ޞާދިރު ޢަލީދީދީ   16 އޮކްޓޯބަރު 2020 - 13:48
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 04

................

[ޝަބާބް ތިކުރީ ވަރަށް ބުރަ މަސައްކަތެއް.] ރީޙާން ސައިކަލް ސްޓާޓް ކޮށްލުމުގެ ކުރިން އަދިވެސް އެދިމާއަށް ބަލައިލިއެވެ.

[ލޯތްބަށްޓަކައި ކުރަން އެއީ މާބުރަ މަސައްކަތެއް ނޫން. ރީޙާނަށް އިޙްސާސްވެސް ނުކުރެވޭނެ، އަހަރެން ރީޙާންދެކެ ލޯބިވާ މިންވަރެއް...އަހަރެން ޔަޤީންކަންދެން، އަހަރެން މިވާ ލޯބި އެއްވެސް މީހަކަށް ނުވެވޭނެ.] ރީޙާންގެ މޫނަށް ބަލަންހުރެ ޝަބާބް މިހެން ބުނެފައި ސައިކަލަށް އަރައިފިއެވެ. ރީޙާން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައި ސައިކަލް ދުއްވާލައިފިއެވެ. މިހާރު ސައިކަލްގެ ދުވެލީގައި އެއްވެސް މައްސަލައެއް ނެތެވެ.

[ޝަބާބް ފައިބާނީ ކޮންތާކަށް؟] ހިތަދުއަށް އަރަމުން ރީޙާން އެއްސެވެ.

[އަހަރެން ތިގޭ ކައިރިއަށް ފައިބައިގެން ހިނގާފައި ދާނީ...ފިރިހެން ކުއްޖަކާއެކު ސައިކަލްގައި ފެނިއްޖެއްޔާ، އަހަރެން އުޅޭ ގޭ މީހުން ހިތްހަމައެއްނުޖެހޭނެ.] ރީޙާން އެމީހުންގެ ގޭގެ ދޮރުމައްޗަށް މަޑުކުރުމާއެކު ޝަބާބް ސައިކަލުން ފޭބިއެވެ.

[ޝަބާބް ތީ މިރަށު ކުއްޖެއް ނޫންތަ!؟] ރީޙާން އެއްސެވެ.

[އާނ...އަހަންނަކީ ލ. ފޮނަދޫ ކުއްޖެއް...އަހަރެން މިރަށުގައި އުޅެނީ ދެ ޢާއިލާގެ ރައްޓެހި ކަމުގައި...] ޝަބާބް ރީޙާނާ ސަލާމް ކުރުމަށްފަހު ހިނގައިގެންފިއެވެ. ރީޙާން ގެޔަށް ވަނެވެ. ރީޙާން ގެޔަށް ވަންއިރު، އޭނާގެ އިންތިޒާރުގައި އޭނާގެ މަންމަ ޤިސާމާއާއި ބައްޕަ މަޖީދު ތިއްބެވެ.

[ރީޙާން...ގަޑިއަށް ބަލައިލަބަލަ، ބައްޕަ އަބަދުވެސް ދެމުން އަންނަ ނަޞޭޙަތްމީ...އެގާރައިގެ ފަހުން ގެއިން ބޭރުގައި އުޅެގެން ނުވާނޭ....ބުނެބަލަ، ކޮންތާކުން ތިއައީ...؟] މަޖީދު ރީޙާން ވަނުމާއެކު ބުންޏެވެ.

[ބައްޕާ...މިރެޔަކީ އަހަރެންގެ އުފަންދުވަސް ކަމުން، ރައްޓެހި ކުދިންތަކެއް އަހަރެން ހިފެހެއްޓީ....އެމީހުން ކޭކެއްވެސް ފެޅި....] ރީޙާން މިހެން ބުނިތަނުން އުނދޯލީގެ ބާލީސްދަށުން ޕާރުސަލެއް ނަގާފައި އޭނާގެ މަންމަ ޤިސާމާ ދިއްކޮށްލިއެވެ.

[ހެޕީ ބާރތްޑޭ ދަރިފުޅާ....ދެންވެސް އެގާރައިގެ ފަހުން ބޭރުގައި ނޫޅޭތި....] ޤިސާމާއާއި މަޖީދު އެއްފަހަރާ ބުންޏެވެ. ރީޙާން ވަރަށް އުފާވިއެވެ.

[އަހަރެން ހީކުރީ އަހަރެންގެ އުފަންދުވަސް މިފަހަރު މަންމައާއި ބައްޕަ ހަނދާންވެސް ނެތީ ކަމަށް...] ރީޙާން އުނދޯލީގައި އިށީނެވެ.

[ދަރިފުޅުމެންގެ ކަންތައްތައް މަންމައާއި ބައްޕަ ހަނދާން ނެތޭނެތަ؟ ދަރިފުޅު ތިގޮތަށް ހިތަށް އަރުވާކަށްވެސް ނުވާނެ. ރިޔާ ކޮއްކޮވެސް ދަރިފުޅުގެ އިންތިޒާރުގައި، ދަރިފުޅަށް ވިޝްކޮށްފައި ނޫނީ ނުނިދާނަމޭ ކިޔަކިޔާ ހުއްޓާ ނިދިއްޖެ. އެމަންޖެވެސް ކޮންމެވެސް އެއްޗެއް ހަދައިގެން އުޅޭ....] ޤިސާމާވެސް އުނދޯލީގައި އިށީނެވެ.

[މަންމަމެން ތިއްބާ ތި ކަނޑާލަބަލަ...] ޤިސާމާ އެދުނެވެ. ރީޙާން ޕާރުސަލް ކަނޑާލިއެވެ. އެޔާއެކު، ޤިސާމާއާއި މަޖީދުގެ ދެލޯ ބޮޑުވިއެވެ. ރީޙާން ކެނޑި ޕާރުސަލްތެރޭގައި އޮތީ ގަމީހަކާއި ފަޓްލޫނެއްގެ އިތުރުން ބެލްޓެކެވެ. ނަމަވެސް، އެ އެއްޗެއްސަކީ ޤިސާމާމެން ޕާރުސަލް ކުރި އެއްޗިއްސެއް ނޫނެވެ.

[ޕާރުސަލް ބަދަލުވީބާ....ދަރިފުޅާ އެ ފިހާރައަށް ފައިސާ ދައްކާފައި، ބައްޕަމެން ބަންދުކުރަން ބުނީ ތިއެއް ނޫން...ބައްޕަމެން ފައިސާ ދެއްކީ އަތުކުރީ ގަޑިއަކާއި ސެންޓްފުޅިއަކަށް..!] މަޖީދުހުރީ ހިސާބަކަށް ޙައިރާންވެފައެވެ. އެމީހުން ނިންމީ، އޮޅިގެން ނުބައި ޕާރުސަލެއް ގެނެވުނީ ކަމަށެވެ.

[ބައްޕަމެން އެފިހާރައަށް ގޮސް ގަނެގެން އައީކީ ނޫންތަ؟] ރީޙާން އެއްސެވެ.

[ބައްޕަމެން އެ ފިހާރައަށް ގޮސް ފައިސާ ދައްކާފަ ބުނިން، މިގެޔަށް ފޮނުވައިދޭށޭ...އޭރު މިރޭ ދިހައެއް ޖަހަން އުޅޭނީ...އަޅާނުލާ، މާދަމާ ގުޅާނީ...ތި ޕާރުސަލްގެ ބޭރުގައި އެއްޗެއް ލިޔެފައި އޮތްތޯ ބަލައިލަބަލަ.] މަޖީދު މިހެން ބުނީމާ، ރީޙާން ކަރުދާސްގަނޑު ބަލައިލިއެވެ.

އޭގައި ވަރަށް ބޮޑުކޮށް ފަވާލެވިފައި [ހެޕީ ބާރތްޑޭ ރީޙާން] ލިޔެފައި ވެއެވެ. އޭގެ ތިރީގައި ވަރަށް ފަނޑުކޮށް ނަޝްވާގެ ނަން ލިޔެފައިވެއެވެ.

[އެންމެ ރަނގަޅު. ކައިގެން އަވަހަށް ނިދަންދޭ....ތީ ކިހިނެއްވީ ކަމެއްތޯ މާދަމާ ބަލާނީ....] ބައްޕަ މިހެން ބުނީމާ، އުފާވެފައި ހުރި ރީޙާން، މިރޭ ކާހިތެއްނެތް ކަމަށް ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އިރުއެރިތަނާހެން މަޖީދުމެން ހެއްދި ޕާރުސަލް އެގެޔަށް ލިބުނެވެ. އަދި އެ ފިހާރައިން މަޢުލޫމާތު ލިބުނުގޮތުގައި، ދެވަނަ ޕާރުސަލެއް އެގެޔަށް ފޮނުވާފައިވެސް ނުވެއެވެ.

[މަންމާ....އެކަމާ ނުވިސްނާ. މިއީ އަހަރެންގެ ކްލާސްމޭޓަކު ފޮނުވާފައިވާ ޕާރުސަލެއް...އަހަރެން މިއަދުލާނީ މި ހެދުން...ޖަހާނީ މަންމައާއި ބައްޕަ ދިން ސެންޓް. އަތުކުރީގައި އަޅާނީ މަންމަމެން ދިން ގަޑި....] ހެނދުނު ނާސްތާކުރަން ފަށަމުން ރީޙާން ވާހަކަ ދެއްކިއެވެ. ނަޝްވާ އޭނާގެ އުފަން ދުވަސް ފާހަގަކޮށް، ވެދުން ކުރީތީ އޭނާ އެހުރީ އިންތިހާއަށް އުފާވެފައެވެ.

ރީޙާން ބޭނުންވަނީ އެ ހެދުމުގައި ހުރެ ނަޝްވާއާ ބައްދަލުކޮށް، ނަޝްވާއަށް ޝުކުރު އަދާކުރާށެވެ. އޭނާ ޤަބޫލު ކުރެއެވެ. އޭނާއާ ދޭތެރޭ ނުވިސްނާނަމަ، ނަޝްވާ އެވަރުގެ ބޮޑު ހޭދައެއް ނުކުރާނެއެވެ. އާދައިގެ ވިސްނުމެއްނަމަ، ކާޑަކުން އެކަނި ފުއްދާލީހެވެ.

[ހިނގާ މިއަދު އަހަންނާއެކު ފޭދުއަށް ދާން. ނަޝްވާ ފުރަނީ މާދަމާ ނޫންކަމެއްވެސް ނޭނގެ...] ހަވީރުވަމުންދިޔަ ވަގުތު ރީޙާން ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ހައިޝަމާއެވެ.

[މައްސަލައެއް ނެތް...ހިނގާ ދާން. ޢުމުރުން އަހަރެއް ފާއިތުވެ ދިޔައީތީ، ހާދަ އުފާވެފައޭދޯ ތިހުރީ...ދުއްވާލާ...] ސައިކަލްގެ ފަހަތަށް އަރަމުން ހައިޝަމް ބުންޏެވެ. ރީޙާން ސައިކަލް މަޑުމަޑުން ދުއްވާލައިފިއެވެ.

[ހައިޝަމް ބުނަން...އަހަންނާ ދޭތެރޭ ވިސްނާ އަންހެން ކުދިން މިރަށުގައި އެބައުޅޭ.....ހުރިހާ ކުދިންގެ ތެރެއިންވެސް ޝަބާބްވަރެއް ނުދެކެން. ހިތަށްއެރި ރޭގައި ހައިޝަމް ގޮވައިގެން ދެވުނުނަމައޭ...އަހަންނަށް ގޭގައި ފޯނު ބާއްވާފައި ނުދެވުނުނަމަ، ރޭގައި އެތާހުރެ ހައިޝަމަށް ގުޅީމުސް. އެހުރީނު ނަމާދުކުރަން އަޅާފައި ހުރި ތަނެއް....ރޭގައި ޝަބާބް އެތަން ތައްޔާރު ކޮށްފައި ވަނީ ވަރަށް ފުރިހަމައަށް. ހަމަގައިމުވެސް ދިވެހި ފިލްމަކުން އެފަދަ މަންޒަރެއް އަހަރެން ނުދެކެން...ހިނގާބަލަ އެތަން ބަލާލަން...] އެތަނާ އަރާހަމަކޮށް ރީޙާން ސައިކަލް މަޑުކޮށްލިއެވެ.

[ޝަބާބޭ!؟ އެއީ ކާކުތަ؟ އަނެއްކާ މިރަށު ކުއްޖެއްތަ؟] ސައިކަލުން ފައިބައިގެން ރީޙާންގެ ފަހަތުން ހިނގައިގަންނަމުން ހައިޝަމް އެއްސެވެ.

[އެއީ މިރަށުގައި އުޅޭ ލ. އަތޮޅު ކުއްޖެއް...އަދި އަހަންނަކަށް އޭނަ އުޅޭ ގެއެއްވެސް ނޭނގެ...] އެތަނާ އަރާހަމަކުރަމުން ރީޙާން ބުންޏެވެ.

[މިތާކު ނެތް ރޭގައި އެއްވެސް ކަމެއް ހިނގާފައެއް.] އެތެރެއަށް ވަންނަމުން ހައިޝަމް ބޯހޫރާލިއެވެ. ތެދެކެވެ. ރޭގައި އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ އަސަރެއް އެތާކު ނެތެވެ. އެތަން ހީވަނީ ފަޅު ތަނެއްހެންނެވެ.

[ރީހާން....މޮޔަވީތަ؟ ތިބުނާ ޝަބާބެއް ފުރަތަމަ އަހަންނަށް ދައްކަބަލަ...ތި ޝަބާބެއް ފެނިގެން ތިއުޅެނީ ކޮންތާކުންތަ؟ ތިނުވާނެ ރަނގަޅު ކަމަކަށް..] އެތަނުން ނިކުމެގެން ގޮސް ހައިޝަމް ސައިކަލަށް އެރިއެވެ. ރީޙާންވެސް ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[ޝަބާބަކީ އިރިފުސްމެ ވަގުތު އަހަރެން ފިނިކޮށްލަންދާ ތަނުން ފެނުނު ކުއްޖާ....ހަމަ ތެދެއް މިބުނީ...އަހަރެން އެތާހުރެ ކޭކުވެސް ފެޅިން. އެ ކޭކުގެ ރަހަވެސް ބެލިން...އެއީ ޢަޖައިބެއް ކަހަލަ ކުއްޖެއް!؟] ރީޙާން ސައިކަލް ދުއްވާލިއެވެ.

[ތި ނުވާނެ ރަނގަޅު ކަމަކަށް. މުސްކުޅިން ބުނާތީ އަހަމު، އިރިފުސްމެ ވަގުތު ޚާއްޞަކޮށް، ރަތްވިލާ ވަގުތު އަތިރިޔަށް ފައިބާކަށް ނުވާނެޔޭ. ޔަޤީން، ތިބުނާ ޝަބާބަކީ އިންސާނެއް ނޫން. އަހަރެން ތިވާހަކަ ރީޙާންގެ މަންމަމެން ގާތު ބުނާނަން.] ރީޙާން ބިރުގަންނަން ފެށިއެވެ. ރޭގައި ހިނގި ކަންތައްތަކާއި، ކުރިން ހިނގާފައިވާ ބައެއް ކަންތައްތައް އޭނާގެ ހަނދާނަށް އަންނަން ފަށައިފިއެވެ.

[ދެންވެސް އެ ގަޑީގައި ބޭރަށް ނުނިކުންނާތި...ތި އެއްޗަކު ރަނގަޅަށް އަވަލައިފިއްޔާ ވަރަށް ނުރައްކާވާނެ.] ހައިޝަމް ބުންޏެވެ.

[އާނ...ދެން ތިވާހަކަ ހުއްޓާލާ....އަހަންނަކަށް ޤަބޫލެއް ނުކުރެވޭ އެއީ ހައިޝަމް ތިބުނާ ކަހަލަ ކަމެއްހެނެއް...] ރީޙާން މިހެން ބުނެފައި، ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ.

ބާރު ދުވެލީގައި ގޮސް އެމީހުން ނަޝްވާގެ ގޭގެ ދޮރުމައްޗަށް މަޑުކުރި ވަގުތު، ނަޝްވާ އޭނާގެ ރަޙްމަތްތެރިޔާ ނަޖްވާއާއެކު ބޭރަށް ނިކުންނަނީއެވެ.

[ރީޙާން...ކިހިނެއް؟] ނަޝްވާ ބޭރަށް ނިކުންނަމުން ވާހަކަ ދެއްކިއެވެ.

[ނަޝްވާ...މިއަދަކީ ރީޙާންގެ އުފަން ދުވަހެއްނު. އެތެރެއަށް ވަދެ ބިސް ގެނެސް ބޮލަށް ތަޅާލަބަލަ....] ހައިޝަމް ބުނެލިއެވެ.

[އަޞްލުވެސްތަ؟ ކުރިން އެނގުނުނަމަ، އަހަރެން ވިޝްކުރާނަން...އުފާވެރި އުފަން ދުވަހަކަށް އެދެން...އަހަރެން ފުރަން ދަތުރުހަދަން މިދަނީ...ދެން ދަނީ...] ނަޝްވާ މިހެން ބުނެފައި، ނަޖްވާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.

ރީޙާން ބޯހޫރާލިއެވެ. އެއަށްފަހު، އޭނާއަށް ބަލައިލެވުނީ އޭނާ ލައިގެން ހުރި ހެދުމަށެވެ.

[ނަޝްވާ އެބުނީ އުފަން ދުވަސްކަން ނޭނގޭ ކަމަށް....! އެހެން ވެއްޖެއްޔާ، މީ ކާކުގެ ހަދިޔާއެއްބާ! ޝަބާބް!] ރީޙާން ހިތަށްއެރިއެވެ.

މި ޚިޔާލުގައި ހުރެމެ، ރީޙާން އެނބުރި ހިތަދުއަށް ދިޔުމަށްޓަކައި ސައިކަލް ދުއްވާލައިފިއެވެ.

[ރީޙާން އަހަންނަކަށް ހިއެއްނުވޭ، ނަޝްވާ އެއްވެސްވަރަކަށް ރީޙާނާ ދޭތެރޭ ވިސްނާހެނެއް....އެހެން ނޫންނަމަ، އަހަރެމެންނާ އަޅާލުން ކުޑަކޮށްފައި ނުދާނެ. ވަރިހަމަތާ، ކުޑައިރުކޮޅެއް ވަންދެންވެސް މަޑުކޮށްލަން.] ހައިޝަމް ބުންޏެވެ. ހައިޝަމް އެބުނީވެސް ގޯސް ވާހަކައެއް ނޫނެވެ. ދުރު ރަށެއްގައި ތިބެފައި، ނަޝްވާޔާ ބައްދަލުކުރަން ރީޙާން ދިޔައީމާ، އަޅާވެސްނުލާ ނަޝްވާ އެދިޔައީއެވެ. ފުރަން ދަތުރަށް ތައްޔާރުވާ ނަމުގައެވެ.

[މިވަގުތު ނުވިސްނިޔަސް އަދި ވިސްނާނެ. އަޅާނުލާ...އަހަރެންގެ ހިތަށްއަރާ، އަހަންނަށް އެއްވެސް ޖަވާބެއްނުދީ، އޭނާ އެދަނީ...މާނަޔަކީ އޭނަޔަށް އަހަރެން މުހިންމު ނޫނީއޭ....ޢާންމުކޮށް އެގޮތަށް ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިން އެނބުރި ރާއްޖެ އަންނައިރު އަންނަނީ ބައިވެރިޔަކު ހޯދައިގެން.] މިހާރު ރީޙާންވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ރަނގަޅު ވާހަކައެއް ތިބުނީ...އިންތިޒާރު ކުރުމުގެ މާނައެއް ނެތް...އެއްވެސް ހާލެއްގައި އަހަރެން މިބުނަނީ، ރީޙާން ތިބުނި ޝަބާބަކާ ގުޅޭށެކޭ ނޫން.] ހައިޝަމް ބުންޏެވެ.

[ޝަބާބް އެބަ ދޭހަކޮށްދޭ، އޭނަ އަހަރެންދެކެ ލޯބިވާ ކަމަށް...އެކަމަކު އަހަރެންގެ ހިތަކު ނެތް، ނަޝްވާ ނޫން ކުއްޖަކާއެކު ދިރިއުޅުމެއް ފައްޓާކަށް. އަހަރެން ފަސްއަހަރު ވަންދެން އިންތިޒާރު ކުރާނަން.] ރީޙާން ސައިކަލްގެ ދުވެލި ކުރިޔަށްވުރެން ބާރުކޮށްލިއެވެ.

[ޝަބާބާ ދޭތެރޭ އަހަންނަށް ޝައްކު...ތިބުނާ ޝަބާބް ގާތު ބުނެބަލަ، ތިމަންނަގެ ބެސްޓް ފްރެންޑް ވަރަށް ބޭނުންވެޔޭ، ޝަބާބާ ބައްދަލުކޮށްލަން.] ހައިޝަމް ބުންޏެވެ. މިހާރު ސައިކަލް ދުއްވަމުން އެދަނީ ހިތަދޫތެރެއިން ހައިޝަމްގެ ގެޔާ ދިމާޔަށެވެ.

[މައްސަލައެއް ނެތް. މިރޭ ޝަބާބާ ދިމާވެއްޖެއްޔާ، އަހަރެން ގުޅާނަން. ގުޅީމާ ވަގުތުން އަންނަންވާނެ.] ހައިޝަމްގެ ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލަމުން ރީޙާން ބުންޏެވެ.

[މައްސަލައެއް ނެތް...އަހަރެން ތައްޔާރަށް ހުންނާނަން....ހަނދާންކޮށް ގުޅާތި....ޝަބާބާ ދިމާވީމާ މަސްތުގައި ޖެހިފައި ނުހުންނާތި....] ހައިޝަމް ސައިކަލުން ފޭބިއެވެ. ރީޙާން ގެޔަށް ދިޔުމަށްޓަކައި ސައިކަލް ދުއްވާލައިފިއެވެ.

އެދުވަހުގެ ރެއެވެ. ރީޙާން ޝަބާބާ ބައްދަލުކުރުމުގެ ޤަޞްދުގައި ޝަބާބާ ކުރިން ބައްދަލުވި ތަނަށް ދިޔައެވެ. މިރޭ ކޮންމެހެންވެސް އޭނާ އެތަނަށް އެދިޔައީ ވަރަށްބޮޑު ބޭނުމެއް އޮވެގެނެވެ. ރީޙާން ހުއްޓުނީ އަބަދުވެސް އޭނާ މަޑުކޮށްލާ ތަނުގައެވެ. ނަމަވެސް، ޝަބާބްގެ އިޝާރާތެއްވެސް އެތާކު ނެތެވެ.

[މިރޭ ޝަބާބް ކޮބައިބާ؟] ރީޙާނަށް ހިތާހިތާ ކިޔާލެވުނެވެ. އެރޭ އިރިފުސްމެ ވަގުތު ނިމިގެންދިޔައިރުވެސް ޝަބާބްގެ އެއްވެސް ޚަބަރެއްނުވިއެވެ. ވުމާއެކު، އެރޭ ރީޙާން ގެޔަށްދިޔައީ ވަރަށް މާޔޫސްވެފައިވާ ޙާލުގައެވެ. އޭނާ ހައިޝަމަށް ގުޅާފައި، އެރޭ ޝަބާބާ ދިމާނުވި ވާހަކަ ބުނީ ގެޔަށް ގޮހެވެ.

[އެހެންތަ؟ އަޅާނުލާ...މިރޭ ދިމާނުވިޔަސް، ފަހުން ދިމާވާނެއެއްނު. ދިމާވީމާ ގުޅާތި.] ހައިޝަމް ފޯނު ބޭއްވިއެވެ. ރީޙާންވެސް އެނދުގެ ފަޑިމަތީގައި ފޯނު ބޭއްވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާފައި އެވަނީ އޭނާގެ ކޮއްކޮ ރިޔާއެވެ. ރިޔާވަނީ ދެއަތް ފުރަގަހަށްލައިގެނެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހިނިއައިސްފައެވެ.

[ކިހިނެއްވީ ކޮއްކޯ!؟] ރީޙާން ތެދުވިއެވެ.

[ބޭބޭ...އެއީ ބޭބެގެ ގާރލް ފްރެންޑްތަ؟ ހާދަ ރީއްޗޭ...ބޭބެ ހާދަ ކާމިޔާބޭ.] މިހެން ބުނެފައި، ރިޔާ އޭނާގެ އަތުގައި އޮތް މާބޮނޑި ރީޙާނަށް ދިނެވެ.

[ރިޔާ...ކޮއްކޯ! ކާކުގެ ވާހަކައެއްތަ ތިދައްކަނީ؟ މީ ކާކުދިން މާބޮނޑިއެއްތަ!؟] ރީޙާން ވަރަށް ބޮޑަށް ޙައިރާންވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން