ސްރީލަންކާގައި، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުނުކޮށްފިނަމަ، 10،000 ސްރީލަންކަން ރުޕީސް އިން ޖޫރިމާނާ ކުރުން ނުވަތަ، 6 މަސް ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރުމަށް، ގަވާއިދު ހަދައި، އަމަލް ކުރުމަށް، ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގައި ގެޒެޓުކޮށްފައިވާ އާގަވާއިދުގައި މާސްކް އެޅުން މަޖުބޫރުވުމާއި، އާންމު ސަރަހައްދުތަކުގައި، ދެމީހުންގެ ދެމެދުގައި 1 މީޓަރަށް ވުރެ ކުޑަ ނުވާނެ ފަދަ ގޮތަކަށް ގައިދުރުކަން ބަހައްޓަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި މިގަވާއިދަށް އަމަލު ނުކުރާނަމަ، 10،000 ސްރީލަންކަން ރުޕީސް އިން ޖޫރިމާނާ ކުރުން ނުވަތަ، 6 މަސް ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ވެސް ސްރީލަންކާގެ ގެޒެޓުކޮށްފައިވާ އާގަވާއިދުގައިވެއެވެ.

މި އާގަވާއިދު ނެރެފައިމިވަނީ އޮކްޓޯބަރު 4 ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ 19 ސަރަހައްދެއްގައި ކޮވިޑްގެ އިތުރު ކޭސް ތަކެއް ފެނިފައިވާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު 1،720 މީހުން ޕޮޒިޓިވްވެ، ގާމަންޓް ފެކްޓްރީ އަކާއި ގުޅުން ހުރިކަމަށް ފާހަގަ ކުރެވޭ މި ކްލަސްޓާ އާއި ގުޅިގެން ސްރީލަންކާގެ ގަމްޕަހާ ސަރަހައްދާއި، އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިން އާންމުން ދިރިއުޅޭ ސަރަހައްދުގައި ވަނީ ކާފިއުވެސް ހިންގާފައެވެ. މިއީ ސްރީލަންކާގައި ކޮވިޑާގެ އެންމެ ބޮޑު ކްލަސްޓާވެސްމެއެވެ.

ސްރީލަންކާގައި މިހާތަނަށް 5،354 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 3،385 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. ސްރީލަންކާގައި ކޮވިޑް ޖެހިގެން 13 މީހަކު މިހާތަނަށް މަރުވެފަައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން