ހެއަރ ސްޕްރޭ ހުސްވުމުން ތެރަސް ބޭނުން ކުރި ޓިކްޓޮކް ތަރިއަށް އެތައްބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

އެމެރިކާއަށް ނިސްބަތްވާ ކަޅުނަސްލުގެ މިއަންހެން މީހާ ހާމަކޮށްފައިވާގޮތުގައި އޭނާ ތެރަސް ބޭނުން ކުރީ ހެއަރ ސްޕްރޭ އެވަގުތު ހުސްވެފައި ހުރުމުންނެވެ. އަދި މިއީ ރަނގަޅު ކަމެއް ނޫންކަން އެނގުނީ ތެރަސް ބޭނުން ކުރުމަށްފަހު އެނުފިލައިގެން އެތައްދުވަހެއް ހޭދަކުރަން ޖެހި އެތައް ތަކުލީފެއް އުފުލަންޖެހުމުންނެވެ.

އަދި ތެރަސްލީ ފަހުން 15 ފަހަރު ބޯދޮވުނު އިރުވެސް ބޮލުން އެންމެ އިސްތައްޓެއްވެސް ގުޑާނުލިކަމަށް އެއަންމީހާ ބުނެފައިވެއެވެ. އަަދި މިގޮތަށް މަސް ދުވަސް ވޭތުކުރި ކަމަށްވެސްވެއެވެ. ލިބުނު ފިލާވަޅާއެކު އެއަންހެންމީހާ ވަނީ ހެއަރ ސްޕްރޭ ހުސްވިޔަސް އެއްވެސް ބާވަތެއްގެ ތެރަހެއް ބޭނުންނުކުރުމަށް ގޮވާލާފައެވެ.

މިހާދިސާއާއި ގުޅިގެން އެއަންހެން މީހާ ބޭނުންކުރި ތެރަސް އުފެއްދި ކުންފުނި ކަމަށްވާ ގޮރިއްލާ ގްލޫއިން ބުނެފައިވަނީ އެކުންފުނީގެ ތެރަސް އިންސާނުންގެ ހަންގަނޑުގައި ޖެހޭގޮތަށް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާނެކަމަށެވެ.

މިއާއެކު ގޮރިއްލާ ގްލޫ ގަރލް ގެ ނަމުން މީސްމީޑިޔާގައި މިއަންހެން މީހާ މަޝްހޫރުވެގެން ދިޔައެވެ. އަދި އެތައްބަޔަކު ވަނީ ބޮލުން ތެރަސް ފިލުވާނެ އިރުޝާދުވެސް ދީފައެވެ. ނަމަވެސް ހައްލެއް ނުލިބިގެން ސިއްހީ އެހީތެރިކަން ހޯދިކަމަށްވެސް ވެއެވެ.

އެކަމުންވެސް ހައްލެއް ނުލިބި އުޅެނިކޮށް އެމެރިކާގެ މަޝްހޫރު ޕްލާސްޓިކް ސާޖަން އެއްގެ އިތުރުން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ހެއަރސްޓަައިލިސްޓްވެސް ވަނީ މިއަންހެން މީހާގެ ބޮލުން ތެރަސް ފިލުވުމަށް އެހީތެރިވުމަށް އިސްނަގައިފައެވެ.

އުމުރުން 40 އަހަރުގެ މިއަންހެން މީހާގެ ހާލަތާއި ގުޅިގެން ގޯފަންޑްމީ ވެބްސައިޓް މެދުވެރިކޮށް 13،000 ޑޮލަރު އެއްދުވަސް ތެރޭގައި ލިބިފައިވެއެވެ. އަދި ގިނަ ބަޔަކު އޭނާއަށް ޖޯކު ޖަހައި މަލާމާތް ކުރި ކަމުގައިވިނަމަވެސް ކަޅުނަސްލުގެ ގިނަ މީހުންދަނީ އެމީހުންގެ ބޯ ސްޓައިލް ކުރުމަށް މެދުވެރިވާ ގޮންޖެހުންތަކާއެކު މިފަދަ ހާދިސާއެއް ކުރިމަތިވުމަކީ އެކަށީގެންވެދާނެކަމެއް ކަމަށް ބުނަމުންނެވެ.

މިހާދިސާއަށް މީސްމީޑިޔާގައި ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މަޝްހޫރު ގިނަ ތަރިންތަކެއްވެސް ދަނީ މިހާދިސާގެ ވާހަކަ އެމީހުންގެ މީސްމީޑިޔާގައި ހިއްސާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން