް ހުޅުވާލިއެވެ. އަދި ކޮންމެހެން ގެންދާން ޖެހޭ ބަޔަލު ނުވަތަ ދަތުރުވަރީގައި އައިސް ހޮޓާހޮޓަލުގައި ތިބި ބަޔަކާއި އެކަނިމާއެކަނި އައިސް ތިބި ކިޔަވާ ކުދިންނާއި ދުވަސްވީ ބަލި މީހުންވެސް ތިބިކަމަށް ވެއެވެ. އެމީހުން ލައިގެން 200 މީހުން ހަމަ ކުރަން މިދެންނެވި މީހުންގެ މާބޮޑު ޝަކުވާއެއް ނެތް ކަމަށް ވެއެވެ.

އެކަމަކު އެންމެ ފަހު ވަގުތު ކުއްލިއަކަށް ކަންކަން އެފުށް މިފުށަށް ޖެހިއްޖެއެވެ. އެބުނާ އެމްބަސީން ހެދި ލިސްޓު ވަޔަށް ޖައްވަށް ހަވަޔަށް އަރައިގެން ދިޔައީއެވެ. ދެން އެޖެހުނީ ކަންތަކާއެވެ. އެއްފަހަރު އިޢުލާން ކުރީ ހަވީރު ފަހެއް ޖަހާއިރު ޓިކެޓް ވިއްކާނެ ކަމަށެވެ. ދެން އެކަމެއްގެ އިންތިޒާރުގައި ތިއްބާ ދެން އެ ފަސްވި ގޮތަށް މެލޭޝިޔާގައި ތިބި ބަޔަކަށް މެންދަންވާއިރު ވިއްކާ ގަޑި ހަމަޖައްސައި އިޢުލާން ކޮށްފިއެވެ. ދެން އެގަޑިއެއްގެ އިންތިޒާރުގައި މެލޭޝިއާގައި ތިބި މީހުންނާއި މާލޭގައި ތިބި އެމީހުންގެ އާއިލާ ތަކުގެ މީހުން ގޭގައި އޮތިއްޔާ އޮތްހާ މޮބައިލް ފޯނެއް އަތަށް ލައިގެން ގޭގައި ހުރިއްޔާ ހުރިހާ ކޮމްޕިއުޓަރެއް، ލެޕްޓޮޕެއް ހުޅުވައިގެން އޭއްޗެއްގެ ދޮށުގައި ތިބީ ފާރައަށެވެ.

އެބުނާ ޓިކެޓެއް ވިއްކާ ގަޑި ޖެހުމާއެކު އެންމެން އެއްފަހަރާ އެބުނާ ޓިކެޓެއް ވިއްކާ ފޯނުތަކަށް ގުޅަން ފެށިއެވެ. އަނެއް ބަޔަކު ކޮމްޕިއުޓަރު ތަކާއި ލެޕްޓޮޕް ތަކާއި ފޯނާއި މިހެންގޮސް އިންޓަރނެޓަށް ވަދެވެންޏާ ވަދެވޭހާ އެއްޗަކުން އެބުނާ ވެބްސައިޓަކަށް ވަދެ އެވެރިން އެބުނާ ގޮތަށް އޮންލައިންކޮށް އެޓިކެޓެއް ގަންނާން މަސައްކަތް ފެށިއެވެ. ވަރަށް މަސައްކަތުން ގަޑި ދެގަޑި ތިންގަޑިއިރު ގުޅައިގެން ބައެއް މީހުންނަށް ކާމިޔާބުވި ކަމަށްވެއެވެ. އިންޓަރނެޓާއި ދިމާކުރި މީހުންގެ ތެރެއިންވެސް ބަޔަކަށް ޓިކެޓް ލިބުނު ކަމަށްވެއެވެ. އެކަމަކު ރޭ ހަތަރު ދަމު މެލޭޝިއާގައި ތިބި ބަޔަކާއި ރާއްޖޭގައި ތިބި ބަޔަކު ތިބީ އެބުނާ ޓިކެޓެއް ގަނެވޭތޯ ނުނިދާ ހޭލައެވެ. މިއޮށްފަދަ ތަހުޒީބު ޒަމާނުގައި "މޫސަމެން" ކުރީސަފުގައި ތިބެގެން މިއީ ކުރާވަރު ކަމެއްހޭ ވެސް ބައެއް މީހުން މީސް މީޑިޔާގައި ލިޔެފައި ހުއްޓެވެ. މިކަން ވީ ހަމަ ވޭނަކަށެވެ.

ދެން ސުވާލު ކުރަން ފެށީ މިފަދަ ދަނޑިވަޅެއްގައި އެބުނާ ކަހަލަ މީހުން ހުސްކުރާ ފްލައިޓެއް އަޅާއިރު އެންމެ އިސްކަން ދޭން ޖެހޭނީ ނުވަތަ ދޭންވާނީ ކޮން ބަޔަކަށްތޯ ބުނެ ކުރާން ފެށި ސުވާލެވެ. މި ސުވާލަށް ހަމަ އެކަކުވެސް ޖަވާބެއް ނުދެއެވެ. މިހާތަނަށް މިވީ ގޮތެއް އެމްބަސީއަކުންވެސް ޚާރިޖިއްޔާއަކުން ވެސް އަދި ތަރުޖަމާނުވެސް ވިދާޅެއް ނުވެއެވެ. ބަހެއް ނުކިޔައެވެ.

ބޯޓު ފުރުވާލާފައި ކުންފުނިން ކުރީ ވަރަށް ތާކުންތާކު ނުޖެހޭ ދެކޮޅު ނުޖެހޭ، ކަމެކެވެ. ބުނީ ރޭގައި ޓިކެޓް ވިއްކާން ހުޅުވާލުމުން އެއްކަލަ އެކިޔާ ހެކަރުންގެ ބަޔަކު އެމީހުންގެ ވެބްސައިޓާ ދިމާކުރީ ކަމަށެވެ. އެމީހުން ހަމަލާދީގެން މައްސަލަ ތަކެއް ދިމާވީ ކަމަށެވެ. އެބުނާ ހެކަރުންނަނީ އެއްފަހަރާ ޓިކެޓް ގަންނަން ދިމާކުރި ތިން ހަތަރު ހާސް މީހުން ކަމަށް ވަންޏާ ދެން އެއޮތީ ހަމަ ރަނގަޅަށްވެސް ހެކް ކޮށްފައެވެ.

އެބުނާ ހެކަރުންގެ ސަބަބުން ވެބްސައިޓްގެ ބޯ ގޮވާފައި އިންދާ އަދި ފޯނުން އެތައް ބަޔަކު ގުޅަގުޅާ ތިއްބާ ޓިކެޓް ހުސްވީއެވެ. އެކަމަކު އެބުނާ ހެކަރުން ވަދެ ޓިކެޓް ނަގައިދިން މީހުންގެ ތެރޭގައި އެއްވެސް ހާސްކަމެއް ނެތި ނިދާލާފައި ތެދުވިއިރު ޓިކެޓް އަތައް ލިބުނު ބަޔަކު ތިއްބެވެ. ވަޒީރުންގެ ކޮއްކޯފުޅުންގެ އާއިލާ ތަކާއި ބޮޑުންނާއި ބާރުހުރި މީހުންގެ ގާތް ތިމާގެ ބޭފުޅުންވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ވެއެވެ. "މުއާޒުމެން" އަދި އެލިސްޓުވެސް ގްރޫޕް ތަކުގައި ނެރެ އާންމު ކުރާނެއެވެ. މިހާރަކު ސިއްރެއް ނުކުރެވޭނެއެވެ. ހެކަރުންގެ ބޮލަކު ހުރިހާކަމެއް ނޭޅުވޭނެއެވެ.

އެއްވެސް ހާލެއްގައި މިކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރާއި އަޅުގަނޑުމެންގެ މަބްރޫކް ނުވަތަ "ސައްހާފު" ގެ ކުށެއް އޮތެކޭ ދަންނަވަނީއަކީ ނޫނެވެ. އެކަމަކު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޮންމެ ބަޔަކު ކުރިއަސް މިފަދަ ކަމެއް ކުރާންވާނީ ކޮންމެވެސް އުސޫލަކުން ކަންކަން ރާވައި ރީތިކޮށް ދެކޮޅު ޖެހޭ ގޮތަށް ހަމަޖައްސައިގެންނެވެ. އަސްލުގައި މިކަމާއި ދެކޮޅަށް އަޑު އުފުލާ މީހުންގެވެސް އެންމެ ބޮޑު ޝަކުވާއަކީ މިއެވެ. މޫސަމެން އެނގޭ މީހުން މިކަން ރީތިކޮށް ކުރާންވީ ގޮތް ބޮޑުންނަށް ކިޔައިދޭންވީއެވެ. ރިޒްވީމެން އަދި މިކަހަލަ ކަންކަމަށް ތަންކޮޅެއް ޅައީއެވެ. ބައިކޮޅަށް ގޯލް ނުވަންނަ ގޮތަށް ހަމަ ރީއްޗަށް ގޯލް ބަލަހައްޓައިގެން ކުޅެން އެނގޭ ވަރަށް ފަރިތަކުރާން ވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން