މިހާރުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކީ ލާމަރުކަޒު ކުރުމެވެ. މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި އޮތީ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށެވެ. މި މަގުޞަދު ހާސިލު ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގާނެ ގާނޫނެއް އެކުލަވާލައި އެއާއި އެއްގޮތަށް ބިންގާ އަޅައިގެން އިމާރާތް ކުރަން ވެސް މިވަނީ ފެށިފައެވެ.

މިހާތަނަށް އެންމެ ގިނަ އިސްލާހު ގެނެވިފައިވާ އެއް ގާނޫނަކީ ވެސް އެއީއެވެ. އެގާނޫނު ހިންގަން ގާނޫނު އަސާސީ ބަދަލުކުރި ގާނޫނަކީ ވެސް އެއީއެވެ.

ގާނޫނު އަސާސީއަށް އެންމެ ފަހުން އިސްލާހެއް ގެނައީ ހުސްވި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ގާނޫނުގައި ބުނާ ތާރީޚުގައި ނުބޭއްވިގެން ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބަށް ފެނިވަޑައިގަނެގެންނެވެ. އެ އިސްލާހާއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން ހޮވާފައިތިބި ކައުންސިލަރުންގެ ދައުރުވެސް ދަންމާލީއެވެ.

ސަރުކާރުންނާއި މިގާނޫނުގެ ބަލަދުވެރި ފަރާތްކަމުގައި ދަޢުވާކުރާ އެމްޑީޕީން ބުނާ ގޮތުން މިހާރު އޮތް ލާމަރުކަޒީ ގާނޫނަކީ ވަރަށް ފުރިހަމަ ކުރެވިފައިވާ އަސްލު ލާމަރުކަޒު ކުރުމުގެ ނިޔަތުގައި އެކަން ހާސިލުވާ ވަރަށް ކޮށައި މަށައި އޮމާން ކޮށްފައިވާ ގާނޫނެކެވެ. އެހެންވީމާ އޭގައި އެމީހުން އެބުނާ ރައްޔިތު މީހާ ވޯޓުލައިގެން ނޫނީ، ޑިމޮކްރެސީގެ ހަމަތަކާ އިންތަކުގެ ތެރެއިން ރައްޔިތުންގެ އަޣުލަބިއްޔަތާއި ރުހުމާއި އޮތް މީހަކު ނޫނީ ކައުންސިލަކަށް ނާންނާނެއެވެ. ރައްޔިތުންގެ ކަންކަން ނިންމާން، ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންނަށް ޚިދުމަތްކޮށްދޭން އަންނާނީ ރައްޔިތުންގެ ތާއީދު އޮތް ރައްޔިތުންގެ ބަސްބުނެގެން އަންނަ މީހެކެވެ. މިއީ ވަރަށް ފުރިހަމަ ވާހަކައެކެވެ. ސަޅި އިބާރާތް ކޮޅެކެވެ. ރަށު ރައްޔިތުން ހެއްވާލާނެ ކަމެކެވެ.

އެކަމަކު މިބުނާ ވާހަކައާއި އެބުނާ ފުރިހަމަ ސަޅި ލޯކަލްކައުންސިލް ތަކަށް ކައުންސިލަރުން އިންތިޚާބު ކުރުމާމެދު ގާނޫނުގައި ބުނާ އެއްޗަކާއި ގާނޫނު އަސާސީގައި އެކަމާއި ބެހޭގޮތުން ބުނާ އެއްޗެއް ތަފާތުވާތީ، ކޮށިއަރާތީ މިކަން މިހާރު މިހިނގަނީ ހަމަ ރަނގަޅަށްތޯ ސުވާލު އުފެދެނީއެވެ.

މިހާރު މިވާގޮތުން ކައުންސިލް ތަކަށް ރަށެއްގެ ރައްޔިތުން ރުހުނަސް ނުރުހުނަސް އަދި އެމީހުން ބޭނުންވާ ގޮތަށް، ގާނޫނު އަސާސީގައި ބުނާ ވޯޓު ލުމުގެ ހައްގާ ނުލައިވެސް ކައުންސިލަރަކަށް އެބަ އިންތިޚާބު ވެވެއެވެ. މިކަން ވާގޮތަކީ ރަށެއްގެ ކައުންސިލަށް އިންތިޚާބު ކުރަން ޖެހެނީ ފަސް ކައުންސިލަރުން ކަމަށް ވާނަމަ އެއަދަދަށް ވުރެ މަދުން ނުވަތަ އެއަދަށްވުރެ ގިނައިން އެރަށެއްގެ ކައުންސިލަށް މީހުން ކުރިމަތި ނުލާނަމަ އެތަނުގައި ރަށުގެ އެންމެން ނުގަބޫލު، ރައްޔިތުން ނުރުހޭ މީހަކު ހުއްޓަސް އިންތިޚާބަކާއި ނުލައި ރައްޔިތަކު ހަމަ އެންމެ ވޯޓެއްވެސް ނުލައި އޮޓަމެޓިކުން ހޮވެނީއެވެ.

އެހެންވީމާ މިއީ ހަމަ އެބުނާ ޑިމޮކްރެސީގައި ރައްޔިތުންގެ ވޯޓުން ހޮވަން ޖެހޭ މީހަކު ހަމަ ހޮވިދާނެ ގޮތެއް ކަމާއިމެދު އަޅުގަނޑުގެ ހިތުތެރޭގައި ސުވާލު އުފެދެނީއެވެ. މިސުވާލަށް ޖަވާބު ހޯދާން ވެގެން ވަރަށް ގިނަ މީހުންގެ ގާތުގައި ސުވާލުކޮށް ޚިޔާލު ބަދަލުކޮށް ހެދިއްޖެއެވެ. ނަމަވެސް އަޅުގަނޑު ހިތްހަމަޖެހޭ ޖަވާބެއް މިކަމުގައި އަދި އެއް ނުލިބެއެވެ.

އެހެން އުޅެނިކޮށް އަޅުގަނޑު ހަމަ މިއުފައްދާ ސުވާލު އުފެދޭ ފަދަ ގޮތަކަށް އިލެކްޝަން ކޮމިޝަންގެ މެންބަރަކު ކުރަށްވާފައިވާ ޓްވީޓް ތަކެއް ފެނި އަނެއްކާ މިސުވާލު ވަކީން ބޮޑުވީއެވެ. ހަގީގަތުގައި ވެސް މިދެންނެވި މެންބަރުގެ ޓްވީޓްތަކުން ލިބުނީ އެކަމަށް އެކަށޭނަ ޖަވާބެއް ނޫނެވެ. އުފެދުނީ އިތުރު ޝައްކުތަކާއި ވަހުމް ތަކާއި ސުވާލު ތަކެވެ.

ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބުގެ ފުރަތަމަ ޓްވީޓްގައި އޮންނަނީ "ގާނޫނު ނަމްބަރު 2010/10 ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ގާނޫނު" ގެ 24 ވަނަ މާއްދާއެވެ. "އެމާއްދާގައި ބުނަނީ، "ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށް ވެފައި، އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިޚާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން އެމަގާމުތަކަށް އިންތިޚާބުވީ ކަމަށް އިޢުލާންކުރަންވާނެއެވެ."

ކައުންސިލް އިންތިޚާބުގެ ގާނޫނުގައި މި ބުނާގޮތުން ނަމަ މިހާރު ރައްޔިތުންގެ ވޯޓަކާއި ނުލައި ކައުންސިލަށް ހޮވިފައިވާ ކަމަށް ބުނާ، ރައްޔިތުންގެ ސިއްރު ވޯޓަކުން ހޮވަން ޖެހޭ، ކައުންސިލަރު ނުވަތަ ކައުންސިލަރުން އެތިބީ ރައްޔިތުންގެ ވޯޓަކާ ނުލައި އެ ގާނޫނުގައި ބުނާ ގޮތަށް ހޮވިގެން އިލެކްޝަން ކޮމިޝަނުން އިޢުލާން ކުރަންޖެހޭ ހާލަތުގައެވެ.

ނަމަވެސް އޭގެ ތިރިއަށް ހަމަ ވިދިގެން ގާނޫނު އަސާސީގައި މިކަމާބެހޭ ގޮތުން ބުނާ ވާހަކަވެސް މެންބަރު ހަބީބު ވަނީ ޓްވީޓް ކުރަށްވާފައެވެ. "ކައުންސިލަރުން އިންތިޚާބުކުރުން؛" މިސުރުހީގެ ދަށުގައި އޮންނަ އަކުރުގައި ބުނަނީ، "(ހ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަހައްދެއްގެ ރައްޔިތުން ދީމިޤްރާތީ އުސޫލުތަކުގެ މަތީން، ސިއްރުވޯޓަކުން އިންތިޚާބުކުރާ މެންބަރުންނެވެ."



ހަބީބު މިހެއްދެވި އެއްޗަކުން އަނެއްކާވެސް ސުވާލު އިތުރުވީއެވެ. ޝައްކުތައް ޔަގީނާ ގާތްވީއެވެ. އެހެންވީމާ މިކަމުގައި ސުވާލު އުފައްދައިގެން ނޫނީ އުފެދިގެން މިއުޅެނީ އަޅުގަނޑަށް އެކަނި ނޫންކަން މިހާރު މިވަނީ ޔަގީންވެފައެވެ.

ހަބީބި ވިދިގެން ދެން ޓްވީޓް ކުރަށްވާފައިވަނީ ގާނޫނު އަސާސީގެ އެހެން އަކުރެއްގައި އޮންނަ އިބާރާތެކެވެ.

"(ރ) އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބު ކުރުމާބެހޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ."

ގާނޫނު އަސާސީގައި އޮންނަ މި އިބާރާތުގެ މާނައަކީ ކައުންސިލްތައް އިންތިޚާބު ކުރުމާބެހޭ ގާނޫނެއް ފާސްކުރާ ވާހަކައެވެ. އެހެންވީމާ މިހެން އޮތީމާ، ކުރިން ދެންނެވިހެން ގާނޫނު އަސާސީގައި، ކައުންސިލަރުން ހޮވަންވާނީ ދީމުޤްރާތީ އުސޫލުން ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި، ކަޅާ ހުދުން ލިޔެފައި އޮތީމާ، ރައްޔިތުންގެ ހަމަ އެންމެ ވޯޓަކާވެސް ނުލައި ކައުންސިލަށް އެބުނާ ދީމުޤްރާތީ އުސޫލުން މީހަކު ހޮވިދާނެތޯ ހަމަ ސުވާލު އުފެދެނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން