ޞާދިރު ޢަލީދީދީ   17 ޑިސެމްބަރު 2020 - 11:56
ވޭނީކަރުނަ
ވޭނީކަރުނަ
02 ވަނަ ބައި

..................

މުޢާޒުގެ މަންމަ މިގޮތަށް ގެއަށް އައިސް އުޅޭތާ ކުޑަދުވަސްކޮޅެއް ވުމަށްފަހު އޭނާގެ އެދުންފާޅުކޮށްފިއެވެ. އާދެ، އޭނާގެ ދަރިފުޅު މުޢާޒަށްޓަކާ ރަމްލާގެ ކައިވެންޏަށް އެދެފިއެވެ. ރަމްލާ ދެކޭގޮތުގައި މިއީ ޙައިރާންވާ ވަރުގެ ކަމެއްނޫނެވެ. އޭނާ ދެކެފި ކޮންމެ މީހަކު އޭނާއަށް އެދެއެވެ. އޭނާގެ އެންމެދޮށީ ދައްތަގެ ޅިޔަނު އޭނާގެ ކައިވެންޏަށް އެދުނެވެ. ޖެހިގެންހުރި ދައްތަގެ ފަހަރިއަށްވެސް ރަމްލާއަކީ މާއެދެވޭ ކުއްޖަކަށްވިއެވެ. ބޭނުންވަނީ އޭނާގެ ދަރިފުޅު، ރަމްލާއާއި ދެވުމަށެވެ. އަދިއެންމެ ހަގު ދައްތަގެ މައިދައިތަވެސް އޭނާގެ ދަރިފުޅުގެ ދުނިޔެ އާބާދުކުރުމުގެ ގޮތުން ރަމްލާގެ އަތުގައި ހިފަންއުޅުނެވެ. ތިމާގެ މީހުންގެ އިތުރުން ހިސާބަގަނޑުގެ އެންމެންވެސް އޭނާއާ ރުހެއެވެ. އެންމެންވެސް އޭނާއަށް ކަމޭ ހިތައެވެ.

އޭނާގެ ބައްޕައަކީ ގޮތުގައި ހިފަހައްޓާ ދީންވެރިއެކެވެ. ޢާއިލާގެ ތެރެއިން ހިނގާ އެއްވެސް ހަމަނުޖެހުމެއް ބޭރު ތެރެއަކަށް ނުނިކުމެއެވެ. ދޮށްޓަށް ތިބި ތިން އަންހެން ކުދިން ގެއިން ބޭރުގައި އުޅުނު ކަމުގައި ވިޔަސް އޭނާގެ މައްޗަކުން ހަނދާނެއް ނުނައްތައެވެ. ދެން ތިބީ ދެފަހަރިންނެވެ. އެކަމަކު އުޅޭ އުޅުމުގައި ޢާއިލާގެ މެމްބަރެކޭ އެއްވެސް ތަފާތެއް ނުހުރެއެވެ. ދެބޭބެއިން ބޭރު ތަންތަނުގައި ވިޔަފާރި ހިންގަން އުޅުނެއްކަމަކު ބައްޕައަކީ އެމީހުންގެ އަމާޒު ފަތްގަނޑު ކަމުގައި ދެކެއެވެ. މަންމައަކީ ހަނޑޫ މުގުރާ ދައްޗެއް ކަހަލަ އަންހެނެކެވެ. އެމީހަކު ބޭނުން ވަރަކަށް ހައްދާލެވި ދާނެއެވެ.

އެގެއަށް ވަދެއުޅޭ ކޮންމެ މީހަކީ މުޅި ޢާއިލާއަށް ތަޢުރީފުކުރާ މީހަކު ކަމުގައި ވެދެއެވެ.

މުޢާޒުގެ ކައިވެނި އޭނާއާ ކުރުވަން ހަމަޖެއްސުމަކުން އޭނާ ޙައިރާނެއް ނުވެއެވެ. އޭނާއަށް ހުރިހާކަމެއް ވިސްނެއެވެ. ސާދަވިލޭރޭގެ ހަނދު އޭނާގެ މައްޗަށް ސަވާރުވެފައިވާކަން އޭނާއަށް އެނގެއެވެ. ހަމަކޮންމެ މީހަކުމެ އޭނާގެ ކަރުގައި ތަރީގެ ހާރެއް ގަތާފައި އަޅުވަން ގަސްތުކުރާކަން އޭނާއަށް ވަންހަނާވެފައެއް ނެތެވެ.

އެކަމަކު ހަމަގައިމުވެސް އޭނާ ވިސްނާ އެއްކަމެއް އެބައޮތެވެ. އޭނާގެ ހިތާ ފުރާނައިގެ މައްޗަށް ސަވާރުވާން އެއުޅޭ މީހަކީ ކޮންފަދަ ނަސީބުވެރިއެއް ބާވައެވެ. އެހެނީ އޭނާއަށް ރީތީގެ ޚަޒާނާއެއް މިލްކުވެފައި ވެއެވެ. އޭނާގެ ޢުމުރުން ވިހާރު ގުނަމުން އެގެންދަނީ އެންމެ ޒުވާން ދުވަސްތަކެވެ. އެހެންކަމުން ޢަދަދު ނުކުރެވޭހާ ގިނަ އަތްތަކެއް އޭނާއާ ދިމާއަށް ދިގުކުރެވެމުން ދެއެވެ. އޭގެ ތެރެއިން އެންމެ ރީތި އަތެއްގެ ވެރިއަކީ އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ވާނޭ މީހާއެވެ.

ވިސްނާލާނެ ފުރުޞަތެއް ބައްޕައެއް ނުދިނެވެ. މުޢާޒުގެ މަންމަގެ ގާތުގައި ބައްޕަ ބުންޏެވެ.

[މުޢާޒު ކަހަލަ ކުއްޖަކާމެދު އިންކާރުކޮށް ނިޢުމަތަށް ފުރަގަސް ދިނުމަކީ އަހަންނަށް ވެވޭނެކަމެއް ނޫނެވެ. ރަމްލާއަކީ ތިޔަ ޢާއިލާގެ ކުއްޖެކެވެ. ބޭނުން ދުވަހަކުން ގެންދާށެވެ.]

އޭނާ އެންގޭޖްމެންޓްގެ އަނގޮޓި އަޅުވަން އުޅުމުން ބައްޕަ ބުންޏެވެ.

[އަނގޮޓި އެޅުވުމަކީ އަހަރެމެންގެ އާދަކާދައެވެ. އަހަރެންގެ ބަހުގެ އިތުބާރު ބަހައްޓާށެވެ. ރަނގަޅު ދުވަހެއް ބަލާފައި ކައިވެނީގެ ތާރީޚު ކަނޑައަޅާށެވެ.]

މުޢާޒުގެ ދައްތައަކު އެބައިނެވެ. މީހަކާ އިނދެގެން އެމެރިކާގައެވެ. މިހާރު މަންމަގެ އެންމެބޮޑު އުއްމީދަކީ ފިރިހެންދަރިފުޅުގެ ކައިވެންޏެވެ. އޭނާ އަންހެން ދަރިފުޅަށް ސިޓީލިޔެ، ކޮއްކޮގެ ކައިވެންޏަށް އައުމަށް އެންގިއެވެ. ކައިވެނީގެ ތާރީޚެއް ކަމުގައި ހަމަޖެއްސީ ތިން މަސްދުވަސް ފަހުގެ ތާރީޚެކެވެ.

ދެފަރާތުން ކައިވެނީގެ ތައްޔާރުތައް ކުރަން ފަށައިފިއެވެ.

އެންމެ ފުރަތަމަ ރަމްލާ އޭނާގެ ވާންއުޅޭ ފިރިމީހާގެ ސޫރަ ދެކެލުމަށް ހިތަށްއެރިއެވެ. ނޫނެކެވެ. އޭނާގެ ހިތަށް މިހާރު އަރަނީ ވާންއުޅޭ ފިރިމީހާއަށް އޭނާގެ ސޫރަ ދެއްކުމަށެވެ. އޭނާގެ އިޙްސާސްތަކުގެ ފިޔަ އަންދާލުމަށެވެ. އޭނާ ތެޅޭތަން ދެކެލުމަށެވެ.

ދެން އަނެއްކާވެސް އެހެން ގޮތަކަށް ވިސްނައިފިއެވެ. އަޅާނުލާށެވެ. މިކުޅިގަނޑު ކުޅެލަން އެންމެ ރަނގަޅުވާނީ އާކައިވެނީގެ ރޭގައެވެ.

އާދެ، މިހުރިހާ ގޮތަކަށް ވިސްނުމަށް ފަހުގައިވެސް އޭނާގެ ވާންއުޅޭ ފިރިމީހާގެ ސޫރަ ކުޑަގޮތަކަށް ނަމަވެސް ދެކެލުމުގެ ޝައުޤުވެރިކަން އޭނާއަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. ބައްޕައާ އަދި އެހެން އެންމެންވެސް އޭނާއާ ބައްދަލުކޮށްފިއެވެ. އިންތިހާ ދަރަޖައަށް އޭނާއަށް ތަޢުރީފު ކުރަމުން ގެންދިޔައެވެ. އޭނާގައި ހުރީ ކޮންފަދަ ކަންތައްތަކެއް ކަމެއްވެސް ނޭނގެއެވެ.

އެންމެ އަޖައިބު ވާންޖެހޭކަމަކީ ކައިވެންޏާ ބެހޭގޮތުން އެއްވެސް މީހަކު ރަމްލާއާ އެއްވެސް ސުވާލެއް ނުކުރާކަމެވެ. އަދި އެއްވެސް މީހަކު ރަމާލްއަށް އޭނާ ދެއްކުމުގެ ޚިޔާލެއްވެސް ނުކުރާކަމެވެ.

[ފިރިހެނުންގެ ރީތިކަމަކީ އެމީހެއްގެ އާޖުފާޖު ރަނގަޅުވުމާއި ތަޢުލީމު ލިބިފައިވުމެވެ. ނުކިޔަވާތިބި އެތައްހާސް ރީތި ފިރިހެނުންނަށްވުރެ ކިޔަވައިގެން ރީތި އުޅުން ދަސްކޮށްފައިހުރި އެންމެ ފިރިހެނަކު ރަނގަޅު ވާނެއެވެ. މިހާ ޅަޢުމުގައި މުޢާޒު އެއުޅޭ ފެންވަރު ހޯދުމަށްޓަކާ ކުރަންޖެހޭނެ މަސައްކަތް ވަރަށް ގިނައެވެ. އޭނާ ވަޒީފާގެ ގޮތުން މައްޗަށް ދިޔުމުގެ އުއްމީދު އަދިވެސް އެބައޮތެވެ. ބަލަން ހުންނާށެވެ. ކޮންމެވެސް އެއްދުވަހަކުން އޭނާއަކީ ފައިދާބޮޑު ޢިއްޒަތްތެރިއަކަށް ވެދާނެއެވެ.]

[އާނއެކެވެ....] މަންމަގެ އަޑު ވަރަށް މައިތިރިއެވެ.

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ. އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ރީތީގެ ގޮތުން ބަލާއިރު ޖެހޭނީ އެއްތަނެއްގައެވެ. ރީތިކަމަކީ ހަމަ ކުޑަ ދުވަސްކޮޅެއްގެ މީރުވަހެއްފަދަ އެއްޗެކެވެ. އަންހެން މީހާއަކީ ކިތަންމެ ރީތި މީހަކަށް ވިޔަސް އޭނާގެ ކިބައިގައި ލަދުވެތިކަމާ ވަފާތެރިކަން ނެތިއްޔާ، ފިރިމީހާގެ ހިތް އޭނާއާމެދު ނަފްރަތު ކުރާނެއެވެ.]

[ތިޔަ ދެއްކީ ވަރަށް ރަނގަޅު ވާހަކައެކެވެ.] ބައްޕަ ހިނިތުން ވެލިއެވެ.

[އަހަރެމެންގެ ދަރިންނަށްވެސް ތިޔަފިލާވަޅު ދަސްކޮށްދޭށެވެ.]

[މާތްރަސްކަލާނގެ، އެކުދިން އަމާން ކަމުގައި ލަހައްޓަވާށިއެވެ. އަދި މިހާތަނަށް ދެންތިބި އަންހެން ކުދިންގެ ފަރާތަކުން އެއްވެސް ކަހަލަ ޝަކްވާއެއް ނާދެއެވެ.]

[އެހެންވިއްޔާ ހިތްހަމަ ޖައްސާލާށެވެ. އިންޝާﷲ. ހަގުދަރިފުޅުވެސް ރަނގަޅު ޖަވާހިރެއް ކަމުގައި ވާނެއެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ.

[އަހަރެމެން ދަރިންނަކީ ވަރަށް ބުއްދިވެރި ދަރިން ކޮޅެކެވެ. މާޝާﷲ.] ބައްޕަ އަނެއްކާވެސް ބުންޏެވެ.

[ރަމްލާ އަދި ވަރަށް ޅައެއް ނޫން ހެއްޔެވެ.]

[މައްސަލައެއް ނެތެވެ. އެ ޅަކަން އޮންނާނީ މައިންބަފައިންގެ ގާތުގައެވެ. [ބައްޕަ ބުންޏެވެ. ތިމާގެ އަމިއްލަ ގެއަށް ދިޔުމުން އޭނާވެސް ބުއްދިވެރިއަކަށް ވެދާނެއެވެ.]

[އަހަރެމެންގެ ރަމްލާއަކީ ވަރަށް ބުއްދިވެރި ކުއްޖެކެވެ. އަދި ހުރިހާ ކުދިންނަށްވުރެ އުފަލުގައި އޭނާ އުޅޭނެ ކަމުގައި އަހަރެން އުއްމީދު ކުރަމެވެ.] ބައްޕަ ވާހަކަ ދައްކަމުން ގެންދިޔައެވެ.

[މުޢާޒުގެ ކިބައިގައި ބޭރުފުށުގެ ރީތިކަމެއް ނެތެވެ. އެކަމަކު އެތެރެ ފުށަށް ބަލާއިރު އޭނާއަކީ ޚަޒާނާއެކެވެ. ބަލަން ހުންނާށެވެ. ދެމީހުން އުފަލުގައި ދިރިއުޅޭތަން ދެކެން ހުންނާށެވެ.]

ރަމްލާއަށް ހީވީ ކޮންމެވެސް މީހަކު އޭނާގެ ހިތް މުށުތެރެއަށްލާ ފިއްތާލި ހެންނެވެ. އޭނާއަށް މިހާރު ޝައްކު ވެއްޖެއެވެ. އޭނާގެ ވާންއުޅޭ ފިރިމީހާއަކީ ރީތި މީހަކަށް ނުވާނެއެވެ.

ކުޑަ ދުވަސްކޮޅެއް ވަންދެން އޭނާ ހިތްހަމަ ނުޖެހިފައި ހުއްޓެވެ. ކައިވެނީގެނަން އިވުމުން މީގެކުރިން އޭނާއަށް ކުރެވޭ ފޮނި އިޙްސާސްތަކެއް މިހާރަކުނުވެއެވެ. ކައިވެނީގެދުވަސް ކައިރިވަމުންއައެވެ. އަދި އޭނާ ޝައްކާ ވަހުމުގެ އަސީރަކަށް ވަމުން ދިޔައެވެ.

އެއްދުވަހަކު މުޢާޒު އެގެއަށް އައެވެ. އަދި އެތައް އިރެއް ވަންދެން އޭނާ ގޭގައި އިނެވެ. އެކަމަކު އެދުވަހު ރަމްލާ ދިޔައީ ރައްޓެހި ކުއްޖެއްގެ ގޭގައި އޮތް ޕާޓީއަކަށެވެ. އެނބުރި އައީ އިރުއޮއްސުނު ފަހުންނެވެ. އެވަގުތު އޭނާއަށް ގޭގައި ހުރެވުނުނަމަ ކޮންފަދަ ހެއްޔެވެ. މިދަނޑިވަޅާ ދިމާވިނަމަ އޭނާގެ ޝައްކާއި ވަހުމުގައި ޖެހިފައިވާ ލައްގަނޑު ފިލުވާލެވުނީހެއެވެ.

ރަމްލާ ހާސްކަމާއެކު ވިސްނާލިއެވެ. މުޢާޒު ދުށުމަކުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ. ކައިވެންޏާމެދު އިންކާރު ކުރާހާ ހިތްވަރެއް އޭނާގެ ނެތެވެ. މީގެ ކުރިންވެސް ބައްޕަ ކޮންފަދަ އިތުބާރަކާއެކު ވަހަކަ ދައްކާފައި ވޭހެއްޔެވެ؟ އަހަރެމެންގެ ކުދިން ކިހާ މަޑުމައިތިރި ހެއްޔެވެ؟ ދިރިއުޅުމުގައި ދިމާވާ ކޮންމެކަމެއް ފުރިހަމަކުރަނީ އިންތިހާ ދަރަޖައިގެ ކެތްތެރި ކަމާއެކުގައެވެ.]

އޭނާ މި މައްސަލާގައި މާތްރަސްކަލާނގެއާ ވަކީލު ކޮށްލިއެވެ. އޭނާ ބާޒާރަށްދާ ވަގުތު މަގުމަތިން ފެންނަ ފިރިހެނުންނާ ދިމާއަށް ފަރުވާތެރި ކަމާއެކު ބަލަމުން ދެއެވެ. ކުޑަކޮށްވެސް ހުތުރު ސިފައެއްގައި ހުރި މީހަކު ފެނިއްޖެއްޔާ ކަޅިޖަހާނުލާ އެމީހާއަށް ބަލައެވެ. އަދި ހިތަށް އަރައެވެ. އަހަރެންގެ ފިރިމީހާއަކީ މިކަހަލަ މީހެއްތާއެވެ. ކޮންމެއަކަސް އެންމެ ރަނގަޅެވެ.

ފިރިހެނުން އެހާރީތިވެގެން ނުވާނެއޭ މީހުން ބުނާއަޑު އިވެއެވެ. އަނބިމީހާއަށް ވުރެން ފިރިމީހާ ރީތިވެއްޖެއްޔާ ގިނަމީހުންގެ ނަޒަރު ހުއްޓޭނީ ފިރިހެން މީހާއާ ދިމާއަށެވެ. އަންހެނެއްގެ ރީތިކަން ފުރިހަމަވާނީ މެދުފަންތީގެ ފިރިއަކު ލިބުމުންނެވެ. ކޮންމެގޮތަކުން ބެލިކަމުގައި ވިޔަސް އޭނާގެ ސިފަ ފިރިމީހާއަށްވުރެން ރީތިވާނޭކަމުގެ އުއްމީދުގައި ހިތްހަމަ ޖައްސާލިއެވެ.

އޭނާ ކަޅުވާނެކަން ނޭނގެއެވެ. ނޫނީ އެއަށްވުރެން ކުލައަޅިވާނެކަން ނޭނގެއެވެ. އެނާގެ ލޯކުޑަވެފައި ނޭފަތް ފަތާވާނެކަން ނޭގެއެވެ....

ކައިވެނިވީރޭގެ އުފާވެރި ޕާޓީ ނިންމާލާފައި ސިއްރު ސިއްރުން މުޢާޒު ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ރަމްލާގެ ބުރުގާ ހިއްލާލިއެވެ..... ރަމްލާ އިސްޖަހާލިއެވެ. އެއާއެކު މުޢާޒު ރަމްލާގެ ދަތްދޮޅީގައި އިނގިލި ޖައްސާލާފައި އިސް އުފުލާލުމަށް ހީކުރިއެވެ. ހަމައެވަގުތު ރަމްލާގެ ހިތުގައި އެތަކެއް ދުވަހެއް ވަންދެން މޯޅިއަށް ދެމިދެމިއޮތް އެދުން އާވެގެންފިއެވެ..... އާދެ، މިއީ ހަމަގައިމުވެސް މުޢާޒުގެ މޫނު އޭނާއަށް ފެންނާނޭ ފަހަރެވެ......ރަމްލާ ބޭއިޚްތިޔާރުގައި ލޯހުޅުވާލައިފިއެވެ....ހަމަ ހުޅުވާލުމާއެކު ކުއްލިއަކަށް ލޯމަރާލައިފެއެވެ. ނޭނގުމެއްގެ ތެރެއިން ކޮންމެވެސް ކަހަލަ ފުރޭތައަކާއި ދިމާއަށް ބަލާލެވުނު ކަހަލަ ގޮތަކަށެވެ.... އިސްޖެހިއްޖެއެވެ. ހިތަށް ތަދުވެއްޖެއެވެ.... ލިބުނު ދެރަޔާ މޮޅިން އޭނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.....

މުޢާޒު ހުރީ ހެވިފައެވެ. ލައިގެންހުރި ހުދުހެދުމެއްގެ ސަބަބުން އޭނާގެ ގައިގެ ކުލަ އިހުނަށްވުރެވެސް ބޮޑަށް ކަޅުވެފައި އޮފް ގަދަކޮށް ފެނުނެވެ. އޭނާގެ ހުދު ދަތްތައް ޙަޤީޤަތުގައިވެސް ހީވަނީ ފުރޭތައެއްގެ ދަތްތަކެއް ހެންނެވެ. މުޢާޒުގެ ހުތުރު ސިފަ ފެނުމުން އޭނާ މޭނުބައި ކޮށްފިއެވެ.

އޭގެ ފަހުން އޭނާއަށް އެކައްޗެއްވެސް ނުބެލުނެވެ. ލޯހުޅުވާލަން ހަމަ ހިތް ނޭދެނީއެވެ. މިރޭގެ މާޙައުލު ދެކެން އޭނާ ބޭނުން ނުވަނީއެވެ. ނަމަވެސް...........

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން