އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް
މާފަރު އެއަރޕޯޓާއި ކޫއްޑޫ އެއަރޕޯޓް ބޭރުގެ ކުންފުނިތަކަށް ދިނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް އިޤްތިޞާދީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އެއަރޕޯޓް އިންޑިއާއަށް ދެނީ ކަމަށްބުނެ ބަޔަކު މީހުން މިއަދު ވާހަކަދައްކަނީ އެއްވެސް އިޚްލާސްތެރި ނިޔަތެއް އޮވެގެން ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ދައްކާނެ ވާހަކައެއް ނެތުމުން އަބަދުވެސް އިންޑިއާއި ގުޅުވައިގެން ވާހަކަ ދައްކާ ކަމަށާއި އެއީ އެހެންގޮތެއް ނެތިގެން ދައްކާ ވާހަކަތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤްތިޞާދީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރީޖަނަލް އެއަރޕޯޓްތަކުގެ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ދިނީ ކުރީ ސަރުކާރުގައި ކަމަށެވެ. އެގޮތުން މާފަރު އެއަރޕޯޓާއި ކޫއްޑޫ އެއަރޕޯޓް ރައީސް ޔާމީންގެ ސަރުކާރުގައި ބޭރުގެ ކުންފުނިތަކަށް ދީފައިވާކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

އިޤްތިޞާދީ ވުޒާރާއިން ބުނީ ކޫއްޑޫ އެއަރޕޯޓްގެ ލައިސަންސް 20 ޑިސެންބަރ 2014 ގައި ކިއޮންގް ހޮންގް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިބިޓެޑަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި އޯގަސްޓް 2017 އިން ފެށިގެން ކޫއްޑޫ އެއަރޕޯޓް ހިންގުމަށް ޕްރިސްޓީން އައިލަންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕވޓ. ލޓޑ ކިޔާ ސިންގަޕޫރުގެ ދެ ކުންފުންޏަކުން ޙިއްސާވާގޮތަށް ރާއްޖޭގައި އުފައްދާފައިވާ ސަތޭކަ އިންސައްތަ ބިދޭސީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން މާފަރު އެއަރޕޯޓްގެ ސަތޭކަ އިންސައްތަ ހިންގުންވެސް 2017 ވަނަ އަހަރު އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 2017 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "އޮލިއާލާ އިންޑިއާ ލިމިޓެޑް" ކިޔާ ކުންފުންޏަކަށް ށ.އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ހުއްދަ ދީފައި އޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީން ބުނީ އެއަރ ޓްރާންސްޕޯޓް ސަރވިސަސްއާ ގުޅުންހުރި ޚިދުމަތްތަކުގެ ތެރޭގައި އެއަރ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް ހިމެނޭތީ އެކަން އިސްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން