ޞާދިރު ޢަލީދީދީ   8 ފެބްރުއަރީ 2021 - 12:13
ވޭނީކަރުނަ
ވޭނީކަރުނަ
43 ވަނަ ބައި

..................

ރަމްލާ މަޢޫޒު މޭގާ ޖައްސާލިއެވެ. އަދިވެސް އެފަކީރަށް ގިސްލެވެއެވެ. ލޮލުގެ ކައިރީގައި ކަރުނަތައް ހުއްޓެވެ. ރަމްލާ އޭނާ ގޮވައިގެން ކޮޓަރިއަށް ހިނގައްޖެއެވެ.

ރަމްލާ މަޢޫޒު ފެންވަރުވައިގެން ބޭރަށް ނުކުތްއިރު މައިދައިތަ އިނީ ސައި ތައްޔާރު ކޮށްގެންނެވެ. އެވަގުތު އޭނާ ކައިރީގައި ހިސާބުގަނޑުގެ ހައެއްކަ އަންހެނުން ތިއްބެވެ. ސައިތަބައް ކުރިމަތީގައި ބަހައްޓާފައި މައިދައިތަ ހެދިކާތަބައް ދިއްކުރަނީއެވެ. ރަމްލާ މުޢާޒުއާއެކު ގެއަށް އައީ ވެތުވެދިޔަ ހަފްތާގެ ތެރޭގައެވެ. މުޅި ކޮލޮނީގެ ހުރިހާ އަންހެނުން އޭނާއަށް އިޙްތިރާމް ކުރެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގްރޫޕެއް އޭނާއަށް މުބާރަކުބާދު ކިޔުމަށްޓަކައި ކޮންމެވެސް ކަހަލަ ފޮނި ކާއެއްޗެއް ހިފައިގެން އާދެއެވެ. މާމަ ދަރިފުޅު ދުނިޔެއަށް އައުމުގެ އުފަލުގައެވެ.

މިއަދުވެސް މިމީހުން އައީ އުފާފާޅުކުރުމަށް ޓަކައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މައިދައިތަ ރަމްލާއަށް ގޮވާލާފައި، ދަރިފުޅު ގޮވައިގެން އައުމަށް ބުންޏެވެ.

ރަމްލާ އަވަސްއަވަހަށް ހޫނުފެނުން މަޢޫޒު ފެންވަރުވާފައި ސެންޓް ޖަހާލިއެވެ. ދެން ބޭރަށް ނުކުތީއެވެ.

ބޭރަށް ހަމަނުކުތުމާއެކު އެއަންހެންވެރިން މަޢޫޒު ޖަހައިގެންފިއެވެ. ފަހަރަކު މީހެއް އުރާލާފައި ލޯބިކުރިއެވެ. އެކަކު ހަދިޔާ ޕަކެޓެއް ދިނިއްޔާ އަނެކަކު އެހެން ކޮންމެވެސް އެއްޗެއްދެއެވެ.

ދެން މައިދައިތަ މަޢޫޒު ނަގާ އުރާލިއެވެ. އަދި މަޑުމަޑުން ބުރަކަށީގާ ތަޅާލަމުން ނާނާ ކިޔާލިއެވެ. މައިދައިތަގެ އުރުގައި ޖެހުމާއެކު ނާނާ ކިޔާލުމުން މަޢޫޒު ނިދާލިއެވެ. އެއީ މިހާރު އޭނާގެ އާދައެވެ. ރަމްލާވެސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

އެކަމަކު އެއިންގޮތުން ހީވަނީ ގޮނޑިން ކަށިހެރޭ ހެންނެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއްނެތެވެ. ބަސް ހުއްޓިފައެވެ. އެކަމަކު ސިކުނޑި ބަރާބަރަށް މަސައްކަތް ކުރެއެވެ.

ޙަޔާތުގެ ފަސްބައިން ހަމަކޮންމެ ފަހަރަކު ތޫނުކަށިތައް ނުކުންނަނީ ކީއްވެގެން ކަމެއްނޭގެއެވެ. ބައެއް ފަހަރު އޭނާ ދޮރާދިމާއަށް ބަލާލައެވެ. އަދި ބައެއް ފަހަރު އޭނާގެ އަތްތިލައަށް ބަލާލައެވެ. ކޮލެޖްގެ ޒަމާނުގައިވެސް އޭނާ މީސް މީހުންލައްވާ އަތްބައްލާ ހައްދައެވެ. އޭނާއަކީ ޚިޔާލު ވަރަށް މުއްސަނދި ކުއްޖެކެވެ. އޭނާ ޙަޔާތުގެ ހިމަނާރުތައް ދެކެ ބިރުގަނެއެވެ. އެހެން ނަމަވެސް ނަސީބުގެ ނާރު ފެންނަނީ ވަރަށް ފަނޑުގޮތަކަށެވެ. އޭނާ ދުވާލު ހަތަރުދަމު އެނާރުމަތީ ފަންސުރުން ކުލަ ޖައްސައެވެ. އެހެނަސް މިހާރު އެއީ މުޅިން ބޭކާރު ކަމެއްކަން އޭނާއަށް އެނގިއްޖެއެވެ. ދުވާލު ހަތަރުދަމު ނަސީބުގެ ނާރުގައި ކުލަޖެއްސި ކަމުގައި، ވިޔަސް ތަޤްދީރު ބަދަލެއް ނުވާނެކަން އޭނާއަށް އެނގިއްޖެއެވެ.

ވީގޮތަކީ މިއީއެވެ. އިއްޔެ ޖައްޔިދާގެ ފޯނެއް އައެވެ. ފުރަތަމަ ޖައްޔިދާ ޝަކުވާކުރީއެވެ. ފިރިމީހާގެ ގެއަށް ދެވުމާއެކު އެމީހުންގެ މަތިން ހަނދާން ނައްތާލިއެވެ. ދެން އޭނާ ބުންޏެވެ.

[މާދަމާ ހަވީރު އަހަރެމެން ދާނަމެވެ..... ރަމްލާގެ ގެ ދުށުމަށެވެ. ފިރިމީހާއާއި ބައްދަލުވުމަށެވެ.]

އަހަރެމެންނޭ ބުނިބަހުގެ މާނައަކީ ޖައްޔިދާއާ ޔާދިރުގެ ވާހަކައެވެ. އެންމެފަހުން ޔާދިރު ފެނުނު ފަހުން ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟ އޭނާގެ ހިތުގައި ޔާދިރު ދުށުމުގެ އެދުން އާލާވެގަތެވެ.... އެހެން ނަމަވެސް ހަމަ ކުއްލިއަކަށް އޭނާގެ ޙަޔާތާމެދު ޚިޔާލު އުފެދިގަތެވެ. އޭނާއަށް މުޢާޒު ފެނިއްޖެއްޔާ ބުނާނީ ކީކޭ ހެއްޔެވެ؟

ކަށިކުނބުރު ވެޔޮގަނޑެއްގައި އެލިފައިއޮތް ފިނިފެން މަލެކެވެ. އަނދިރި ވީރާނާ ހޮހަޅައެއްގައި ދިއްލާފައި ހުރި ކުލަ ބައްތިއެކެވެ. އޭރުން ހުރިހާ ސިއްރެއް ބޭޒާރު ވެދާނެއެވެ.

ޔާދިރު އައުމުން އޭނާގެ ހިތުގެ ވިންދު، ހިފަހައްޓާލެވިދާނެ ބާވައެވެ. އޭނާގެ ލޮލުގެ ސިއްރު މުޢާޒަށް ހާމަވެއްޖިއްޔާ.... މައިދައިތައަށް ޝައްކު ކުރެވިއްޖެއްޔާ.... ދެންވާނީ ކިހިނެތް ހެއްޔެވެ. މައިދައިތައަކީ، ކަންތައްތައް ވަޒަންކުރުމުގެ މާހިރެކެވެ. އުދުހިފައިދާ ދޫނީގެ ދެފިޔައިގެ ތަފާތުވެސް އޭނާއަށް އެނގިދެއެވެ.

ރަމްލާ ސިހިފައި ވަށައިގެން ބަލައިލިއެވެ.

[ޅީދަރިފުޅަކީ، ވަރަށް އުފާވެރި މިޒާޖެއްގެ ކުއްޖެކެވެ.] ގުލްނާރު ޒައިދީ ހީލާފާ ބުންޏެވެ. [އޭނާއަށްވެސް އަޅުގަނޑުމެން މިދައްކާ ފާޑުގެ އުފާވެރި މަޖާ ވާހަކަ ދައްކަން ދަސްކޮށްދެއްވަ ބައްލަވާށެވެ.]

[ވާހަކަދައްކަން ދެން ދަސްވެދާނެއެވެ.] މަންމަ ހީނލާފައި ބުންޏެވެ. [ކިތަންމެ ވަރަކަށް ތައްބައްދައިގެން އުޅުނަސް ދަރިން ލިބުނީމާ ވާހަކަދައްކަން ދަސްވެދާނެއެވެ. ކަލޭމެންނަށްވެސް ވާނީ މިތަޖުރިބާ ލިބިފައެވެ. އެކުދިންނާއެކު ކިހާވަރަކަށް ވާހަކަ ދައްކާ، ހީނ ސަމާސާ ކުރަންޖެހޭނެ ހެއްޔެވެ؟.....]

[އަސްތާއެވެ.....] ރާޟިޔާ ފަރީދީ ސައިތަށި ބަހައްޓާފައި ދެކަން ފަތުގައި އަތް އެޅިއެވެ.

[ބޭޖީއެވެ. އަޅުގަނޑުވެސް އަލަށް ކައިވެނި ކޮށްގެން އުޅުނުއިރު އަވަށްޓެރިންގެ މީހުން އައިސް އަޅުގަނޑުގެ މައިދައިތަގެ ގާތުގައި ހަމަމިގޮތަށް ވާހަކަ ދެއްކިއެވެ..... އެކަމަކު ކައިވެންޏަށް ގިނަދުވަސްވެ ތިންހަތަރު ދަރިން ލިބުމުން މުޅި ހިސާބުގަނޑަށްވެސް އަޅުގަނޑުގެ އަޑުއިވެން ފަށައިފިއެވެ. އެއްދުވަހަކު އަޅުގަނޑުގެ ރަޙްމަތްތެރިއަކު އައިސް ބުންޏެވެ. [އަހަންނަށް ހީވަނީ ކަލޭގެ ކަރުތެރޭގައި މައިކްރޯ ފޯނެއް ހަރުކޮށްފައިވާ ހެންނެވެ.]

އެއާއެކު ހުރިހާ އަންހެނުން ބިނދިބިނދިފައި ހޭން ފަށައިފިއެވެ. ރަމްލާވެސް ކުޑަކޮށް ހިނިތުންވެލިއެވެ. މިއީ އެހާވަރަށް ހޭންވީކަމެއް ހެއްޔެވެ. އޭނާގެ ހިތަށްއެރިއެވެ. އަންހެނުންނަކީ މޮޔަބައެކެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ހީނސަމާސާ ކުރާނެއެވެ.

[ޙަޤީޤަތުގައިވެސް ބޭޖީގެ ޅީދަރިފުޅަކީ، ވަރަށް މަޑުމައިތިރި ކިޔަމަންތެރި ކުއްޖެކެވެ.] ފަރީހާ ޝައިޚް ރަމްލާއާއި ދިމާއަށް ބަލާލަމުން ބުންޏެވެ. [ދެންހުރީ އެންމެ ފިރިހެން ދަރިއެކެވެ. މާތްރަސްކަލާނގެ ބޭޖީއަށް ރީތި އަޚްލާޤުގެ މޭވާ ދެއްވައިފިއެވެ.]

[ދަރިފުޅު ކޮބައި ހެއްޔެވެ؟] މިހާރު ސްކޫލަށް ދާންފަށައިފި ދޯއެވެ.] މަންމަ ކުއްލިއަކަށް ސުވާލުކުރިއެވެ. [ތިން އަންހެން ކުދިން ލިބުމަށްފަހު ލިބޭ ފިރިހެން ކުއްޖަކު ބަލާބޮޑުކުރުމަކީ، ވަރަށް އުނދަގޫ ކަމެކެވެ. އަދި ފިރިހެން ކުއްޖަކު ހޯދުން އަހަންނަށް ފެނެއެވެ.]

[ތައުބާއެވެ........ ބޭޖީއެވެ.....] ފަރީޙާ ޝައިޚް ކަންފަތުގައި އަތްއަޅައިފިއެވެ. [އެންމެ ފިރިހެން ކުއްޖަކު ލިބުމުންވެސް އަހަރެންގެ ދުވަސް ދުއްވާލައިފިއެވެ. އެއާޚިލާފަށް ތިން އަންހެން ކުދިން ނުލާހިކު އުނދަގުލާއެކު ބޮޑެތިވަމުން އެބައާދެއެވެ.]

[އާއެކެވެ. އަންހެން ކުދިންގެ ޠަބީޢަތަކީ މަޑުމައިތިރި އެއްޗެކެވެ.] މަންމަ ބުންޏެވެ.

މިހިސާބުން ވާހަކައިގެ މައުޟޫޢު ބަދަލުވެއްޖެއެވެ.

[ބޭޖީއެވެ. ރާބިޢާ މިގެއަށް އައިތޯއެވެ؟] ރާނީ އަހާލިއެވެ.

[އަދި ނާދެއެވެ.] ބޭޖީ ޖަވާބު ދިނެވެ. [އޭނާ އަބޫދާބީން އަތުވެއްޖެ ހެއްޔެވެ؟]

[ލައްބައެވެ.] ގުލްނާރު ޒައިދީ ބުންޏެވެ.

[މިހާރު އޭނާގެ ކަމަކީ ކޮންމެ ދުވަހަކުވެސް އާހެދުމެއް އަޅާލައިގެން މުޅި އަވަށުގައި ފަރިކަން ދެއްކުމަށް ހިނގުމެވެ. މިގެއަށްވެސް އަދި އަންނާނެއެވެ.]

[މާތްރަސްކަލާނގެ އޭނާއަށް އެތަނަވަސްކަން ދެއްވުމުން އޭގެ ބޭނުން ނުހިފަންވީ ސަބަބެއްނެތެވެ.] މަންމަ ހަމްދަރުދީ ފާޅުކުރިއެވެ.

[ބޭޖީއެވެ. ދުވާލަކަށް ހެދުމެއް ބަދަލުނުކުރާ އަންހެނެއް އަޅުގަނޑުމެންގެ މިހިސާބުގަނޑުގައިވެސް ކޮބައިތޯއެވެ؟ އެކަމަކު އެގޮތަށް ގޮތްދެއްކުމުގެ ފައިދާއަކީ ކޮބައިތޯއެވެ.]

[ރާބިޢާ އަބޫދާބީން އައިފަހުން ދުވާލަކަށް ދެހެދުން ބަދަލުކުރެއެވެ. އާވައްތަރު ވައްތަރުގެ ހެދުންތައް އަޅައިގެން މީހުންގެ ހިތްދަހި ކުރެއެވެ. ކޮންމެވެސް މީހަކަށް ދެ ވީސީއާރުވެސް ގެނެސް ދިން ވާހަކަ އެއްދުވަހަކު އޭނާ ބުންޏެވެ. އަދި ވަރަށް ފަޚުރުވެރި ކަމާއެކު، އަހަރެން ކަސްޓަމްސް ޑިއުޓީއަށް ދެއްކީ ހަމައެކަނި ސާޅީސްހާސް ރުފިޔާއޭ، އޭނާ ބުންޏެވެ.] ސަމީރާ ޞާދިޤު ތަފްޞީލު ބަޔާންކުރިއެވެ.

[ސާޅީސްހާސް ރުފިޔާގެ ކަސްޓަމް ޑިއުޓީ؟.....] ދީނާ މުނީރު ބުންޏެވެ.

[އެމީހުންނަށް އެހާގިނަ ފައިސާއެއް ލިބުނީ ކިހިނެއް ހެއްޔެވެ؟]

[އޭނާގެ ފިރިމީހާ އަބޫދަބީގައި މަސައްކަތްކުރާތާ ވިހިއަހަރު ދުވަސްވެއްޖެއޭ ކަލޭމެން ބުނީމު ނޫން ހެއްޔެވެ؟] މަންމަ ބުންޏެވެ.

[އެކަމަކު އޭގެބޭނުމަކީ އަޅުގަނޑުމެންގެ އެތެރެހަށީގައިވާ ނިކަމެތިކަމުގެ އިޙްސާސްތައް ހޭލެއްވުމެއް ނޫނެއްނޫންތޯއެވެ.] ޝަހްލާ ފާރޫގީ އަނދައިގެންފާ ބުންޏެވެ. [އޭނާގެ ފިރިމީހާ ދުވާލަކަށް އެއްލައްކަ ރުފިޔާ ނެގިކަމުގައި ވިޔަސް އެކަމުން އަޅުގަނޑުމެން ކުރާނީ ކީއްތޯއެވެ. އަޅުގަނޑުމެންގެ ފިރިން ގާތުގައި ތަންތަން ލޫޓުވާކަށް ނުބުނެވޭނެއެވެ.]

[ބޭޖީ ތިޔަބުނުއްވީ ތެދު ވާހަކައެކެވެ.....] ދީނާ މުނީރު އާދައިގެ މަތިން އަވަސް އަވަހަށް ބޭޖީއާއި އެއްބައި ވެލިއެވެ.

ދެން އެންމެން ހޭންފަށައިފިއެވެ. މަންމަ ތެދުވެގެންގޮސް މަޢޫޒު ބާއްވައިފިއެވެ. އަދި ގައިމަތިން ފޮތިގަނޑެއް އަޅާލިއެވެ. ދެން ބުންޏެވެ.

[ރަމްލާ ދަރިފުޅާއެވެ! މިހިރަ ތަށިތައް ނަގާބަލާށެވެ.]

ރަމްލާ ތަށިތައް ނަގާއެއްކޮށް ދަމާ މޭޒުގެ ތިރީބައިގާ ބަހައްޓައިފިއެވެ. ދެން މޭޒު ދަމަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

މަންމަ އަނެއްކާވެސް އައިސް އެނދުގައި އިށީނދެފައި ބުންޏެވެ.

[މިހާރަކަށް އައިސް ހަމަކޮންމެ މީހަކަށްވެސް ރީތި ހެދުން އެޅިދާނެއެވެ. އެއީ އެމީހުންނަށް އެހާވަރަށް ލިބިގެނެއްނޫނެވެ. އެއީ ހަމައެކަމަށް ހިތްޖެހި އެކަމުގެ ޝުޢޫރު ހިތުގައި އުފެދިގެންނެވެ. އެއީ ހަމަ ވަބާއެކެވެ. އެއީ އިސްރާފެކެވެ. އަހަރެން ދެކޭގޮތުގައި އަންހެނުން ތިމާމެންގެ އާދަތައް ވަކިމިންވަރެއްގައި ބެހެއްޓުމަށް ދަސްކުރުން ބޭނުމެވެ.]

[ބޭޖީއެވެ. ރާނީ ބުންޏެވެ. [މިފެންނަ ރީތިކުލަތައް އެކުލެވިފައިވާ ބާޒާރަށް ހަދާނީ ކިހިނެތްތޯއެވެ. [އެތަން ދެކެފައި ހަމަ ހިތްތެޅެނީއެވެ. ހިތް ދަހިވަނީއެވެ.....]

[އެންމެ ފުރަތަމަ ތިމާގެ ހިތްރުއްސާށެވެ.] މަންމަ ލޯބިން ބުންޏެވެ. [ފިރިމީހާގެ މިންނެތް މަސައްކަތުން ލިބޭ ލާރިކޮޅުން ކޮންމަވެސް މަސައްކަތެއް ފަށާށެވެ.]

އެކަމަކު މިތާނގައި މަސްދުވަހަށް ކިހާ ޚަރަދެއް ހިގާތޯއެވެ.] ފަރީހާ ޝައިޚު ބުންޏެވެ.] ވީއިރު އެއިންބާކީ ކުރެވޭނީ ކިހިނެތްތޯއެވެ.

[އަދި ހަމަކޮންމެ މަހަކު ފޮތީގެ ފެޝަންތައް ބަދަލުވެއެވެ. [ފަރީހާ ޝައިޚު ބުންޏެވެ.] ވީއިރު އެއިން ބާކީ ކުރެވޭނީ ކިހިނެތްތޯއެވެ.

[އަދި ހަމަކޮންމެ މަހަކު ފޮތީގެ ފެޝަންތައް ބަދަލުވެއެވެ.] ގުލްނާރު ޒައިދީ ބުންޏެވެ.

އެހެން ނަމަވެސް ވިސްނާލައިގެން ލިބޭ ލާރިކޮޅު ބައިބަޔަށް ބަހާލައިގެން ކަންތައްތައް ހަމަ ޖައްސާށެވެ. ކަލޭމެން މިކޮލޮނީގެ ހުރިހާ އަންހެނުން އެއްބައިވެގެން ކޮންމެ މަހަކުވެސް ކޮންމެވެސްވަރެއް ބާކީކޮށްގެން އަވަށުގެ ފަގީރު މީހަކަށް އެހީވެދިނުން ކީއްހެއްޔެވެ.]

[މިވާހަކައަށް ދޭނެ އެއްވެސް ޖަވާބެއް އެއްވެސް މީހަކު ކިބައަކު ނުވެއެވެ.

ރަމްލާ ތަށިތައް ގެންގޮސްލާފައި އައިސް އިށީނދެއްޖެއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން