ޕްރޮސްޓޭޓް ބޮޑުވާ ބައްޔަށް ފަރުވާ ނުކުރެވިއްޖެ ނަމަ ކެންސަރަށް މަގުފަހިވެގެންދޭ
ޕްރޮސްޓޭޓް ބޮޑުވާ ބައްޔަށް ފަރުވާ ނުކުރެވިއްޖެ ނަމަ ކެންސަރަށް މަގުފަހިވެގެންދޭ
* ޕްރޮސްޓޭޓް ނުވަތަ ބޮޑުވާ ބައްޔަކީ ކޮބާ؟

ޕްރޮސްޓޭޓް އަކީ ހަމައެކަނި ފިރިހެނުންގެ ހަށިގަނޑުގައިވާ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ ކުޑަކަމުދާ ތަކެތި ޖަމާވާ ގުނަވަން ކަމުގައިވާ ބްލެޑަރ (މަސާނާ)ގެ ތިރީގައި ކުޑަކަމުދާ ހޮޅި ފެށޭ ހިސާބުގައެވެ.

ބިނައިން ޕްރޮސްޓެޓިކް ހައިޕަރޕްލަޒިއަ އަކީ އުމުރުގެ ގޮތުން ޕްރޮސްޓޭޓަށް އަންނަ ބަދަލެއްގެ ސަބަބުން ޕްރޮސްޓޭޓް ބޮޑުވެ ބައްޔަކަށް ބަދަލުވުމެވެ.

ޕްރޮސްޓޭޓަކީ ކުޑަކަމުދާ ހޮޅި ވަށާލައިގެން އޮންނަ ގުނަވަނެއް ކަމުން ޕްރޮސްޓޭޓް ބޮޑުވާ ވަރަކަށް ކުޑަކަމުދާ ހޮޅި ފިތޭގޮތް ވެއެވެ. މީގެ ސަބަބުން ކުޑަކަމުދިއުމަށް ބަދަލުތަކެއް އާދެއެވެ.

* ބިނައިން ޕްރޮސްޓެޓިކް ހައިޕަރޕްލަޒިއަ ޖެހެން މެދުވެރިވަނީ ކީއްވެ؟

ޕްރޮސްޓޭޓް ބޮޑުވާން މެދުވެރިވާ ސަބަބެއް ހޯދިފައި ނުވިނަމަވެސް ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވަނީ އުމުރުން ދުވަސްވުމުންނެވެ. އާދަކޮށް ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް ޕްރޮސްޓޭޓް ބޮޑުވާ ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.

* ބޮޑުވާ ބަލި ޖެހެނީ ކޮންބަޔަކަށް؟

މިބަލި ޖެހެނީ ފިރިހެނުންގެ ތެރެއިން އުމުރުން 45 އަހަރުން މައްޗަށް ދިއުމުންނެވެ. އެގޮތުން 50 އަހަރުވުމުން މިބަލިޖެހުމުގެ ފުރުސަތު 50 އިންސައްތަ އޮންނަ އިރު، އުމުރުން 80 އަހަރުން މައްޗަށް ދިޔުމުން އެފުރުސަތު 90 އިންސައްތަ އޮންނަކަން ފާހަގަކޮށް ލެވެއެވެ.



* ޕްރޮސްޓޭޓް ބޮޑުވެފައިވާ ކަމުގެ އަލާމާތްތަކަކީ ކޮބާ؟

- ކުޑަކަމުދާއިރު ކުރިންދާ ބާރުމިނުގައި ކުޑަކަމު ނުދެވުން އަދި ކުޑަކަމުދިއުމަށް ދަތިވުން.

- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން.

- ޙާއްސަކޮށް ރޭގަނޑުގެ ވަގުތުގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން.

- ކުޑަކަމުދާން ފެށުމަށް އުނދަގޫވުން.

- ކުޑަކަމުދާއިރު އެއްބުރުން ކުޑަކަމުނުދެވުން ނުވަތަ ހުސްކޮށްލަން ދަތިވުން.

* ބަލީގެ އަލާމާތްތަށް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަން ޖެހޭނެތަ؟

ޕްރޮސްޓޭޓް ބޮޑުވެފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ހާއްސަ ސަމާލުކަމެއްދީ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ. ބައެއްފަހަރު ޕްރޮސްޓޭޓް ބޮޑުވުމާއި ވިދިގެން ކުޑަކަމުދާ ހޮޅި ފިތި ކުޑަކަމުދާ ތަކެތި ބޭރުވާނެ ގޮތެއް ނެތުމުގެ ސަބަބުން ކިޑްނީއާއި ދިމާލަށް ދަތުރު ކުރެއެވެ. އެއަށްފަހު ގިނަވަގުތު ކިޑްނީގައި ކުޑަކަމުދާ ތަކެތި ޖަމާވެއެވެ. މިއީ ކިޑްނީއަށް ނުރައްކަލާ ކުރިމަތިވެދާނެ ކަމެކެވެ.

އެހެންކަމުން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދައި އެގޮތަށް އަމަލުކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.



* ޕްރޮސްޓޭޓް ބޮޑުވާ ބައްޔަށް އޮތް ފަރުވާއަކީ ކޮބާ؟

- ކުޑަކަމުދާ ހޮޅި ފިތުން ކުޑަކުރުމަށް ބޭސް ކެއުން.

- ޕްރޮސްޓޭޓް މަަސްގަނޑު ކުޑަ ކުރުމަށް ބޭސްކެއުން.

- ޕްރޮސްޓޭޓް އޮޕަރޭޝަންކޮށްގެން ނެގުން ނުވަތަ ހާއްސަ އަލާތްތަކެއް ބޭނުންކޮށްގެން ޕްރޮސްޓޭޓް ކަހާލުން ނުވަތަ އަންދާލުން

* ޕްރޮސްޓޭޓް ބޮޑުވުމުން ކެންސަރަށް ބަދަލުވާނެތޯ؟

މަދު ހާލަތެއްގައި ޕްރޮސްޓޭޓް ބޮޑުވާ ބަލި ޖެހުމަށްފަހު ކެންސަރަށް ބަދަލުވެއެވެ. އެހެންކަމުން ޕްރޮސްޓޭޓް ގްލޭންޑްގައި ކެންސަރުގެ ބަލި އަށަގެންފައިވޭތޯ ބެލުމަށް ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. މިފަދަ ޓެސްޓްތައް ރާއްޖޭގައިވެސް ހެދެން ހުންނައިރު ޑޮކްޓަރަކާއި ނުވަތަ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑަކްޓަރަކާއި މަޝްވަރާކުރުމަށް ފަހު ޓެސްޓްކުރުން މުހިއްމެވެ.

* ޕްރޮސްޓޭޓް އޮޕަރޭޝަނަށް ފަހު ޖިންސީގުޅުން ހިންގުމުގައި ހީނަރުކަމެއް އަންނާނެތޯ؟

ޕްރޮސްޓޭޓަކީ ޖިންސީ ގުނަވަނާއި ވަރަށް ބޮޑަށް ގުޅިފައިވާ ގުނަވަނެކެވެ. އޮޕަރޭޝަން ކުރުމުގައި ޕްރޮސްޓޭޓްގެ މަސްގަނޑު ނެގުމުގެ ސަބަބުން ނުވަތަ ވިރުވާލުމުން ބައެއް ފިރިހެނުންނަށް ޖިންސީގުޅުން ހިންގުމުގައި އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ. މިފަދަ އުނދަގޫތަކެއް ވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.

............................

* މިލިޔުމަކީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެމުން އަންނަ "ކުލުނު"ގެ އަދަދެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު


17

ަެެަސފ

25-Oct-2020

ހައްލަކީ އިށީނދެ އިނދެ ސުންނަތާއި އެއްގޮތަށް ކުޑަކަމު ދިއުން, ގިނަ ގިނައިން ފެން ބުއިން ފެން ބޯއިރު, ކަނާތުން ފެން ބުއިމާއި އިށީނދެ އިނދެ ފެން ބުއިމާއި, 3 ނޭވާއިން ފެން ބުއިން އަފި ފެން ބޯ ތައްޓަށް ނޭވާ ނުލުމާއި ނުފުމުން



ޓްރެންޑިން