ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.


ބީއެމްއެލުން ބުނީ، ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވަނީ 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ފެށިގެން 4 ޖޫން 2021 ވާހުކުރު ދުވަހުގެ ހެދުނު 9:00 އަށް ކަމަށާއި، މި މަސައްކަތް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއްވައެވެ.

ނަމަވެސް މި ވަގުތުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެކަމަށާއި، މި ހިދުމަތް މެދުވެރިކޮށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އެކައުންޓް ހިސްޓްރީ ޗެކް ކުރެވޭނެއެވެ. މީގެއިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލްވެސް ފޮނުވޭނެއެވެ.

އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ލިބޭނެ ކަމަށް ބޭންކުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު