އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާންގެ ލެބޯޓްރީއެއްގެ އުފެއްދުމެއްކަން ކަށަވަރުވާ ހެކިތައް އެބަހުރި ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސްކައި ނިއުސްއިން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޓްރަމްޕް މިފަދަ ތުހުމަތެއް ޗައިނާއާއި މެދު ކުރެއްވި ނަމަވެސް އެކަން ސާބިތުވާ ހެކިތައް ދެއްކެވުމަށް ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ.

ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިވައިރަސް މިހާފުޅާކޮށް ފެތުރިގަތުމުގެ ކުރިން ވަރިސް ފެތުރުން އެމީހުންނަށް ނުހުއްޓުވުނީ ނުވަތަ ގަސްތުގައި ނުހުއްޓުވީއެވެ. ރައީސް ޓްރަމްޕް ވިދާޅުވީ މި ވައިރަހަކީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޯލޮޖީގައި އުފެއްދި އެއްޗެއް ކަމަށެވެ. "އެމެރިކާއިން މިދަނީ އެކަން ވަރަށް ގާތުން ބަލަމުން." ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެމެން ބަލާނަން އެ އުފެއްދީ ކިހިނެއްތޯ. އެއައީ ކިހިނެއްތޯ. މިކަން ބެލޭނެ ގޮތްތައް އަހަރެމެންގެ އަތުގައި އެބަހުރި." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ކޮރޯނާވައިރަހަކީ ވޫހާންގައި އުފެއްދި އެއްޗެއްކަން އެހާ ޔަގީންކަމާއެކު ކަށަވަރު ކުރެވޭ ވަރުގެ ހެކިތައް ޓްރަމްޕަށް ލިބިވަޑައިގެންފައި ވޭތޯ ރިޕޯޓަރަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެވަރަށް ހެކި އެބަހުރި ކަމަށެވެ.

އެވަރުގެ ޔަގީން ކަމެއް ލިބިވަޑައިގެންނެވީ ކޮން ކަހަލަ ހެކިތަކަކުންތޯ ރިޕޯޓަރަކު އެހުމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، "އަހަރެންނަކަށް އެކަން ހާމަކުރެވޭކަށް އަދި ނެތް. އެކަމުގެ ހުއްދައެއްވެސް ނެތް." ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މިވާހަކަތަކާއި ގުޅިގެން ތުހުމަތުކުރެވޭ ވޫހާންގެ ލެބޯޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާގެ ސްޕައި އޭޖެންސީން ވެސް މިހާރު ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހަކީ ބަޔަކު އުފައްދައިގެން އުޅޭ ވައިރަހެއްކަމުގައި ގަބޫލުކުރެވޭ ކަމަށް ހާމަކޮށްފައެވެ. ނަމަވެސް އެމީހުން އަދިވެސް ދަނީ މި ނުރައްކާތެރި ވައިރަސް އައި ގޮތެއް ކަށަވަރު ކުރުމުގެ ހޯދުންތައް ހޯދަމުންނެވެ.

މީގެކުރީގައި ފެޑެރަލް އޭޖެންސީގެ ސްޓޭޓްމެންޓެއްގައި ކޯވިޑް-19 ޖައްސާ ވައިރަހަކީ ބަޔަކު އުފައްދާފައިވާ ވައިރަހެއް ނޫން ކަމަށް ބުނެފައި ވީނަމަވެސް މިވައިރަހަކީ ޖަނަވާރުގެ ސަބަބުން އިންސާނުންނަށް ފެތުރުނު ވައިރަހެއްތޯ ނުވަތަ ލެބޯޓްރީއެއްގައި އުފައްދައިގެން އުޅޭ މޮޑިފައި ކޮށްފައިވާ ޖެނެޓިކް ވައިރަހެއްތޯ ހޯދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާން ޣެން ޝުއާންގ ވިދާޅުވީ "އަނެއްކާވެސް އަހަރެން ބުނަން ޖެހޭނީ، މި ވައިރަސްގެ އަސްލު އުފެދުން އަދި އެއީ ސައިންސްގެ ހޯދުންތަކުންވެސް ޚިޔާލު ތަފާތުވާ ކަމެއް ކަމަށް. ސައިންޓިސްޓުންނާއި ކަމާބެހޭ މާހިރުން އެކަން ހޯދަން ޖެހޭ ކަމެއް،" ކަމަށެވެ.

ޚާރިޖިއްޔާގެ ތަރުޖަމާން އިތުރަށް ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަން ވަގުތު ނަގާލުމަށްވުރެ ގައުމުގައި މިރޯގާ ކޮންޓްރޯލް ކުރަން މިވަގުތު މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

އެމެރިކާއިން މިފަދަ ތުހުމަތު ތަކެއް ކުރި ނަމަވެސް ކޮރޯނާވައިރަސް ފެތުރިގެން އުޅެނީ ޖަނަވާރެއްގެ ކިބައިން އިންސާނުންގެ ގަޔަށް ވާސިލުވެގެންކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މިކަން ފެށުނީ ޗައިނާގެ ވޫހާންގެ މާރުކޭޓަކުންކަން ވެސް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯއިން ވެސް ބުނެފައިވަނީ މި ވައިރަހަކީ ވަލުޖަނަވާރުންގެ ކިބައިން އުފަންވެފައިވާ ވައިރަހެއް ކަމަށެވެ. ނަމަވެސް އެޖަމިއްޔާއަށްވެސް ޔަގީން ނުކުރެވޭ ކަމަކީ މި ވައިރަސް އިންސާނުންނާއި ހަމައަށް ވާސިލުވި ގޮތެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން