ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ހާއްސަ ގާނޫނުގެ 2020 އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ބިލުގެ އިބްތިދާއީ ބަހުސް އާއި ކޮމިޓީން ދިރާސާ ކުރުމުގެ މަރުހަލާއަށް އަންނަ އާދީއްތަ ދުވަހު އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

އީވާ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ލަސްވަމުންދާތީވެ، އިންތިޚާބު އިތުރަށް ލަސްވިޔަ ނުދިނުމަށް، ކުރިމަތިވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލައި އިންތިހާބު ބޭއްވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ބިލް އިސްލާހްކޮށް ނިމެންދެން ޚާއްސަ ޖަލްސާތައް ބާއްވަމުން ގެންދާނެ ކަމަށެވެ. އަދި އާދިއްތަ ދުވަހަށް ފަހު ޖަލްސާތައް ބޭއްވޭނެ ތާވަލު ކަނޑައެޅޭނީ ބަހުސްގެ މަރުހަލާގައި މެންބަރުން ބައިވެރިވުމަށް އެދޭ މިންވަރުގެ އިތުރުން ކޮމިޓީގެ މަސައްކަތަށްފަހުގައި ކަން އީވާ ފާހަގަކުރެއްވި އެވެ.

މިރޭގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ކޯލިޝަނުން ވަނީ ޖަލްސާކުރާ މާލަމުގައި އަޑުގަދަކޮށް ޖަލްސާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން