ޞާދިރު ޢަލީދީދީ   23 ޑިސެމްބަރު 2020 - 11:22
ވޭނީކަރުނަ
ވޭނީކަރުނަ
07 ވަނަ ބައި

..................

[އަދި އެއް ވާހަކައެއް އަހާށެވެ. އަހަރެން ދިރިއުޅުން ކަޑައްތުކުރީ ވަރަށް ހަމަޖެހި ގެންނެވެ. އެއްވެސް ތިމާގެ މީހެއްގެ ގާތަށް މުހުތާދެއް ޖެހިގެން ނުދަމެވެ. މާތްރަސްކަލާނގެ އަހަންނަށް ކެތްތެރިކަން ދެއްވިއެވެ. އަހަރެންގެ ދަރިންވެސް ސަލާމަތުން ލަހައްޓަވާށިއެވެ.]

ދެން އޭނާ ރަމްލާއާ ދިމާއަށް ބަލާލާފައި ބުންޏެވެ.

[ދަރިފުޅު ހާމުންޑިއެއްހެން ބޯހަދައިގެން ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ.... ތެދުވެގެންގޮސް އަތްފައި ދޮވެ ހަދައިގެން ހެދުން ބަދަލުކޮށް ރީތިވާން ދާށެވެ. މިހާރު އެ އޮއްގެން މުޢާޒު އަންނަ ވަގުތު ޖެހެނީއެވެ.]

ރަމްލާ މުޢާޒުގެ މަންމަގެ ކުރިމަތީގައި ދެކޮޅު ހެދުމުގެ ބަހަނާއެއް ނުދައްކައެވެ. އެމަންމައަކީ އެއްޒަމާނެއްގައި ގަނަތެޅިފައިވާ މާތް އަންހެނެއްކަން އޭނާއަށް އެނގިއްޖެއެވެ.... އެކަމަކު މައިދައިތައާ މެދުގައި އެހާވަރަށް އިޙްތިރާމް ކުރާއިރު މުޢާޒުއާއި މެދުގައި ލޯބީގެ ކުނޑިފަށެއްވެސް އޭނާގެ ހިތަކުނެތެވެ. ރަމްލާ ތެދުވެގެން ހިނގައި ގަތުމުން މަންމަ އުފާވެއްޖެއެވެ.

ރަމްލާ އެތެރެއަށް ހިނގައްޖެއެވެ. ފުރިހަމަ އެއްގަނޑިއިރު ވަންދެން ޑްރެސިންގ ޓޭބަލްގެ ލޯގަނޑުގެ ކުރިމަތީގައި ހުރެގެން އަމިއްލަ ސޫރައަށް ބަލަމުން ގެންދިޔައެވެ.

މުޢާޒަކީ މަކްރޫހަ ސިފައެއް ލިބިފައިވާ އިންސާނެކެވެ.... ސިފަ ހުތުރުކަމުގެ ނަމޫނާއެކެވެ. މަންމައަށް އޭނާގެ ދަރިފުޅުގެ ސިފައެއް ނުފެނެއެވެ. ހުތުރު ސިފަ ލިބިގެންވާ މީހެއް ކަމުގައި އިޙްސާސެއް ނުކުރެވެއެވެ. އާނއެކެވެ. [ކާޅަށް ކާޅުގެ ދަރި ދޮންފުތު ވާނެއެވެ.] ރަމްލާއަށްވުރެ ހުތުރު އާދައިގެ ފެންވަރެއްގެ އަންހެން ކުއްޖަކު މުޢާޒުގެ ކައިވެންޏަށް އިންތިޚާބު ކުރިކަމުގައި ވިޔަސް މުޢާޒަށްވުރެ އެތައް ގުނައެއް އެއަންހެން ކުއްޖާ ރީތިވާނެއެވެ. އެކަމަކު މިއަނިޔާ ރަމްލާއަށް ދިނީ ކީއްކުރަން ހެއްޔެވެ.

ރަމްލާއެވެ. ތިޔައީ ކުށްހީއެކެވެ. މިއީ މައިދައިތަ ދިން އަނިޔާއެއް ނޫނެވެ. ތަޤްދީރުގައި ލިޔެވިފައިވާ ގޮތެވެ.... ދެން އެހެންވީއިރު އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ....؟

އޭނާ ފުނާއަޅަމުން ވިސްނަމުން ގެންދިޔައެވެ.... އަހަރެންގެ ހިތްރުއްސާނީ ކިހިނެއް ހެއްޔެވެ.... އަހަރެންގެ ހިތް މައިތިރި ކުރާނީ ކޮންގޮތަކުންް ހެއްޔެވެ....

ދުނިޔެ ހިނގަނީ މިކަހަލަ ގޮތަކަށެވެ. އެކެއްގެ ޙަޔާތް ބަރުބާދު ކުރަމުން އަނެކެއްގެ ޙަޔާތް އާލާކުރަމުންނެވެ.

ރަމްލާގެ ދިރިއުޅުން ނިމިގެންދާނީ ކޮންގޮތަކަށް ކަމެއްވެސް ނޭގެއެވެ.

މަންމަގެ ގެއަށް އާދެވުމުން ރަމްލާއަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނެވެ. ކޮންމެ އަންހެން ކުއްޖަކުވެސް އަލަށް ބަލިވެއިންނަ ދުވަސްވަރު އަމިއްލަ މަންމަގެ ގާތުގައި އިނުމަށް އެދެއެވެ. އެކަމަކު ރަމްލާ މިއައީ މުޢާޒުއާ ދުރުގައި އިންނަން ވެގެންނެވެ. މިހާރު އޭނާ މިގޭގައި އިނުމާމެދު އިންކާރުކުރާ ހަމައެކަކުވެސް ނެތެވެ. އޭނާގެ ބަނޑުބޮޑުވެ ކައިވެނީގެ މޭވާ ބަނޑުގައި އަށަގަތުމުން ހުރިހާ މީހުންވެސް ހިތްހަމަ ޖެހެއެވެ. އެމީހުން ދެކޭގޮތުގައި ދެން ހުރިހާކަމެއް ހަމަޖެހުނީއެވެ.

ރަމްލާ ގެއަށް މިއައީ ހޮސްޕިޓަލުގައި ދެމަސްދުވަސް ވަންދެން އޮތުމަށް ފަހުގައެވެ. އެންމެންވެސް ދެކޭގޮތުގައި މިހާރު ދެން ކަންބޮޑުވާންވީއެއްވެސް ކަމެއްނެތެވެ. އޭނާއަށް މިހާރު ބޭނުންވަނީ އަރާމެވެ. އުފަލެވެ. ރަމްލާގެ މަންމަގެވެސް ޚިޔާލަކީ ކުޑަދުވަސްކޮޅަކު ރަމްލާ ގޭގައި އިނުމެވެ. އެކަމަކު އޭނާ ގޭގައި އިންނަތާ އެއްމަސްދުވަސް ވީއިރުވެސް ފިރިމީހާގެ ގެއަށްދާ ވާހަކައެއް ނުދެއްކިއެވެ.

ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް މުޢާޒު ރަމްލާ ދެކެލަން އާދެއެވެ. ދުވާލަކު ދެފަހަރު ތިންފަހަރު މައިދައިތަވެސް އާދެއެވެ. ރަމްލާ އުފަލުގައި އިންނަތަން ފެނުމުން އޭނާ ވަރަށް ހިތްހަމަ ޖެހެއެވެ.

ކަންދިމާވާ ގޮތަކުން މުޢާޒަށް ނުދެވުނަސް ފޯނުކޮށްފައި ޚަބަރުއަހާ ހަދައެވެ.

ކުރީގައި ރަމްލާ ރައްޓެހި ކުދިންނާއެކު ސިނަމާތަކަށް ފިލްމު ބަލަން ގޮސްހަދައެވެ. ދުވާލު ހަތަރުދަމު ކޮންމެވެސް ފޮތެއް ނުވަތަ ނޫހެއް ހިފައިގެން ކިޔަން އޮވެއެވެ. ފޮތް ކިޔުމަކީ އޭނާގެ ހޮބީއެކެވެ. އެކަމަކު މިހާރު އޭނާ މުޅިން ބަދަލުވެއްޖެއެވެ. އެއްވެސް ކަހަލަ ފޮތެއްގައި އަތެއްނުލައެވެ. ހިތަށް ތަދުވާކަހަލަ ލޯބީގެ ވާހަކައެއް ކިޔައިގެން ހުވަފެންތަކެއް ނުދެކެއެވެ. އޭނާގެ މިހާރުގެ ކަމަކީ މޫނުމަތީގައި ބާލީސް އަޅައިގެން ރުއިމެވެ.

ހަވީރު މުޢާޒު އައުމުގެ ކުރިން ކޮންމެގޮތެއް ހަދައިގެން ނަމަވެސް އޭނާ ޓީވީކޮޓަރީގައި ޓީވީބަލަން އިނދެއެވެ. އެއީ އެހެންމީހުނާ ވަކިން އޭނާއާ ވާހަކަ ދެއްކުމުގެ ދަނޑިވަޅު މުޢާޒަށް ލިބުނަ ނުދޭން ވެގެންނެވެ.

މުޢާޒު އައިސް ހަމަ އެކޮޓަރީގައި އިންނައިރު ބައެއް ފަހަރަށް ހުރިހާ ފަހަރިންނާ ޅިޔަނުން އައިސް މުޢާޒުއާ ވާހަކަ އަޅުވާލައެވެ. ހުރިހާ ކުދިވެރިން އައިސް އޭނާ ވަށާލައިގެން ތިބެ ސަކަރާތް ގަންނަން ފަށައެވެ. މުޢާޒު ހީނހީނފައި އެންމެނާ ވާހަކަ ދައްކައެވެ. އޭނާއަކީ ކިޔަވައިގެން ހުރި މަޢުލޫމާތު މުއްސަނދި ކުއްޖަކަށް ވުމާއެކު މީހަކު އޭނާއާ ވާހަކަ ދައްކަން ފަށައިފިއްޔާ ފޮނި ބަހުރުވައާ ބަލާޣާތްތެރިކަމުގެ ކޯރު އެމީހެއްގެ ކުރިމައްޗަށް ބަންޑުން ޖަހާލައެވެ. މިކަމުގެ ސަބަބުން ގޭގެ އެންމެންނަކީވެސް އޭނާގެ ބުއްދިވެރިކަމުގެ އަސަރުގައި ޖެހިފައިވާ މީހުން ކަމުގައި ފެނެއެވެ.

ރަމްލާ ހިތާހިތުން އެމީހުންގެ މައްޗަށް އެތިފަހަރު މަޅައެވެ... އޭނާގެ ހިތަށް އަރައެވެ. ސިކުނޑި ތަނަވަސްވުމާ ފޮނި ބަހުރުވަ، އަދި ވާހަކަ ދެއްކުމުގެ ރީތި ގޮތަކުން ދިރިއުޅުމުގެ މަރްޙަލާއެއް ހުރަހެއް ނުކުރެވޭނެއެވެ. މިމީހުނަށް އެކަން އެނގޭނެނަމަ ކޮންފަދަ ހެއްޔެވެ. ދިރިއުޅުމުގައި އަދި އެހެން އެދުމެއްވެސް އެބައޮތެވެ. ރަމްލާ ސިއްރު ސިއްރުން އިނދެގެން އައިސްގޮސްވާ ކޮންމެ މީހެއްގެ މޫނުމަތީގައިވާ ކުލަވަރުތައް ވަޒަންކުރެއެވެ. އަދި ބޮލަށް އުނދަގޫވާ ގޮތްވުމުން ތުން އަނބުރާލާފައި ޓިވީއާ ދިމާއަށް ބަލަންފަށައެވެ. މިގޮތަށް ވާހަކައިގައި ތިއްބާ ކާގަޑި ޖެހިދެއެވެ. މުޢާޒު ކައިގެން ހިނގައި ގަތުމުން ރަމްލާ އޭނާއާއެކު ބޭރު ދޮރާ ހަމައަށް ދެއެވެ....

މިއަދުވެސް އޭނާ ދިޔައީ މުޢާޒުއާއެކު ބޭރުދޮރާއްޓާ ދިމާއަށެވެ. ލޮބީއަށް ދެވުނުއިރު އޭނާ މުޅިން އެކަނި ވެއްޖެއެވެ. މަންމަވެސް އެތެރެއަށް ވަދެއްޖެއެވެ. ފޯނެއް އައިސްގެން ނޫން ކަމެއްވެސް ނޭނގެއެވެ. ބައްޕަ ގޭތެރޭގައި ނޫހެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ބޭރަށް ނުކުމެފައި އޭނާ ބަލާލިއިރު މިހުރެވުނީ މުޢާޒުގެ ކައިރީގައި އެކަނިމާ އެކަންޏެވެ. އޭނާ ޖެހިލުންވާން ފަށައިފިއެވެ.... އޭނާގެ ފިރިމީހާއާއެކު އެހެން މީހުންނާއި ވަކިން ހުންނަން ޖެހުމުން އޭނާގެ ހިތްތެޅެން ފަށައިފިއެވެ. ހަމައެވަގުތު މުޢާޒު ކުރިއަށް ޖެހިލާފައި ރަމްލާގެ އުނގަނޑުގައި އަތް އަޅުވާލައިފިއެވެ. އަދި ލޯބިވެރި އަޑަކުން ބުންޏެވެ.

[ރަމްލާއެވެ.... ގެއަށްދާނީ ކޮންއިރަކުން ހެއްޔެވެ؟]

މުޢާޒުގެ އަތްޖެހުމުން ރަމްލާ ތެޅިގަތްއިރު ހީވީ ނަގުލަންދާއްޓެއް ކަށިޖެހި ހެންނެވެ. ދެން އޭނާ ފަހަތަށް އެނބުރިލާފައި ގޭތެރޭން މީހަކު ނުކުމޭތޯ ބަލައިލިއެވެ.... މުޢާޒު ހީކުރީ އަމިއްލަ ގޭގައި ރަމްލާ މިގޮތަށް ފިރިމީހާއާއި ގައިގޯޅިވާން ޖެހިލުންވަނީ ކަމުގައެވެ.

ރަމްލާ މުޢާޒުގެ އަތްދަށުން ސަލާމަތް ވެގެންފިއެވެ. އެކަމަކު އޭނާގެ އުނަގަނޑުގެ ވަށައިގެން އަލިފާން ހިފާފައިވާ ކަމުގައި އިޙްސާސް ކުރެވުނެވެ. މުޢާޒުގެ އަތް އަބަދުވެސް ވަރަށް ހޫނެވެ. އެއީ ކީއްވެގެން ކަމެއް ނޭނެގެއެވެ.

[ރަމްލާ އަދިވެސް އަހަރެންގެ ވާހަކައަށް ޖަވާބެއް ނުދެމެއްނޫން ހެއްޔެވެ.] މުޢާޒު އަނެއްކާވެސް ސުވާލު ކުރިއެވެ. [ދެން ރަމްލާއާނުލާ އަހަންނަކަށް ނޫޅެވޭނެއެވެ. ދާނީ ކޮންއިރަކުން ހެއްޔެވެ؟ މިހާރު ރަމްލާ މުޅިން ރަނގަޅު ވެއްޖެއެވެ.]

[މުޢާޒު ބުނުއްވި ދުވަހަކުންނެވެ.....]

[މިހާރު ހިނގާށެވެ.....]

[ހަމަ މިހާރުތޯއެވެ....؟] ރަމްލާ އަނެއްކާވެސް އެނބުރިލާލައި ގެއާ ދިމާއަށް ބަލައިލިއެވެ. ދެން ތުންފަތުގައި ދޫ ހާކާލާފައި ބުންޏެވެ. [އަދި މުޅިއަކުން ރަނގަޅުވީ ހެނެއް ހިނެއްނުވެއެވެ.... މަންމަމެން.... ހީކުރައްވާނީ ކީކޭތޯއެވެ؟]

[އެންމެ ރަނގަޅެވެ....] އޭނާ ހީނލާފައި ގޮސް މޮޓަރސައިކަލުގައި އިށީނދެއްޖެއެވެ. [އެމީހުން ބުނާނީ ވަކި ކީކޭ ހެއްޔެވެ....؟ އެކަމަކު ރަމްލާ މަންމަމެން ގާތު ބުނެފައި ދާން ބޭނުމިއްޔާ އެންމެ ރަނގަޅެވެ.... މާދަމާ ހަވީރު އަހަރެން ބަލާ އަންނާނަމެވެ.]

ރަމްލާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

މުޢާޒު ލޯބީގެ ނަޒަރަކުން ރަމްލާއަށް ބަލައިލާފައި ބުންޏެވެ. [ހިތްދަތި ކަމުގައި އެންމެރެއެއް ނޫން ހެއްޔެވެ..... ރަމްލާއާނުލާ ވޭތުކޮށްލެވޭތޯ ބަލާނަމެވެ.]

ވާހަކަ ކިތަންމެހާވެސް ރީއްޗެވެ. ރަމްލާ އިސްއުފުލައިލާފައި އޭނާގެ މޫނަށް ބަލާލަން އުޅުނެވެ. އޭނާއަށް ފެނުނީ މުޢާޒުގެ އަނދިރި ކަޅުކުލައިގެ ތެރެއިން ހަމައެކަނި ހުދު ދަތްތަކެކެވެ. ރަމްލާގެ ހިތް އަނެއްކާވެސް އެފުށް މިފުށަށް ޖެހެން ފަށައިފިއެވެ.

އަނެއްކާވެސް ރޭގަނޑު އަތުވެއްޖެއެވެ. އެރޭގަނޑުގައި ރަމްލާގެ ހިތަށް ބިރުވެރިކަން އަންނަ ރޭގަނޑެވެ. ރޭގަނޑާމެދު އޭނާއަށް ހީކުރެވެނީ ދިގު ދަތްތަކެއްގެ ވެރި ކަޅުކުލައިގެ ޖާދޫގަރެއް ހެންނެވެ. އެރޭގަނޑު ލޮންސިއާއި ނޭޒާ ހިފައިގެން އައިސް އޭނާ ޒަޚަމްކުރަނީ ކަމުގައެވެ.

ހެދުން ބަދަލުކުރުމަށްފަހު ރަމްލާ އެނދުގައި އިށީންދެއްޖެއެވެ.

މުޢާޒު، ރަމްލާގެއަށް ގެނައީ މިއަދު ހަވީރުއެވެ. މައިދައިތަ އޭނާއަށްޓަކާ މީރުހެން ހީވާކަހަލަ ކާއެއްޗެހި ތައްޔާރު ކުރިއެވެ. ބައެއް ރަޙްމަތްތެރިންވެސް ގެއަށް އައެވެ. ދިހައެއް ޖަހަންދެން މަޖާ ވާހަކަ ދެއްކުމާ ކެއުމުގައި ދެމިއޮތެވެ. މިހާރު މުޢާޒުވީ ރަޙްމަތްތެރިން ކޮޅެއް ގޮވައިގެން ބޭރަށް ގޮހެވެ. ރަމްލާ ކޮޓަރިއަށް އައީ ވަރުބަލިކަމުގެ ބަހަނާ ދައްކައި ގެންނެވެ. އޭނާގެ ފޮށި ކޮޓަރީގެ އެއްކަނެއްގައި އަދިވެސް އެބަހުއްޓެވެ. އޭނާ މިގެއަށް އައީ ފިނިފެންމާ ކުލައިގެ ސާޅީއެއް އަޅައިގެންނެވެ. އަދި ދެއްކުމުގެ ގޮތުން ކުޑަގޮތަކަށް މޭކަޕްވެސް ކުރިއެވެ. ކަންބޮޑުވެފައިވާ މޫނު ފެނުމުން މައިދައިތަގެ ހިތެއް ހަމައެއް ނުޖެހޭނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. މިހާރު އޭނާ އެއިނީ ހެދުން ބަދަލުކޮށްގެން ނިދަން ތައްޔާރު ވެގެންނެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ

**********************

* ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން