ޞާދިރު ޢަލީދީދީ   16 ޑިސެމްބަރު 2020 - 13:56
ވޭނީކަރުނަ
ވޭނީކަރުނަ
ޒުވާން ކޮންމެ އަންހެން ކުއްޖަކީ ފޮނި ހުވަފެންތަކެއް ދެކޭނެ ކުއްޖެކެވެ. ހިތާއި ސިކުނޑީގައި ދައުރުވަމުންދާ ޒުވާން ލޭގެ އެދުމަކަށްވާނީ މުސްތަޤުބަލްގެ ކުލަރީތި މަންޒަރުތައް ދުށުމަށެވެ. ޕާކުތަކުންނާއި ބީޗްތަކުން ފެންނަ ޒުވާން ޖޯޑުޖޯޑުގެ ސަކަ ހަރަކާތްތަކާއި އަސަރުގަދަ އާދަތައް ދެކޭހިނދު ތިމާވެސް ހަމަ އެފަދައިން ލޯބީގެ ދައުރު ފާގަތިކަމާއެކު ހޭދަކޮށްލުމަށް ނޭދޭނެ އެއްވެސް ޖިންސު ލަތީފަކު ނުހުންނާނެއެވެ. ހަމަ ކޮންމެ ކުއްޖަކުވެސް ބޭނުންވާނީ ތިމާއަށްވުރެ ރީތި ޒުވާން ފިރިހެނެކެވެ.

ރަމްލާއަކީވެސް ވަރަށް ފޮނިހުވަފެންތަކެއް ދެކެމުންއައި ފަތްމިންޏެއްފަދަ ރީތި އަންހެންކުއްޖެކެވެ. ރެއާއިދުވާލު މުސްތަޤްބަލުގެ ތަޞައްވުރުތައް އިޙްސާސް ކުރަމުންއައި ޒުވާނެކެވެ. ފަހަރެއްގައިވެސް އޭނާގެ ޙަޔާތަށް ހުތުރު ފިރިޔަކު އަތުވެދާނެ ކަމަކަށް ހިހެއް ނުކުރެއެވެ. ނަމަވެސް ހެއްދެވި ކަލާނގެ އެނާއަށް ދެއްކެވީ މުޅިން އެހެން މަންޒަރެކެވެ. ހީވެސް ނުކުރާފަދަ އިންޤިލާބެއް އޭނާގެ ހަޔާތަށް އައެވެ. ނިންމައިގެން ހުރިގޮތާއި ޚިލާފަށް އޭނާއަށް ލިބުނީ ހުތުރު ފިރިއެކެވެ. ކާވެންޏާއި އެއްބަސްވެވުނީ އެރި އޮޅުމަކުންނެވެ. ފިރިމީހާގެ މޫނުފެނުނުއިރު ކައިވެނީގެ އޮތީ ޢަޤުދު ކުރެވިފައެވެ.

ފިރިމިހާ ފެންނަ ކޮންމެ ފަހަރަކު އޭނާ ރުޅިއާދެއެވެ. މޫނުރަތްވެގެން ދެއެވެ. އެހެންނަމަވެސް ހިތްހެޔޮ މައިދައިތައެއްގެ ލޯތްބާއެކު އޭނާ ވޭނީކަރުނައިގެ ކަނޑެއްގައި ފީނަމުން ދުވަސްތައް ގުނަމުން ދިޔައެވެ.

މުޢާޒަށްވެސް ރަމްލާގެހިތުގެ ޝުޢޫރު ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް އޭނައަކީ ވިސްނުން ތޫނު ހެޔޮލަފާ ފިރިހެނަކަށްވީތީ ކެތްތެރިކަމާއެކު މަރުހަލާ އަކަށްފަހު މަރުހަލާއެއް ކަޑައްތު ކުރަމުން ދިޔައެވެ.

އެންމެފަހުން ރަމްލާއަށް މުޢާޒުގެ ހިތުގައިވާ ލޯތްބާއި އެހިތުގެ ރީތިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވުނެވެ. ކަށިވިދުރީގެ ސަބަބުން ހަލާކުވެފައިވާ މުޢާޒުގެ މޫނު ކިތަންމެ ހުތުރުކަމުގައިވީނަމަވެސް އޭނާގެ ހިތަކީ ލޯބިން ފުރިފައިވާ ރީތި ހިތެއްކަމުގައި ރަމްލާއަށް ގަބޫލު ކުރެވުނެވެ.

01 ވަނަ ބައި

..................

ބައެއް ފަހަރު ލޯބިން ގެންގުޅޭ އަގުބޮޑު މާޖަހާއެތިވެސް އަތުންވެއްޓި ކުދިކުދިވެދޭ އެހެން ނޫންތޯއެވެ. ބުރުގާ ހިއްލާލުމާއެކު ރަމްލާގެ ހުވަފެންތަކުގެ ގުލްދާން ހަލާކުވެގެން ފައިބުޑަށްވެއްޓި ކުދިކުދި ވެއްޖެއެވެ. ކަންބޮޑުވެފައިވާ މީހާ އެ ކުދިކުދިވެފައިވާ ފުޅިތޮށިތަކުގެ މަތީގައި ފައިއަޅައިފިއްޔާ ދަށްފައިވެސް ލެއިން ތަތްތެޅި ދެއެވެ. އެހެން ނަމަވެސް އަގުބޮޑު މާޖަހާ އެތީގެ ހިތާމައިގައި އަމިއްލަ ލޭގެ އަގު ދަށްކަމުގައި ހީކުރެވެއެވެ.

ރަމްލާ އޭނާގެ އަތްތިލައަށް ބަލާލިއެވެ. އަޅާފައިވާ ހީނާފަތުގެ ސަބަބުން އަތުގެ ކުލަ ކަޅުރަތްކުލައަށް ބަދަލުވަމުން ދަނީއެވެ. މިއީ ހީނާފަތެއް ނޫނެވެ. ކަނޑައެޅިގެން ލެއެވެ. އޭނާ ވިސްނާލިއެވެ.

ކޮންމެވެސް ގޮތަކުން އަތްތިލައިގައި ހުރި ހީނާފަތުގެ ކުލަ ފިލުވާލަފާނަމޭ އޭނާގެ ހިތަށް އެރިއެވެ. ކައިވެނީގެ އެއްދުވަސް ކުރިއާ ހަމައަށް އަތުގައި ހުރި ކުލައަށް ހަދާލުމަށެވެ. ދޮން ކުލައަށެވެ..... ހުދު ކުލައަށެވެ.

ޙަޤީޤަތުގައި އޭނާ ބޭނުންވަނީ އަތްތިލައިގައި ހުރި ކުލަފިލުވާލާކަށް ނޫނެވެ. އޭނާގެ ޙަޔާތުގެ ހުސްކަރުދާހުގައި ޖެހިފައިވާ ތަޤްދީރުގެ ސިއްކަ ފޮހެލުމަށެވެ. އެއްފަހަރާ އެކަން ނިންމާލުމަށެވެ.

އެކަމަކު ތަޤްދީރުގެ ސިއްކައަކީ ކުރެވޭ ކުޑަކުޑަ ކުށަކާހެދި ފޮހޭ ރަބަރު ކޮޅަކުން ފޮހެލެވޭނެ އެއްޗެއް ނޫނެވެ. ތަޤްދީރުގެ ސިއްކައަކީ ހުރިހާ ގޮތަކުން ނިމިގެން، ޖެހިފައިވާ ސިއްކައެކެވެ. ވީއިރު ދުނިޔޭގެ އެއްވެސް އަތަކުން އެސިއްކަ ފޮހެލުމަކީ ނުކުރެވޭނެ ކަމެކެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތީ ކޮންބާރެއް ހެއްޔެވެ.

ތަނަށް އެއްވެފައި ތިބި ހުރިހާ ޝާޢިރުންނާއި އަދީބުން ދެކެ އޭނާ އިންތިހާއަށް ރުޅި އަތުވެއްޖެއެވެ. މިރެއަކީ އޭނާގެ ޙަޔާތުތަގައި ދިމާވި އެންމެ ބިރުވެރި ރޭ ކަމުގައި ވެއްޖެއެވެ.

އޭނާ މުޢާޒުގެ މޫނަށް ބަލާލުމާއެކު ލޯމަރާލިއެވެ. އެހެން ނަމަވެސް ހިތުގެ ތެޅުމަކަށް ހުރަހެއް ނާޅައެވެ. ހިތް ބަރާބަރަށް މަސައްކަތް ކުރަމުން ދިޔައެވެ. ކަންފަތަށް ބޭރުގެ އަޑުތައް އިވެމުން ދިޔައެވެ. މުޢާޒު ހެދީ ކިހިނެއްކަމެއް ނޭނގެއެވެ.

އިންތިހާ ދަރަޖައިގެ މަކްރޫހަ ފަތިހެކެވެ.

ފަތިހު ހޭލެވުމާއެކު މުޢާޒުގެ މަކްރޫހަ މޫނަށް އޭނާ ކަޅި ހިންގާލިއެވެ. އޭނާ ރަމްލާގެ ގާތުގައި ގަދަ ނިދީގައި ނިދާފައި އޮތެވެ. ރަމްލާގެ މޫނު ކުނިވެއްޖެއެވެ.

މާތް ރަސްކަލާކޯއެވެ. އަޅުގެ ނަސީބުގައި ލިޔެވިފައިވަނީ މިސިފަ ހުތުރު އިންސާނާ ތޯއެވެ. އިބަރަސްކަލާނގެ މިއޮއްބޮޑު ރީތި ދުނިޔޭން އަޅަށް ދެއްވީ މިފަދަ ފިރިހެނެއް ތޯއެވެ. މިކަޅު ރޭގަނޑުގެ ދާވަނީގައި ބަނދެވިގެން، އަޅަށް ކުރެވިފައިވަނީ ކޮންކުށެއްތޯއެވެ.

ރޭގެ ޕާޓީން ވަކިވުމުގެ ކުޑައިރުކޮޅެއް ކުރިން ސޯނިޔާ އޭނާގެ ކަންފަތް ދޮށުގައި ބުންޏެވެ.

[ނިކަން ފަރުވާތެރި ކަމާއެކު ރަމްލާގެ ފިރިމީހާއަށް ބަލާލަ ބަލާށެވެ. އަނެއްކާ ބިރުންގޮސް ހޭނެތޭވަރު ނުވާނެ ބާވައެވެ. އަހަންނަށް ހީވަނީ އެހެން ހަދައިފިއްޔާ މިރޭ ހަތަރުދަމު އެނާ އިންނަން ޖެހޭނީ ރަމްލާގެ ކައިރީގައި ވިހެލަ ވިހެލާ ހެންނެވެ.]

އޭނާ ހީކުރީ ސޯނިޔާކުރީ ސަމާސާއެއް ކަމުގައެވެ. ސޯނިޔާއަކީ އަބަދުވެސް އެކަހަލަ ވާހަކަ ދެއްކުމަށް އާދަވެފައިވާ ކުއްޖެކެވެ. ގޭތެރޭގައި އުޅޭއިރު އަބަދުވެސް އިވޭނީ އެކަހަލަ ކޮންމެވެސް މަޖަލެއްގެ އަޑެވެ.

[ރަމްލާ ކަހަލަ ރީތި އަންހެން ކުއްޖަކާ އެކަށީގެންވާ ފިރިހެނަކު އަންނާނީ ކޮންތާކުން ހެއްޔެވެ؟]

އޭނާއޮތީ އެއްބަނޑު ތިމާގެ މީހުންނާ މައިންބަފައިން ގާތުގައި އޭނާގެ ކައިވެނީގެ ވާހަކަ ދައްކާފައެވެ. އޭނާ އިންނާނީ ދެހިތް ދެހިތާގުޅޭ އޭނާ ލޯބިވާ މީހަކާއެވެ.

ރީތި ކޮންމެ އަންހެން ކުއްޖެއްގެ ހިތުގައި އެންމެބޮޑަށް ފާހަގަކުރެވޭ ކަމަކަށް އޮންނާނީ މިއެދުމެވެ. އާދެ، ތިމާގެ ފިރިއަކަށްވާ މީހާ ތިމާއަށްވުރެ ވަކިން ރީތި ނުވުމުގެ އެދުމެވެ. މާރީތި ނޫންމީހަކާ އިނދެވިއްޖެއްޔާ މުޅި ޙަޔާތުގައި ފިރިމީހާ ހުންނާނީ އަންހެން ކުއްޖާގެ ލޯބި މިލްކު ކޮށްގެންނެވެ. އެކަމަކު މުޢާޒު ފަދަ ސިފަހުތުރު ފިރިއެއްގެ އުއްމީދު ކުރާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ.

ކޮންމެއަކަސް ގައިގެ ކުލައާމެދު ހިތްހަމަ ޖައްސާ ލެވިދާނެއެވެ. ފިރިހެނުން ރީތިވާނީވެސް ގައިގެ ކުލަ ކުޑަކޮށް އަނދިރިކޮށް ހުރީމައެވެ. މުޢާޒުގެ ގައިގެ ކުލައަކީ ގަދަ އަނދިރި ކުލައެވެ. ރަމްލާގެ ގާތުގައި އިންނައިރު އޭނާ ހީވަނީ ކަޅު ދެލިގަނޑެއް ހެންނެވެ. މިދެކެވެނީ ހަމައެކަނި ގައިގާހުރި ކުލައިގެ ވާހަކައެއް ނޫނެވެ. އޭނާގެ މޫނު މަތީގައި ކަށިވިދުރީގެ ލަކުނުތައްވެސް އެބަހުއްޓެވެ. ރަމްލާ މޭނުބައި ކުރިއެވެ. ކޮންފަދަ ގަމާރު މީހެއްގެ ދަރިއެއް ހެއްޔެވެ. އެޒަމާނުގައިވެސް ޑަކްޓަރީ އެހީ ލިބޭނެ ކިތަންމެ މަރުކަޒުތަކެއް ހުންނާނެއެވެ. އެކަމަކު އޭނާގެ މަންމަ ކަށިވިދުރިއަށް އެއްވެސް ފަރުވާއެއް ނުދެއެވެ. އިންޖެކްޝަނެއްހާވަރު ނުޖައްސައެވެ. އެފަދަ ނުރައްކާތެރި ބައްޔެއްގެ ޙަމަލާއިން އޭނާ ސަލާމަތްވީ ކިރިޔާ ނޫން ހެއްޔެވެ.

މުޢާޒަށް ފަސޭހަކަމާއެކު މިލިބުނު އަންހެން ކުއްޖާއަކީ އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންގެ ތެރެއިން އެންމެ ހަގު އަދި އެންމެ ރީތި ކުއްޖާއެވެ. ދޮށީ ތިން އަންހެން ކުދިން މީހުނާ އިނދެގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދެބޭބެވެސް އެބައުޅެއެވެ. އެދެމީހުންވެސް އުޅެނީ މީހުނާ އިނދެގެންނެވެ.

އޭނާއަކީ ބީއޭ ފާސްނަގައިގެން އިން ކުއްޖެކެވެ. ރީތި އަންހެން ކުއްޖެކެވެ. އޭނާ އަމިއްލަ ހަށިގަނޑާމެދު ވަރަށްބޮޑަށް ފަރުވާ ބަހައްޓައެވެ. އާދަކޮށް ސަނާމުގުގެ ފުށުން މޫނު ދޮވެއެވެ. ރޭގަނޑު، ކްރީމްގެ ބަދަލުގައި މޫނުގައި އުނގުޅަން ބޭނުންކުރަނީ ކިރުތަށީގެ މަތީގައި ހުންނަ ދުއްޔެވެ. އަތުގައި އުނގުޅުމަށް އެތައް ވައްތަރެއްގެ ލޯޝަނެއް ބޭނުން ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މޫނާއި ކަނދުރާ އަށްވުރެ އޭނާގެ އަތް ރީއްޗެވެ.

ކުޑަގޮތަކަށް ބާޒާރުކޮށްލަން ނުކުމެލިއަސް ގެއަށް ހަމަ އައުމާއެކު މޫނުދޮވެލައެވެ. ބާޒާރު މަތީގެ ހިރަފުހުން މޫނުގެ ރީތިކަމަށް ހުރަސް އަޅާފާނެތީއެވެ. ލޯ ސާފުކޮށް ދިގުއެއްސިފަ ތަކުގައި އާމަނަކަތެޔޮ އުނގުޅައެވެ. ތުންފަތް ސާފުކުރުމަށްޓަކާ ޓޮމާޓޯ ބޭނުން ކުރެއެވެ. ފެންވަރާއިރު ފެނުގައި މީރުވަސް ދުއްވައެވެ. އޭނާ އަމިއްލަ ނަފްސާއި އަމިއްލަ މޫނުދެކެ ނިހާޔަތަށް ލޯބިވެއެވެ. އޭނާ ފިނިފެންމާ ކުރިއަކާމެދު ޚިޔާލު ބަހައްޓާ ފަދައިން އަމިއްލަ ނަފްސާމެދު ޚިޔާލު ކުރެއެވެ. އޭނާ ކުރަމުން ގެންދިޔައީ ޝަހްޒާދާއެއްގެ އިންތިޒާރެވެ. އެ ޝަހްޒާދާ ރޭގަނޑު ވޭތުކޮށްލާ ތަނުގައި އޭނާގެ ހަށިގަނޑުގެ ބައްތި ދިއްލަން ޢަޒުމް ކަނޑައެޅިއެވެ. އޭނާ ކުރީ ޒަމާނުގެ ފުލޯކު ވާހަކަތައް އަޑުއަހައެވެ. އެޒަމާނުގައި ބޮޑެތި ރަސްރަސްކަލުންގެ ދަރި ދަރިކަނބަލުންގެ ކާވަންޏަށް އެދި ހަމަ އެފެންވަރުގެ ޝަހްޒާދާއިންތައް ކުރިމަތިލައެވެ. އަދި އެކާވެނީގެ ރަނެއްގެ ގޮތުން ހުށަހަޅާ ވަރުގަދަ ޝަރްޠުތައް ފުރިހަމަ ކުރުމަށްފަހު އެރާނީންގެ ކައިވެނި މިލްކު ކުރެއެވެ.

އަހެން ނަމަވެސް ރަމްލާ އެއްވެސް ޝަރްޠެއް ހުށަހަޅާފައެއް ނެތެވެ. އޭނާހުރީ، އެމީހަކު ފެނުމުން ހިތަށް ފިނިކަން ލިއްބައިދޭނެ މީހެއްގެ އިންތިޒާރުގައެވެ. އޭނާގެ ހުވަފެންތަކުގެ ޝަހެޒާދާގެ އިންތިޒާރުގައެވެ.

އެކަމަކު ބައްޕަ މިކުރީ ކީއްހެއްޔެވެ؟

އަނދިރި ގުޅަވަރެއް ގެނެސް އޭނާގެ ކަރުގައި އެލުވީއެވެ.

ބައްޕަ ދުބާއިން އައުމާއެކު މުޢާޒުގެ ތަޢުރީފުކުރަން ފެށިގޮތުން ހީވީ ހުސްބަކަރި އުޅޭރަށަކުން އެންމެ ފުރަތަމަ ފަހަރަށް އިންސާނަކު ފެނުނު ހެންނެވެ. ދުބާއީން ފެށިގެން ލާހޫރާ ހަމައަށް ބައްޕަ ދަތުރުކުރީ މުޢާޒާއި އެކުގައެވެ. މުޢާޒު ހުރީ ސަރުކާރުގެ ފަރާތުން ފޮނުއްވި ކޯހެއްގައި ދެއަހަރު ދުވަހަށް ޔޫރަޕަށްގޮހެވެ. އަދި މިހާރު އޭނާ އެއައީ ދުބާއީން ވިޔަފާރި ހިފައިގެންނެވެ. ރަމްލާގެ އެންމެދޮށީ ބޭބެގެ ބޮޑު ފިހާރައެއް ދުބާއީގައި ހުރެއެވެ. ޖެހިގެންހުރި ބޭބެގެ ފިހާރައެއް ޝާރްޖާގައި ހުރެއެވެ. ބައްޕަގެ މަސައްކަތަކީ ދެކުދިންނަށް އެހީވުމުގެ ގޮތުން ކޮޅުކޮޅަށް ދަތުރު އެޅުމެވެ. މިޢުމުގައިވެސް ދަތުރުފަތުރު ކުރުމަކީ ބައްޕައަށް ވަރަށް މަޖާ ކަމެކެވެ. ވައްތަރު ވައްތަރުގެ މީސްމީހުނާ ބައްދަލުކޮށް ތާފަތު ރަށްރަށަށް ދަތުރުކުރުމުގެ ސަބަބުން މިހާރު ބައްޕައަކީ ތަޖުރިބާހުރި މޮޅު މީހެކެވެ. އޭނާގެ ލޮލަކީ މިންގަނޑެކެވެ. މީހާ ލޮލަށް ފެނުމާއެކު އެމީހެއްގެ ގޮތާއިފޮތް ރަނގަޅަށް ދެނެގަނެއެވެ. ރީތި ހުތުރު ފާހަގަކުރަނީ ގިނައިރު ބަލާ ވިސްނާފައެއް ނޫނެވެ. ލޮލަށް ހަމަ ފެނުމާއެކު އެ އެއްޗަކާމެދު އިންސާފު ކުރެއެވެ. ބައްޕަގެ މި އާދައަކީ ޢާއިލާގެ މެދުގައި މާކަ ރުހެވޭ އާދައެއް ނޫނެވެ. އެހެންކަމުން މަންމަ އިންނަނީ މަސްލަޙަތަށްޓަކާ ތައް ބައްދައި ގެންނެވެ.

މުޢާޒާއި ބައްޕަ ކަރާޗީއަށް އައީ އެކީގައެވެ. އަދި ލާހޫރަށް އައުމަށްޓަކާ ދަތުރުކުރީވެސް އެއްބޯޓަކުންނެވެ.

މިކުޑަ ވަގުތުކޮޅުގެ ތެރޭގައި މުޢާޒުގެ ހުރިހާ ރަނގަޅު ސިފަތަކެއް ބައްޕަ ދެނެގެންފި ކަހަލައެވެ. ލާހޫރަށް އައުމަށް ފަހުގައިވެސް އެތައް ފަހަރަކު އޭނާގެ އޮފީހަށް ބައްޕަ ގޮސް އޭނާއާ ބައްދަލުކޮށް ހެދިއެވެ. އެއްމަސް ދުވަހަށްފަހު މުޢާޒުގެ މަންމަ، ރަމްލާގެ ގެއަށް އައެވެ. އޭނާއަކީ ސީދާސާދާ އަވަށްގަނޑުގެ އަންހެނެކެވެ. ބޮޑެތި ޝަހަރު ތަކުގައި އުޅޭ އަންހެނުންގައި ހުންނަ ސިފައެއްނެތެވެ. އަދި އެމީހުންގައި ހުންނަ މަކަރުވެރި އާދަތަކެއްވެސް ނެތެވެ.

މުޢާޒުގެ މަންމަ މިގޮތަށް ގެއަށް އައިސް އުޅޭތާ ކުޑަދުވަސްކޮޅެއް ވުމަށްފަހު އޭނާގެ އެދުންފާޅުކޮށްފިއެވެ. އާދެ، އޭނާގެ ދަރިފުޅު މުޢާޒަށްޓަކާ ރަމްލާގެ ކައިވެންޏަށް އެދެފިއެވެ. ރަމްލާ ދެކޭގޮތުގައި މިއީ ޙައިރާންވާ ވަރުގެ ކަމެއްނޫނެވެ. އޭނާ ދެކެފި ކޮންމެ މީހަކު އޭނާއަށް އެދެއެވެ. އޭނާގެ އެންމެދޮށީ ދައްތަގެ ޅިޔަނު އޭނާގެ ކައިވެންޏަށް އެދުނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން