މެލޭޝިޔާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު، ޑރ. ނޫރު އަޒްމީ ގަޒަލީ
މެލޭޝިޔާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު، ޑރ. ނޫރު އަޒްމީ ގަޒަލީ
ކޮވިޑަށް ވެކްސިނެއް ލިބެންދެން މެލޭޝިޔާގެ ލޮކްޑަައުންގެ މަރުހަލާތައް ދެމިގެންދާނެކަމަށް މެލޭޝިޔާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު، ޑރ. ނޫރު އަޒްމީ ގަޒަލީ ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ލޮކްޑަައުންގެ މަރުހަލާތައް ދެމިގެންދާއިރު ކޮވިޑް ޖެހޭ މީހުންގެ އަދަދަށްބަލައިފައި އިތުރު ލުއިތައް ދިނުމަށް ނުވަތަ ހަރުކަށި ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީއިން ސަރުކާރަށް އިލްތިމާސްކުރާނެ ކަމަށްވެސް ޑރ. ނޫރު އަޒްމީ ގަޒަލީ ވިދާޅުވެފައިވެއެވެ.

މިއާއެކު މިދިޔަ ދެހަފްތާތެރޭ މެލޭޝިޔާގައި ކޮވިޑް ޖެހޭމީހުންގެ އަދަދަށްބަލައި އެކި ސަރަހައްދުތައް އެކި ކުލައިން ފާހަގަކޮށްފައިވެއެވެ. މިގޮތުން މިދިޔަ ދެހަފްތާތެރޭ އިތުރު ކޭސްއެއް ފެނިފައި ނުވާ ސަރަހައްދުތައް ފެހި ކުލައިން ފާހަގަ ކުރެވިފައިވެއެވެ. އަދި މިދިޔަ ދެހަފްތާތެރޭ 20 ކޭސް އަށްވުރެއް ދަށުން ރިޕޯޓު ކުރެވިފައިވާ ސަރަހައްދުތައް ރީނދޫ ކުލައިން ފާހަގަ ކުރެވިފައިވާއިރު، 21 އާއޮ 40 އާއި ދެމެދުގެ އަދަދަކަށް ކޭސް ރިޕޯޓު ކުރެވިފައިވާ ސަރަހައްދުތައް އޮރެންޖު ކުލައިން ފާހަގަ ކުރެވިފައިވެއެވެ. މީގެ އިތުރުން 41 އަށްވުރެ ގިނައިން ކޮވިޑް ކޭސް ރިިޕޯޓު ކުރެވިފައިވާ ސަރަހައްދުތައް ފާހަގަ ކޮށްފައިވަނީ ރަތް ކުލައިންނެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު އަދި ރައްކާތެރި ގޮތަކީވެސް ގޭގައި ތިބުންކަމަށް މެލޭޝިޔާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު، ޑރ. ނޫރު އަޒްމީ ގަޒަލީ ވިދާޅުވެފައިވެއެވެ.

މިއާއެކު މެލޭޝިޔާ ލޮކްޑައުން ކޮށް ބޭއްވުމާ ދެކޮޅަށް މެލޭޝިޔާގެ މެޑިކަލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑރ. މިލްޓަން ލުމް ވާހަކަދައްކައިފައިވެއެވެ. މިގޮތުން ދަ ލެންސެޓްގެ ދިރާސާ ރިޕޯޓަކަށް ހަވާލާދީ، ލޮކްޑައުންގެ މުއްދަތު އިތުރުވުމުން ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ކުރިމަތި ވެދާނެކަމަށް މެލޭޝިޔާގެ މެޑިކަލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑރ. މިލްޓަން ލުމް ފާހަގަކޮށްފައިވެއެވެ.

މެލޭޝިޔާ ލޮކްޑައުން ކުރުމާމެދު ހިޔާލުތަފާތުވުން އުފެދުނު ނަމަވެސް، ވެކްސިނެއް ގަނެ، ބަހައި، އެންމެނަށް ޖަހަންވެސް 6 މަސްވަރު ނަގާނެކަމަށް މެލޭޝިޔާގެ މަޖިލިސް މެމްބަރު ވޮންގ ޗެން ވިދާޅުވެފައިވެއެވެ. މިގޮތުން މެލޭޝިޔާގައި ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރެވެނީ މިއަންނަ އަހަރުގެ އެންމެ ފަހު ކުއަރޓަރގައި ކަމަށްވެސް ވޮންގ ޗެން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު