ސިވިލް ކޯޓް
ސިވިލް ކޯޓް
ތިލަފުށި ފަޅުގައި އޮތް ބޯޓެއް ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ކުންފުންޏަށް އެ ބޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބިގެން ކަމަށް ބުނެ ބަދަލު ހޯދަން ކުރި ދަޢުވާގައި އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އެމްވީ ސީހޯމް ސަފަޔާ ނަމަކަށް ކިޔާ މިބޯޓަކީ ބާ ދަގަނޑުގެ ގޮތުގައި ނައްތާލަން އެއްބަސްވުމެއްގެ ދަށުން ކުންފުންޏަކާ ހަވާލުކުރި ބޯޓެކެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އޭރު ގްރޭޓަރ މާލެ ކުންފުނީގައި ހުންނެވި އިސްވެރިޔާއާއި އެހެން ބަޔަކު ގުޅިގެން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މި އަމަލުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވާތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ވެސް މިމައްސަލަ ވަނީ ބަލާފައެވެ.

ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް އެ ބޯޓު ތިލަފުށީ ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެކުންފުންޏާ ބޯޓް ހަވާލުކުރީ ބާދަނގަނޑުގެ ގޮތުގައި ބޯޓު ވިއްކާލައިގެން ލިބޭ އާމްދަނީ އަކީ މަަސައްކަތުގެ އަގު ކަަމަށް އެއްބަސްވެގެންނެވެ.

ބޯޓު ކީހާލުމުގެ މަސައްކަތް ޕާކަވަން އިން މިދިޔަ އަަހަރު ކުރަނިކޮށް ބޯޓުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ބަޔަކު ޖެއްސި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ. އޭރު ބޯޓު އޮތީ ކުލި ދައްކަން ޖެހޭ ބޯޓްޔާޑެއްގަ އެވެ. ބޯޓު އެތަނުގައި ބާއްވަން ދިޔަ ހަރަދާއި މަސައްކަތުގެ އަގުގެ ގޮތުގައި 780،511 ޑޮލަރު (10.9 މިލިޔަން ރުފިޔާ) ހޯދަން އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

އެ ދައުވާގެ ޝަރީއަތުގައި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމްގައި، ބުނެފައިވަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ޕާކަވަންއަށް 597،800 ޑޮލަރު (9.2 މިލިޔަން ރުފިޔާ) ދައްކަން އަމުރުކުރާ ކަމަށެވެ. ގާޒީ އަލީ ނަސީރަކީ މިފަހުގެ ތާރީޚު ތަކުފައި މިފަދަ ބަދަލު ނަގައި ދިނުމުގެ ގިނަ ހުކުމް ތަކެއް ކުރަށްވާފައިވާ ފާހަގަ ކޮށްލެވޭ ގާޒީއެކެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ބާދަނގަނޑުގެ ގޮތުގައި ބޯޓު ވިއްކައިލެވުނު ނަމަ އެކުންފުންޏަށް 597،800 އެމެރިކާ ޑޮލަރު ލިބެން އޮތްކަން ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން ސާބިތުވާ ކަމަށެވެ. ޖީއެމްއެލްޒެޑުން ޕާކަވަންއާ ބޯޓު ހަވާލުކުރީ އެކަމުގެ އިޚުތިޔާރު ނެތިކަން، ވެސް ލިޔެކިއުންތަކުން އެނގޭ ކަމަށް އެ ހުކުމުގައި ބުނެފައިވެއެވެ.

ގާނޫނީ މައްސަަލަތަކާ ހެދި ރާއްޖޭން ފުރުން މަނާކުރުމުން 2012 ވަނަ އަހަރު ދޫކޮށްލާފައިވާ އެމްވީ ސީހޯމް ސަފާޔާ ތިލަފުށީ ފަޅުގައި އަޅާފައި އޮތް އިރު، އެ ބޯޓުގެ ވެރިފަރާތެއް ހޯދަން ތިލަފުށި ކޯޕަރޭޝަންގެ ދުވަސްވަރު ވެސް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ ބޯޓް ތިލަފުށީ ފަޅުގައި އޮންނާތީ ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓަށް ދިއުމުން ބޯޓު ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.

ބޯޓް ނަގަން ޕާކަވަންއާ ހަވާލުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް ޖީއެމްއެލްޒެޑްގެ އޭރުގެ މެނޭޖިންޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިނގިލި އިބޫ) އާއި ކުންފުނީގެ އެހެން އިސް ބޭފުޅުން މިދިޔަ އަހަރު ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެ ބައްދަލުވުމުގައި އިބޫ ވިދާޅުވެފައިވަނީ އެބޯޓުގެ މިލްކުވެރިކަން ޖީއެމްއެލްޒެޑަށް އޮތް ކަން ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިއުންތަކާއި ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. އެބޯޓުގެ މައްސަލައިގައި ދައުލަތުން ބަދަލެއް ދޭން ނުޖެހޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ވެސް އޭނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއީ މިސަރުކާރުގައި ތިބި އިސް ބަޔަކު ގުޅިގެން ހިންގާފައިވާ ބޮޑު "ޖަރީމާއެއް" ކަމަށް ތުހުމަތުކޮށް "ރަސް އޮންލައިން" ނޫހުގައި އެވާހަކަ ލިޔުމުން އެކުންފުނީގެ އިސް ވެރިއަކު ނޫހަށް ގުޅާ އެވާހަކަތައް ދޮގުކޮށް އަދި އެކަން ރަނގަޅު ކުރުމަށްވެސް އެދިފައި ވެއެވެ. ނަމަވެސް "ރަސް އޮންލައިން" ގައި އެވާހަކަ ލިޔުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެމައްސަލަ ނިންމާފައިވާ ގޮތަށް ރިޢާޔަތް ކޮށް އަދި މައްސަލައާއި ގުޅިގެން ނޫހަށް ލިބިފައި ހުރި ލިއެކިޔުންތަކަށް ބުރަވެ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް މައްސަލަ ގެނައުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން