ރޯދަ މަސް އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔައިފިއެވެ. (ފޮޓޯ: ސޯޝަލް މީޑިއާ)
ރޯދަ މަސް އަޅުގަނޑުމެންނަށް އަލްވަދާޢު ކިޔައިފިއެވެ. (ފޮޓޯ: ސޯޝަލް މީޑިއާ)
ރޯދަ މަސް ނިމުނީއެވެ. މާތް ﷲ އަޅުގަނޑުމެންގެ ރޯދައާއި ރޭއަޅުކަން ޤަބޫލު ކުރަށްވާށިއެވެ. ދެން ކުރިމަތިލަނީ ޝައްވާލު މަހާއެވެ. މާދަމައިން ފެށިގެން ޝައްވާލު މަސް ފެށެނީއެވެ. މިގޮތުން ވަރަށް ގިނަ މީހުން ތިބެނީ ދެން ކަންކުރަންވާ ގޮތް ނޭގި އޮޅުމެއްގެ ތެރޭގައެވެ. ތިމަންމެން ފުރަތަމަ ހިފާނީ ހަރޯދަތޯ ނުވަތަ އަންހެނުންނަށް އެކަނބަލުންގެ ޚާއްޞަ ޙާލަތުގައި ގެއްލިފައިވާ ޤަޟާ ރޯދަ ހިފާނީ ތޯއެވެ؟ ޤަޟާ ރޯދަ ނުހިފާ ސުއްނަތް ރޯދަ ހިފިދާނެތޯއެވެ؟ މިއީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކުުރާ ސުވާލެކެވެ.

ޝައްކެއް ނެތް ގޮތުގައި ފަރުޟު ރޯދަ ހިފުމަކީ ވަގުތުން ވާޖިބުވާ ކަމެއް ނޫނެވެ. ފަރުޟު އޮތްވާ ސުއްނަތް ރޯދަ ހިފޭނެއެވެ. ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި رَسُولُ اللَّهِ ﷺ ގެ އަނބި އަނބި ކަނބަލުން ރޯދަ މަހުގައި ހިއްޕަވަން އޮންނަ ރޯދަ ހިއްޕަވައި އުޅުއްވަނީ އަނެއް އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ކީރިތި ރަސޫލާ އެމަހުގެ ގިނަ ދުވަސްތަކުގައި ރޯދަފުޅަށް ހުންނަވާތީއެވެ.

މިއަންނަ ހަދުވަހު ރޯދަ ފަރުޟާ އެއްކޮށްލައިގެން ހިފިދާނެތޯ ނުވަތަ ކޮންމެ ބާވަތެއްވެސް ހިފަންޖެހޭނީ ވަކިވަކިންތޯއެވެ؟ މިމައްސަލައާމެދު ވަރަށްގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުއްނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެއެވެ. އަދި ހަމައެހެންމެ ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުއްނަތް ރޯދަ ހިފާއިރު ފަރުޟަށް ނިޔަތް ގަތުމުން ފަރުޟު އަދާ ކުރެވިފައި އެދުވަހުގެ ސުއްނަތް ވެސް އަދާކުރެވެނީއެވެ.

ޝައްކެއްނެތް ގޮތުގައި ޝައްވާލު މަހު ހަރޯދައަކީ އިހާއި ފަހުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބު ސުއްނަތެކެވެ. އެރޯދަ ހިފަން ފަށާނީ ވަޅު ޢީދު ދުވަހުން ފެށިގެންނެވެ. ލޮބުވެތި رَسُولُ اللَّهِ ﷺ ޙަދީޘު ކުރަށްވާފައިވާ ފަދައިންނެވެ. ]مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَذَاكَ صِيَامُ الدَّهْرِ[ (މާނައީ: ރަމަޟާން މަހު ރޯދަ ހިފައި ދެން އެއާގުޅިގެން ޝައްވާލު މަހުގެ ހަދުވަސް އިތުރު ކޮށްފި މީހާއަށް އެހިފުނީ މުޅި އަހަރުގެ ރޯދައެވެ.) ވުމާއެކު މުސްލިމަކު ވަޅުޢީދު ދުވަހުން ފެށިގެން ހަރޯދަ ހިފުމީ އެންމެ މޮޅުގޮތެވެ. އެހެނަސް ޝައްވާލު މަހުގެ ތެރޭގައި އެކުއެކީވެސް ނުވަތަ ވަކިވަކިން ވެސް ހަރޯދަ ހިފައިފިނަމަ ސުއްނަތް އަދާކޮށްފިއެވެ. އެއްވެސް އުނިކަމެއްނެތި އެމީހަކަށް އެކަމުގެ ސަވާބު ދެއްވާނެއެވެ.

ޝާފިޢީ މަޛްހަބުގައި އޮންނަ ގޮތުގައި ރޯދަމަހު ގެއްލިފައިވާ ރޯދަ ހަރޯދައިގެ ތެރޭގައި ޤަޟާއަށް ނިޔަތްގަތުމުން ފަރުޟު ރޯދައިން އޭނާ ބަރީއަ ވުމާއެކު ޝައްވާލުމަހު ރޯދަ ހިފީތީވެ އެކަމުގެ ސަވާބުވެސް ދެއްވާނެއެވެ. އެހެނަސް ނިޔަތް ގަންނަންވާނީ ސުއްނަތް ރޯދައަކަށްނޫނެވެ. އަދި ކިއެއްތަ ނިޔަތްގަންނާނީ ގެއްލިފައިވާ ފަރުޟުރޯދައަށެވެ. ﷲގެ ދީލަތިވަންތަކަން އިންތިހާއަށް ތަނަވަސް ވެގެންވެއެވެ. އެހެންކަމުން މިގޮތަށް ރޯދަ ހިފައިފި މީހަކަށް ޝައްވާލުމަހު ރޯދަ ހިފަން އެންގެވި އެންގެވުމަށް ޢަމަލުވުމާއެކު ޤަޟާ ރޯދައިގެ ޒިއްމާވެސް އޭނާގެ ކިބައިން ދިޔައީއެވެ.

މިއުޞޫލުގެ ދަށުން ރޯދަމަހުގެ ރޯދަ ގެއްލިފައިވާ އަންހެނުން ޝައްވާލު މަހު ހަރޯދަ ހިފާއިރު ޤަޟާއަށް ނިޔަތްގަތުމުން ފަރުޟު ރޯދަ ހިފުމާއެކު ސުއްނަތުގެ ސަވާބު ލިބޭނެއެވެ. މިކަމުގައި ޢިލްމުވެރިން ޤިޔާސް ކުރަށްވާފައިވަނީ މީހަކު މިސްކިތަށް ވަދެ އިށީނުމުގެ ކުރިން ފަރުޟު ނަމާދުކޮށްފިނަމަ ނުވަތަ ރަވާތިބު ސުއްނަތުގެ ދެރަކްޢަތް ކޮށްފިނަމަ އޭނާއަށް އެނަމާދު ކުރެވިފައި މަސްޖިދު ސުއްނަތުގެ ސަވާބުވެސް ލިބުނެކަމަށް އެއްބަސްވެ ވަޑައިގަންނަވާތީ މީގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން