ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރާއްޖެއަށް ބޭނުންވާވަރަށް ވެކްސިން ލިބޭނެ ކަން ކަށަވަރުވެއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ކުރު މެސެޖެއްގައި ވިދާޅުވީ، ކޯވިޑް-19 ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމާއެކު ރާއްޖެއިން ވެސް ވެކްސިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި މިލިބޭ އައު އުންމީދާއެކީ ވެސް، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސްގެ ކުރު މެސެޖުގައި ވަނީ، ގައިދުރުކަމާއެކު އަތްދޮވެ ސާފުތާހިރުކަން މަތީގައި ތިބުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ. އަދި ކޮވިޑާއެކު ހޭދަކުރަމުން އައި 10 މަސްދުވަހަކީ، ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް ކަަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު ކަމަށާއި، އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ވިޔަފާރިތައް ހުއްޓުމަކަށް ގެނުވައި މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޢާއިލާތަކުގެ މެމްބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެން ޖެހުނު ކަމަށާއި، ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރާ ކޮވިޝީލްޑު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު މިއަދު މެންދުރު 2 ޖަހާއިރު އެއާ އިންޑިއާގެ ފްލައިޓެއްގައި ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިއާއިން ރާއްޖެއަށް ހިލޭ ފޯރުކޮށްދެނީ އޮކްސްފޯޑް އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑު" ވެކްސިނެވެ. އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް މިހާރު ރައްކާތެރި ވެކްސިނެއްކަމަށް ކަނޑައަޅާފައިވާ ވެކްސިނެކެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ސަފުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޙީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ވެކްސިންގެ 3 އިންސައްތަ ޚާއްޞަކުރަން ހަމަޖެހިފައިވަނީ ކޯވިޑް-19 ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

ރާއްޖެއަށް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތަ އަށް ވެކްސިން ހިލޭ ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ހިލޭ ޖަހާދޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން