ރައީސް ޞާލިޙް
ރައީސް ޞާލިޙް
ޤައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން އިއްޔެ ނެރެފައިވާ ދެންނެވުމެއްގައި ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށް މިދެންނެވުމުގައި ވެއެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް އަންގަވާފައިވާ ކަމުގައި އިއްޔެ ނެރެފައިވާ ދެންނެވުމުގައި ވެއެވެ.

ކޮވިޑް-19، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާ އަމުރުތަކާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވެސް ރައީސް އަންގަވާފައި ވެއެވެ.

“ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައްޔާއި، އަތޮޅު ކައުންސިލުތަކުގައްޔާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދަވައިފައިވާ ޓާސްކް ފޯސްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާއްވަވައި ހިންގެވުމަށާއި، މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.” ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން