އަހުމަދު މަސްނޫމް   17 ނޮވެމްބަރު 2020
ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އޭރު ރާއްޖޭގައި ޤަބޫލުކުރަމުން އައީ ބުދު ދީނެވެ. ރަސްކަމުގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތިޔަ، މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު މި ރަސްގެފާނުގެ ނަންފުޅު މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.


ދިވެހިރާއްޖެ އިސްލާމްވިތާ މިހަރު މިވަނީ 8 ޤަރުނުފާއިތުވެފައެވެ. ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ. އަދި 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެސް ޤާނޫނު އަސާސީގެ އެ މާއްދާގައިވެއެވެ.
ރާއްޖެ އިސްލާމްވިތާ 894 އަހަރު ފާއިތުވެގެންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުއްޓެވެ. ދީނީ ކަންކަމަށް ސަމާލުކަންދެވޭ މިންވަރެވެ. ދީނާއި ދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން ކުރަމުންދާ ނޭދެވޭ އަސަރެވެ. ދީނާއި މެދުގައި ދިވެހިންގެ ހިތުގައި އޮތް ލޯތްބެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެމުންދާއިރު މި ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސް ކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމްދީންކަން ޤަބޫލުކުރަންޖެހެއެވެ. އިސްލާމްދީނަކީ މިފަދަ އެންމެހައި ސިފަތަކުގެ މައްޗަށް ފުރިހަމަވެފައި އޮތް ކާމިލް، ޝާމިލް ދީނެކެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވޭ މި ދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހޭ އެއްކަމަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް ދިވެހިންގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމެވެ. ނަމަވެސް ދީނީ މިފަދަ ޚިޔާލު ތަފާތުވުންތަކަކީ އޭގެ ސަބަބުން ބައިބައިވުން އުފެދެންޖެހޭ ސަބަބެއް ނޫންކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.
އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލޯތްބާއި ޤަދަރުކުޑަކޮށް، އެ ދީނާމެދު ނަފްރަތު އުފެއްދުމަށްވެސް ބަޔަކު މަސައްކަތްކުރާކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީހުންގެ ނުރައްކާތެރި މަޅިތަކުން ސަލާމަތްވުމަށްޓަކައި ދީނީ ޢަޤީދާ ވަރުގަދަކޮށް އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމުކަމެކެވެ.

ހަމައެހެންމެ ރާއްޖޭގެ ދީން ބަދަލުކޮށްލުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރި އިރުވެސް އެކަން ކާމިޔާބުވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މުސްލިމުންގެ ލެއިން ދިވެހި ކަނޑުތައް ރަތްކޮށްލި ޕޯޗުގީޒުންގެ އަނިޔާވެރި ދުވަސްވަރުވެސް ދިވެހިން ސާބިތުވެތިބީ އިސްލާމްދީންމަތީގައެވެ. އެދުވަސްވަރު ދިވެހިންގެ ކަރަށް ގަދަކަމުން ރާއަޅަން މަސައްކަތްކުރުމުންވެސް އެކަމާ އިންކާރުކޮށް، އިސްލާމްދީނުގެ ޢަޤީދާގައި ސާބިތުވެތިބިކަން ތާރީޚުން އެނގެން އެބައޮތެވެ. މިއީ އިސްލާމީ އަޤީދާގައި ދިވެހިން ދެމިތިބޭނެ ކަމުގެ ސާފު ހެކިތަކެކެވެ.
ހަމައެބީދައިން އިސްލާމްދީން ދިފާޢުކުރުމަށްޓަކައި ދިވެހި ކާބަފައިން ކުރައްވާފައިވާ ޖިހާދުތަކުގެ މަތީން ހަނދާން އައުކޮށް ޢިބުރަތް ލިބިގަންނަންޖެހެއެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާތައް އައު ކުރަންޖެހެއެވެ.
އިސްލާމްދީނުގެ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި ދޮންބަންޑާރައިންނާއި އަލިރަސްގެފާނާއި ޝަހީދު ޙުސައިން އާދަމް ފަދަ ލީޑަރުން ވެވަޑައިގެންނެވި ޤުރުބާނީން މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަންނަ ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ޤައުމާއި ދީނަށްޓަކައި ކެރިގެން ތެދުވާންޖެހެއެވެ. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން ވާރުތަކުރެއްވި އިސްލާމްދީނާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.

ކިޔުންތެރިންގެ ހިޔާލު