ބިއްލޫރިގަނޑު ސާފުކުރަން ފެންފޮތިލުން
ބިއްލޫރިގަނޑު ސާފުކުރަން ފެންފޮތިލުން
ކުރިން ދިވެހީން ދެއްކީ ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ މަތީ މަގާމުތައް ދިވެހީންނަށް ގެއްލުނު ވާހަކައެވެ. ވިހި ތިރީސް އަހަރު އެދާއިރާގައި އުޅެ ތަޖުރިބާ ހޯދައި މޮޅަށް ކިޔަވައިގެން ތިބި ދިވެހީންނަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތައް ގެއްލުނު ވާހަކައެވެ. ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ނުވަތަ ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއްގެ އެއްވެސް ތަޖުރިބާއެއްނެތް ބިދޭސީންގެ ދަށުން ވިހި ތިރީސް އަހަރު އެދާއިރާގެ ތަޖުރިބާކާރު ދިވެހީން މަސައްކަތް ކުރަން ޖެހޭ ވާހަކައެވެ.

މިއަދު އަދި އެއަށްވުރެ މާލަދުވެތި ވާހަކައެކެވެ. ދިވެހި ދައުލަތުގެ ކުންފުނިތަކާއި އޮފީސްތަކުގެ ހިންގުން ފަރަންޖީ ދޮންމީހުންގެ އަތްމައްޗަށް ދާ ވާހަކައެވެ. މި ސަރުކާރު އައި ފަހުން ހުސްވާ ކޮންމެ އެފަދަ މަގާމެއް ދޮން މީހަކަށެވެ. ޚާއްޞަކޮށް އިނގިރޭސި އަކަށެވެ. ހީވަނީ މިއީ މަތީތަޢުލީމު ހާސިލުކޮށްގެން ތިބި ދިވެހި ދަރީންނަށް ކުރާ މަލާމާތެއް ހެންނެވެ. މިއީ ކޮންމެ ސަރުކާރުކާރަކުން ކުރިއަސް އަދި ކޮންމެ ބަޔަކު ކުރިޔަސް ދިވެއްސަކަށް ވީތީ ލަދުވެތިވާން ޖެހޭ ކަމެކެވެ. ދިވެހީންގެ ހުނަރުވެރިކަމަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެއެވެ.

ދައުލަތުގެ ބޮޑެތި ކުންފުނި ތަކުގެ ނުވަތަ ބޮޑެތި ވިޔަފާރި ތަކާއި މާލީ އިދާރާތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ފަރަންޖީން އައްޔަން ކުރަނީ ކީއްވެގެން ކަމެއް ކަނޑައެޅިގެން ދަންނަވާކަށް ނޭނގެއެވެ. އެކަން އެގޮތަށް ކުރި ނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބެއް ނުވަތަ ފައިދާއެއް އެއްވެސް ފަރާތަކުން ކިޔައެއް ނުދެއެވެ. އޮޅުން ފިލުވައެއް ވެސް ނުދެއެވެ. އަޑުއިވެނީ އެކަށީގެންވާ ތަޖުރިބާކާރު ދިވެހީން ނުލިބިގެން އެމަގާމުތަކަށް ފަރަންޖީން ހޯދާ ވާހަކައެވެ.

ދަންނަވަންތޯއެވެ؟ އެހެން ކަމަށް ވާނަމަ ތިޔައީ ގަރުނުގެ އެންމެ ބޮޑު ޖޯކެވެ. އަދި އެއީ ހަމަ އަރަތެއް ވެސް މެއެވެ. މިކަންމުން އަޅުގަނޑަށް ދޭހަވަނީ ނުވަތަ މާނަ ކުރެވެނީ ދައުލަތުގެ ބައެއް އޮފީސް ތަކާއި ކުންފުނި ތަކުގެ ސީއީއޯއަކަން ނުވަތަ އެމްޑީކަން ކޮށްލެވޭ ފެންވަރުގެ ދިވެހި ދަރިއަކުވެސް ހަމަ ނެތީ ކަމަށެވެ. އެވަރަށް ކިޔަވައިގެން ތިބި ނުވަތަ ތަމްރީނު ލިބިފައި ތިބި ދިވެހި ގާބިލު ހުނަރުވެރިން ނެތީ ކަމަށް ސަރުކާރުން ބުނަނީއެވެ. ނޫނެކެވެ. އެބަ ތިއްބެވެ. ކޮންމެހެން ދިވެއްސަކު ބޭނުންވާ ނަމަ އެކަމަށް ތައްޔާރު އެތައް ދިވެހި ދަރިންނެއް މި ފަސްގަނޑުގައި އެބަ ތިއްބެވެ. ބޭރުން ފާސްތައް ނަގައިގެން އައިސް ރަނގަޅު ފަޒީފާ ގަނޑެއްގެ އިންތިޒާރުގައި އެތައް ދިވެހި ދަރިންނެއް އެބަ ތިއްބެވެ.



ސަރުކާރުން ނުވަތަ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަންބޮޑުވެ ވަޑައިނުގެންނެވިޔަސް ސަރުކާރުގެ ކުންފުނި ތަކުގެ މަތީމަގާމުތަކަށް ދޮންމީހުން އައްޔަން ކުރާތީ ދިވެހީންގެ ކަންބޮޑުވުން އެބަހުއްޓެވެ. ގިނަ ދިވެހީން އެކަން ގަބޫލެއް ވެސް ނުކުރެއެވެ. ފާޑުވެސް އެބަ ކިޔައެވެ.

"އަހަރެމެންގެ ކިޔަވައިގެން ތިބި ކުދިން ކޮބައިތަ؟ ބައެއް ތަންތަނުގެ ސީއީއޯ މަގާމަށް ދޮންމީހުން އައްޔަން ކުރެވެނީ ކީއްވެބާ؟" ދިވެހީންގެ ޕެންޝަން އޮފީހުގެ ސީއީއޯ އަކަށް ބިދޭސީއަކު ހަމަޖެއްސި ޚަބަރާއެކު ކަންބޮޑުވުން ފާޅުކުރަށް ވަމުން މަރިޔަމް ވަހީދާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގައި ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަށްވަނީ މޮޅަށް ކިޔަވައިގެން ތިބި އަދި ތަޖުރިބާކާރު ބޭފުޅުން ތިއްބާ ދައުލަތުން ރައްޔިތުންގެ ޓެކްސްފައިސާ ބިދޭސީންނަށް ހޭދަކުރާތީއެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ކިޔަވައިގެން ތިބި އެތައް ބަޔަކު ވަޒީފާއެއް ނެތި ތިއްބާ ފަރަންޖީއަކު ހޯދައިގެން ގެނަސް ވަޒީފާތައް ދޭތީއެވެ.

"މިއީ ހަމަ ދިވެހީންގެ ލެޔާ ކުޅުން ކަހަލަ ކަމެއް. މިފަދަ މަލާމާތް ދިވެހީންނަށް ކުރާނީ ވަރަށް ގޮތެއް ނެތް ދިވެހީން ދެކެ ލޯބިނުވާ ބަޔަކު." އެހެން މީހަކު މީސް މީޑިއާގައި ބުނެފައި ވެއެވެ.

މިމައްސަލައިގައި ޚިޔާލުފާޅުކުރަށްވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ ސީއީއޯގެ މަގާމު ފުރޭނެ ދިވެހީން ތިބޭނެ ކަމަށެވެ.

ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކޮށްގެން ރަނގަޅު ވަޒީފާއެއް ނެތި އެތައް ބަޔަކު އެބަ ތިބިކަން ހަމަ ނޭނގެނީ ބާވައެވެ؟ ރާއްޖޭގައި ޕީއެޗްޑީ ނަގައިގެން ތިބި މީހުންވެސް މިއަދަކު މަދެއް ނޫނެވެ. ބޮޑެތި ކުންފުނިތައް ހިންގާފައި ތިބި ތަޖުރިބާކާރުން ވެސް މަދެއް ނޫނެވެ. މިފަދަ ބައެއް މީހުން ކިޔެވިދާއިރާއިން ރަނގަޅު ފުރުސަތެއް ނެތިގެން އެހެން ދާއިރާތަކުގައި ވެސް އެބަ ތިއްބެވެ. މަތީ ފާސްތައް ނަގައިގެން އެކަށީގެންވާ ވަޒީފާ ނުލިބިގެން މާ ދަށް މަގާމުތަކުގައި ތިބި މީހުންވެސް މަދެއް ނޫނެވެ.

އަބަދުވެސް އިވޭ އަޑަކީ ދިވެހީންނަށް ރަނގަޅު ވަޒީފާތައް ހަމަޖައްސައިދޭން އުޅޭ ވާހަކައެވެ. މުނާސަބަތެއްގައި ތަގުރީރެއް ކުރަށްވަންޏާ ގައުމުގެ ރައީސް ވެސް ނާއިބް ރައީސް ވެސް ދައްކަވަނީ އެވާހަކައެވެ. ނަމަވެސް މިއީ ހުސް ވާހަކަކަން މިއަދު އެބަ ޔަގީން ވެއެވެ. މިއަދު މި ފެންނަ މަންޒަރު ތަކުން މީހުން އެވާހަކަ ގަބޫލު ނުކުރަނީއެވެ. ދައްކަވާ ވާހަކައާއި އަމަލާ ދިމާ ނުވާތީއެވެ.

ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދޭ ވާހަކައަކީ ހަމަ ހެއުވާހަކައެއް ތޯއެވެ؟ އެހެން ވެއްޖެއްޔާ މިހާރު ދިވެހީން ވިސްނާންވީ ކުންފުނި ތަކުގެ މަތީ މަގާމުތައް ދޭނެ ސިޔާސީ މީހަކު ނެތިއްޔާ އެމަގާމު ދޭނީ ބިދޭސީއަކަށޭ ތޯއެވެ؟ މިއީ މިއަދު ވަރަށް ގިނަ ދިވެހި ރައްޔިތުން ކުރަމުންދާ ސުވާލެކެވެ. އަޅުގަނޑަށް ޖަވާބެއް ދަންނަވަން ހަމަ ނޭނގޭ ސުވާލެކެވެ.

ސީއީއޯއަށް ވުރެ ދަށުގެ މަގާމުތަކުގައި ތިބީ ވެސް ދިވެހީން އެމަގާމުތަކަށް ނުލިބިގެން ތިބި ބިދޭސީ މުވައްޒަފުން ކަމުގައި ބުނާތީ އަޑުއިވެއެވެ. މިހާރުގެ ވަޒީރުންނާއި އެފެންވަރުގެ ބޭބޭފުޅުން ވިދާޅުވަނީ ދިވެހި ގައުމު ބިނާ ކުރުމުގައި ބިދޭސީންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެކަމާ ދެބަސްވަނީއަކީ ނޫނެވެ. އެކަމަކު ބިދޭސީން މިގައުމު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރީތީ މިހާރުވެސް ނޫނީ އަބަދުވެސް ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ދިނުން އެއީ ހަމަޖެހިފައި އޮންނަން ޖެހޭ ގޮތްތޯއެވެ؟ ނޫނީ އެއީ ވަޒީރު ބޭފުޅުންގެ ވިސްނުން ހުންނަންވީ ހިސާބު ތޯއެވެ؟

އެއްޒަމާނެއްގައި މިގައުމުގެ ސްކޫލްތަކުގައި ކިޔަވައިދޭން ތިބީ އަވަށްޓެރި ސްރީ ލަންކާގެ މުދައްރިސުންނެވެ. މޮންޓެސޫރީން ފެށިގެން އެންމެ މަތީ ގްރޭޑްތަކަށް ވެސް ކިޔަވައިދިނީ ލަންކާގެ ޓީޗަރުންނެވެ. އެއަށްފަހު އިންޑިއާގެ ޓީޗަރުންނެވެ. މިހާރުގެ ފަންސާހުން މަތީގެ ގިނަ މީހުންނަކީ މިދެންނެވި ލަންކާ މުދައްރިސުން ކައިރިން އުނގެނިގެން ތިބި މީހުންނެވެ. އެމީހުން ދިވެހި ތައުލީމު ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ވެދިނެވެ. އެކަމަކު އޭރު އެފެންވަރުގެ ދިވެހީން ރާއްޖޭގައި ނެތީއެވެ. މަރުހޫމް ރައީސް އިބްރާހީމް ނާޞިރު ރާއްޖޭގައި އިނގިރޭސި ތަޢުލީމުގެ ބިންގާ ތަރައްގީ ކުރި ދުވަސް ވަރަކީ އިނގިރޭސި ތަޢުލީމު އުނގެނިގެން ތިބި ދިވެހީން ވަރަށް ވެސް މަދު ދުވަސް ވަރެކެވެ. އެހެންވީމާ ލަންކާ މީހުން ގެނަސްގެން ދިވެހީންނަށް ތައުލީމްދޭން މަޖުބޫރުވީއެވެ.

މިގައުމުގައި އިނގިރޭސި ތަޢުލީމުގެ ބިންގާ އަޅައިދީ ގިނަ އަދަދެއްގެ ދަރިވަރުންނަށް އިނގިރޭސި ތަޢުލީމުދިން ބަޔަކީ ލަންކާ މުދައްރިސުން ކަމަށްވާތީއޭ ކިޔާފައި މިއަދު ލަންކާ ޓީޗަރުންނަށް އެމަގާމުތައް ދިނުމަށް އިސްކަން ދޭން ޖެހޭ ހެއްޔެވެ؟ މިއަދު ރާއްޖޭގައި މަތީ ތަޢުލީމް ހާސިލުކޮށްގެން ތިބި މުދައްރިސުން ބައިވަރެވެ. އެރޮނގުން ތަޢުލީމާ ތަމްރީން ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެފުރުސަތުގެ ބޭނުން ވެސް ދިވެހީން މިއަދު ކުރެއެވެ. މިއަދު ބިދޭސީ މުދައްރިސުން ގެނަސްގެން ވަޒީފާ ދީފިނަމަ އެތައް ދިވެހީންނެއް މަގުމަތިވާނެއެވެ.

މިއަދު ކުންފުނިތަކުގެ ޑްރައިވަރުންނަށް އިންޑިއާ މީހުންނާ ބަނގްލަދޭޝް ބޭފުޅުން ހަމަޖައްސަނީ ދިވެހީން ނުލިބިގެން ހެއްޔެވެ؟ މިއަދު ކުންފުނިތަކުގައި ބިދޭސީން މަސައްކަތް ކުރަނީ ދިވެހީން ނުލިބޭތީއެކޭ ބުނެވޭކަށް ނެތެވެ. ބިދޭސީ މީހާއަށް ޑްރައިވަރުކަން ދޭ އެއް ސަބަބަކަށްވަނީ އޭނާއަށް ދޭން ޖެހޭ މުސާރަ ކުޑަވެގެން ކަމަށް ވާނަމަ އެއީ މައްސަލައެކެވެ. ބިދޭސީންނަށް ކުރަން ޖެހޭ ޚަރަދަކީ ހަމައެކަނި މުސާރައެއް ނޫނެވެ. ނިދާނެ ތަނާއި ވިސާ ފީ ވެސް ދައްކަން ޖެހެއެވެ. އެކަމަށް އުފުލަން ޖެހޭ ތަކުލީފުވެސް ކުޑައެއް ނޫނެވެ. ދިވެހި ޑްރައިވަރަކަށް، ރާއްޖޭގައި ދިރިއުޅެވޭ ވަރަށް މުސާރަ ދީފައި އޭނާ ވަޒީފާގައި ގެންގުޅުމަށްވުރެ ބިދޭސީ މީހާ ކުޑަ މުސާރައެއް ދީގެން ގެންގުޅެން ސަރުކާރުގެ ކުންފުނި ތަކަށް މުހިންމުވާނަމަ ދެން ދިވެހީންނަށް ވަޒީފާދޭ ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

ރައީސް ޔާނިންގެ ސަރުކާރުން ކުނި އުކާން އުފެއްދި ވެމްކޯ ކުންފުންޏަކީ ހަމަ ދިރިހުރި ނަމޫނާ މިސާލެކެވެ. ދިވެހީންނަށް އެކަށީގެންވާ، ދިވެހި މުޖުތަމަޢުގައި މިހާރު ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ރަނގަޅަށް ކައިބޮއި ދަރީންނަށް ކިވައިދީގެން އޮނުއޮރިޔާން ނިވައިކޮށްގެން އުޅެލެވޭ ވަރުގެ މުސާރައެއް ދީފިއްޔާ ދިވެހީން ދިވެހި ވަޒީފާތައް އަދާ ކުރާނެ ކަމުގެ ދިރިހުރި މިސާލެކެވެ. އެކަމަކު 200 ޑޮލަރުގެ މުސާރައަކަށް މިއަދަކު ދިވެއްސަކަށް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. އޭރުން އޭނާއަކަށް އަތާ އަނގަޔަކާ ދިމައެއް ނުވާނެއެވެ. ބަނޑުހައި ހޫނުކަން ވެސް ނުފިލާނެއެވެ. މިދައްކަނީ އިންޑިއާގެ އަވަށެއްގެ ވާހަކައެއް ނޫނެވެ. މިއީ ދިވެހި ރާއްޖެއެވެ. މިދައްކަނީ ދަތްކޮށާޓާ އިލޮށިކޮޅުވެސް އިމްޕޯޓް ކޮށްގެން ބޭނުން ކުރާ ގައުމެއްގެ ވާހަކައެކެވެ. މިދައްކަނީ ބޮލަކަށް ދިހަ ހާސް އެމެރިކާ ޑޮަލަރަށްވުރެން މަތިން ގައުމަށް ލިބޭ އާމްދަނީ ޖެހޭ ގައުމެއްގެ ވާހަކައެކެވެ. މިދައްކަނީ އެންމެ އަގުބޮޑު ފަތުރުވެރިކަމުގެ މަންޒިލް އޮތް އެންމެ ހަލައްކައެއްހާ ރައްޔިތުން ސަރުކާރަށް ބަލަހައްޓަންޖެހޭ ގައުމެއްގެ ވާހަކައެވެ.



މި ފަހުން، ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ވެސް އައްޔަން އެކުރީ ބިދޭސީއެކެވެ. އެއީ ތަޖުރިބާކާރު ބޭފުޅެކޯލައެވެ. ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ހަމަޖައްސަވާފައިވަނީ އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޯން ގްރިންޑަލް އެވެ. ހިތައް އަރާ ސުވާލަކީ އެ މަގާމު ފުރާލެވޭނެ ދިވެހި ދަރިޔަކު ހަމަ ނެތިބާއެވެ؟ ހަމަގައިމު މިއޮއް ހުރިހާ ދުވަހު އެ މަގާމު އެ ފުރީ ވެސް ހަމަ ދިވެއްސެކެވެ. ފެންޝަން އޮފީސް ވުޖޫދުވުމާއި ހަމައިން ފެށިގެން ހުސްވި އަހަރުގެ ޑިސެމްބަރާއި ހަމައަށް ސީއީއޯގެ މަޤާމުގައި ހުންނެވީ މުޙައްމަދު ޙުސައިން މަނިކެވެ. އެއީ ހަމަ ދިވެއްސެކެވެ. ސީއީއޯގެ މަޤާމު ހުސްވީ މުޙައްމަދު ޙުސައިން މަނިކު ރިޓަޔާ ކުރެެއްވުމުންނެވެ.

ޕެންޝަން އޮފީހަކީ ވަކި ގާނޫނެއްގެ ދަށުން ހިނގާ މިނިވަން މުއައްސަސާއެކެވެ. އެ އޮފީސް ހިންގަން ޖެހޭ ގޮތުގެ މައިގަނޑު މަސްދަރަކީ ނުވަތަ އަސާސަކީ އެގާނޫނެވެ. ދެން އެގާނޫނުގެދަށުން ހެދޭ ގަވާޢިދުތަކާއި އުސޫލު ތަކެވެ. ހަމަ ގައިމުވެސް އެގާނޫނުގައި ބިދޭސީއަކަށް ނޫނީ އެއޮފީހުގެ ސީއީއޯގެ މަގާމު ނުފުރޭނެއެކޭ ނޯވެއެވެ. މިވާހަކަ ގިނަ ބަޔަކު ނުރުހުމާއެކު ދައްކާ އެއްސަބަބަކީވެސް މިއީއެވެ. މީގެކުރިން ދިވެއްސަކު އަދާކުރި ވަޒީފާއެއް ބިދޭސީއަކަށް ދިނީ އެމަގާމަށް ކުފޫ ހަމަވާ އެހެން ދިވެއްސަކު ނެތިގެންތޯ ސުވާލު ކުރަނީ އެހެން ވެގެންނެވެ. އެހެން ނޫނީ ދެން އެކަން އެކުރީ ކޮން މަޖުބޫރު ކަމެއް އޮވެގެން ތޯ ވެސް އެއޮފީހުން ވެސް އެބަ ސާފުކޮށްދޭން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން