އިސްރާއީލުން ފޮނުވާލި މިސައިލު ހަމަލާ
އިސްރާއީލުން ފޮނުވާލި މިސައިލު ހަމަލާ
ލުބުނާނުގެ މަތިން ދަތުރުކުރި އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ސީރިއާގެ ވެރިރަށް ދިމިސްގަށް ފޮނުވާލި މިސައިލް ތަކުގެ ތެރެއިން ގިނަ މިސައިލްތައް ވައިގެތެރޭގައިވަނިކޮށް ގޮއްވާލާފައިވާކަަމަށް ސީރިއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސީރިއާގެ އެސްއޭއެންއޭ ނިއުސްއާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ މިސައިލު ހަމަލާ އަމާޒުވީ ދިމިސްގް ކައިރީގައި އޮންނަ އަލްހުޖައިރާ އާއި އަލް އަދްލިޔާ އަވަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. މިހަމަލާތަކުގައި އާންމުންގެ 3 މީހަކު މަރުވެ 4 މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ސީރިއާގެ ނޫސް އޭޖެންސީން ބުނީ ޓާގެޓަށް ވާސިލުވުމުގެ ކުރިން އަސްކަރިއްޔާއިން ގިނަ މިސައިލުތައް ގޮއްވާލާފައިވާކަމަށެވެ.

2011 ވަނަ އަހަރުން ފެށިގެން ސީރިއާއާއި ދެކޮޅަށް ހިންގަމުންދާ މި ހަމަނުޖެހުންތަކުގައި އިސްރާއީލުން އެތައް ހަމަލާއެއް ސީރިއާއަށް އަމާޒުކޮށް ދީފައިވެއެވެ. އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގެ ހަނގުރާމަމަތީގެ އުޅަނދުތައް ބޭނުންކުރަމުންދާ ކަމަށްވެސް ސީރިއާއިން ތުހުމަތު ކުރެއެވެ.

އިސްރާއީލުން މި ހަމަލާތަކުގެ ޒިންމާ އަދި ނަގާފައެއް ނުވެއެވެ. މީގެ ހަފިތާއެއް ކުރިންވެސް އިސްރައީލުން ވަނީ ސީރިއާއަށް މިފަދަ ހަމަލާތަކެއް ދީފައެވެ. އޭޕްރިލް 20 ވަނަ ދުވަހު ދިން މި ހަމަލާގައި ސީރިއާގެ ހަނގުރަމަވެރިންގެ 3 މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަނގުރަމަވެރިންގެ 6 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން