ޞާދިރު ޢަލީދީދީ   19 ޖޫން 2021 - 13:13
ބޯގަންވިލާ
ބޯގަންވިލާ
07 ވަނަ ބައި

................

"އޭނާއަކީ ސާރާ ތިބުނާ ވަރަށް ސާރާގެ މަތިން ހަނދާންކުރާ މީހެއްނަމަ، އައްޑުއަށް ގޮސް މިވީހާ ދުވަހު ސާރާއަށް އެންމެފަހަރަކު ނަމަވެސް ގުޅީހެއްނު." ނާޒިޔާ ސާރާ ގާތުގައި އިށީންނަމުން ބުންޏެވެ. އެއީ ފަހަކަށް އައިސް ނާޒިޔާގެ އާދައެކެވެ. ކޮންމެ ދުވަހަކުވެސް އޭނާ ސާރާއަށް ނަސޭހަތްދީ އޭނާގެ ވިސްނުން ބަދަލުކުރެވޭތޯ އިންތިހާއަށް މަސައްކަތް ކުރެއެވެ. އޭނާގެ ނަސޭހަތަކީ އަލުން އަމީނާ ގުޅުން ރަނގަޅު ކުރުމަށެވެ.

"ޒިޔާ ކިތަންމެ ބުންޏަސް ލޯބިނުވާ މީހަކާ އިނދެގެން ކިހިނެއްތަ އަހަރެން އުޅޭނީ؟" ސާރާ ބުންޏެވެ. ސާރާއަށް މިހެން ބުނެވުނުތަނާހެން ބޮޑުކޮޓަރިން މީހެއްގެ ހިލަންވީ އަޑު އިވުނެވެ.

"އައްސަލާމް އަލައިކުމް...." އެއީ މިހާރަކަށް އައިސް ކޮންމެ ދުވަހަކުވެސް ސާރާއަށް އިވޭ އަޑެކެވެ. އެހެންވެ ސާރާ ނިކަން ބާރަށް ދުވެފައި ގޮސް ކޮޓަރިން ނުކުތެވެ. މެދުގޭތެރޭގައި ހިނިއައިސްފައި މާބޮނޑިއެއް ހިފައިގެން ހުރީ ކޮންމެ ދުވަހަކުވެސް އެގެއަށް މާބޮނޑި ގެނެސްދޭ ޑްރައިވަރެވެ.

"ވައަލައިކުމުއްސަލާމް..." ސާރާ ސަލާމް ބަލައިގަތެވެ. ޑްރައިވަރު މާބޮނޑި ސާރާއާ ހަވާލުކުރުމަށްފަހު ނުކުމެގެން ހިނގައިގަތެވެ. އެވަގުތު އެމީހާ ހުއްޓުވުމަށްވެސް އޭނާގެ ހިތް އެދުނެވެ. އެހެންކަމުން ސާރާ އޭނާގެ ފަހަތުން ހިނގައިގަތެވެ. ބޮޑުކޮޓަރީގައި ހުރި ފޯނު ރިންގްވާން ފެށީ އެވަގުތުކަމުން ސާރާ ފުރަތަމަ އެނބުރުނީ ފޯނާ ދިމާއަށެވެ. އެދަނޑިވަޅު އެމީހާ އެގެއިން ނުކުމެއްޖެއެވެ.

"އައްސަލާމް އަލައިކުމް، ޕޫލްކިނާރާ." ސާރާ ފޯނު ނެގިއެވެ.

"ވައަލައިކުމުއްސަލާމް.... ސާރާ....މަރުހަބާ.....އެކޮޅުން ވާހަކަދެއްކީ އެމީހެއްގެ ފޯނުކޯލަކަށް ސާރާ އިންތިޒާރު ކުރަމުން އައި ތޮލާލެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ.

"ތޮލާ.....އަޅެ ހާދަ ދުވަހެއްކޮށް......އަޅެ ކޮންދުވަހަކު އަންނާނީ....." ސާރާއަށް އުފަލުންގޮސް ވާހަކަ ދެއްކުނީވެސް ކިރިޔާއެވެ.

"މާލޭގައޭ މިހުރީ.......އަހަރެން މިރޭ ތިގެއަށް ދާނަން.....ސާރާ އަހަންނަށްޓަކައި މިނިވަންވީ ޚަބަރު ލިބުމުން ވަރަށް.......ވަރަށް އުފާވި...." ތޮލާލު އޭނާގެ އިޙްސާސްތައް ފާހަގަކުރާއިރު އެއްވެސް ކުށެއްނެތް އެހެން އަންހެން ކުއްޖެއްގެ ގާތު ވަޢުދުތަކެއް ވެވިފައި ނެތީބާއޭ ހިތަށް އަރައެވެ. އެއީވެސް ޒަމާނީ ބައެއް ފިރިހެނުންނާއި އަންހެނުންގެ އާދައެކެވެ. ޙަޤީޤީ ލޯބީގެ އަގު ތަސައްވުރު ވަނީ މިހާރު މަދު ބަޔަކަށެވެ. ދެރަކަމަކީ އެމަދު މީހުންގެ ތެރޭގައި ތޮލާލުނުވެ ސާރާއާއި ފަޒީލާވީ ކަމެވެ. ސާރާ ތޮލާލަށްޓަކައި އޭނާގެ ޒަވާޖް ރޫޅާލިއިރު ފަޒީލާ ތޮލާލުގެ ލޯބީގެ ޙައްޤުގައި އޭނާގެ ކިބައިގައިވާ އެންމެ އަގުބޮޑު މުދާވެސް ތޮލާލާ ހަވާލުކުރިއެވެ. އެއީ ތެދުވެރި ވަފާތެރިއެއް ކަމުގައި ދެކިގެނެވެ.

ނަމަވެސް ތޮލާލުގެ ހިތުގައި ފަޒީލާގެ ހަނދާންތައް ދާއިމްވެހުރީ ފަޒީލާ އޭނާގެ ލޯމަތިން ގެއްލި ސާރާ އޭނާގެ ލޮލާ ދިމާވަންދެނެވެ.

"ސޮރީ....އައިމް ސޮރީ ފަޒީ....." ތޮލާލު ހިތާހިތާ ފަޒީލާގެ ކިބައިން މައާފަށް އެދުނުވެސް މެއެވެ. މާލެ އާދެވުމާއެކު އޭނާގެ ޚިޔާލު ބަދަލުވެ ކުރިންވެސް ދަތުރުކުރި ނަވުގެ ހުންގާނުގައި ހިފުނީތީއެވެ.

މިއާދައިގައި ދުވަސްތައް ތަބީއީ ބާރު އަޅަމުންގޮސް ތިންމަސް ފުރިއްޖެއެވެ. އަމީން ސާރާ މިނިވަންކުރިތާ ތިންމަސް ފުރުނު ދުވަހަކީ ތޮލާލު ސާރާގެ ކައިވެންޏަށް އެދުނު ދުވަސްވެސްމެއެވެ. ސާރާގެ މައިންބަފައިންގެ ރުހުންވެސް ލިބިގެން އޭގެފަހުން މާގިނަ ދުވަސްތަކެއް ނުވެ ވަރަށް އާދައިގެ ގޮތަކަށް ސާރާއާއި ތޮލާލުގެ ކައިވެނި ކުރެވިއްޖެއެވެ.

"އަހަންނަށް މިދުނިޔެމަތިން ލިބޭނެ ހުރިހާ އުފަލެއް މިލްކުވި ކަމުގެ އިހްސާސްތައް މިހާރު އަހަންނަށް ކުރެވެން ފަށައިފި...." ފުރަތަމަ ފަހަރަށް ކޮޓަރީގައި މިނިވަންކަމާއެކު ތޮލާލާ ބައްދަލުވުމުން ސާރާ އޭނާގެ އިޙްސާސްތައް ފާޅުކުރިއެވެ. ސާރާގެ އެޖުމްލައާއެކު ފިސާރި އުފާވެފައި ހުރި ތޮލާލު ސާރާގެނެސް ސާރާގެ ހަށިގަނޑުގައި ނުހަނު ލޯބިން އޮޅުލައިގަތެވެ.

"އަހަރެންގެ އިޙްސާސްތައް ބަޔާންކުރަންވެސް ދަތި." ސާރާގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން ތޮލާލު ބުންޏެވެ.

އަމިއްލަ ހާލާމެދު ވިސްނުމުން ފަޒީލާއަށް ރޮވެން ފެށުނެވެ. އޭނާއަކީ މިހާރު އެއްވެސް އަގެއް ނެތް....މީހެކޭ އޭނާއަށް އިޙްސާސް ކުރެވެނީއެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ އޭނާ އުއްމީދުކުރި ފަދަ ދުވަހެއް ނޫނެވެ. ތޮލާލު ދިޔައީ އޭނާގެ ޙަޔާތުގައި ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ ލައްގަނޑެއް ޖައްސާފައެވެ. އޭނާ އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަނީ އެހެންވެގެންނެވެ.

"ފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު، އެކަހަލަ ފިރިހެނުންނަށް އިތުބާރު ކުރާކަށް ނުވާނެޔޭ....އަހަރެން ވަރަށް ދެރަވެއްޖެ. ރަށަށް ޒިޔާރަތްކުރި ކުޑަދުވަސްކޮޅެއްގެ މެހުމާނަކަށް ފަޒީގެ ހިތް ހަދިޔާކުރީތީ...." ފަޒީލާގެ ހިތާމައިގައި ބައިވެރިވަމުން ޒުހުދާ ބުންޏެވެ.

"ޒުހޫ....އަހަންނަށްވެސް ކުރިން ވިސްނުނުނަމަ....ކިހާރަނގަޅު. އަޅެ އަހަރެން ކިހިނެއްތަ ހަދާނީ؟" ފަޒީލާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގެންފިއެވެ.

"ދެންވެސް ލިބުނު ތިޔަފިލާވަޅުން ޢިބްރަތް ލިބިގަނޭ. އެޢިބުރަތުގެ އަލީގައި މުސްތަޤްބަލް ބިނާކުރޭ." ޒުހުދާގެ ވާހަކައިން އޭނާއަކީ ވިސްނުންތޫނު އަންހެނެއްކަން ދޭހަވެއެވެ.

"އެކަމަކު ޒުހޫ ވަގުތު ފާއިތުވެއްޖެ. މިހާރު އެޢިބްރަތުން މުސްތަޤްބަލް ބިނާކުރުމުގެ އެއްވެސް ބޭނުމެއް ނެތް...." ފަޒީލާގެ އަޑުވެސް ބެދުނެވެ. ފަޒީލާ ރޯންފެށުމުން ޒުހުދާއަށްވެސް ރޮވުނެވެ. ފަޒީލާގެ ޙަޤީޤަތް އެނގޭ މީހަކަށް ހަމައެކަނި ހުރިހާވެސް މީހަކީ އެއީއެވެ.

ދެން އައީ ސާރާގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ތޮލާލު ސާރާއަށް އިންތިހާއަށް ލޯބިދިނެވެ. އެލޯބީގެ ސަބަބުން އޭނާގެ ސިކުނޑިއަށް އެހެން އެއްވެސް ޚިޔާލެއް ފައިދާނުވާ ވަރަށެވެ. ހަމައެފަދައެވެ. ސާރާވެސް ތޮލާލަށް އެހެން އެއްވެސް ހަނދާންތަކެއް އާނުވާވަރަށް ލޯބިދިނެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް ތޮލާލާއި ސާރާގެ ކައިވެންޏަށް އަހަރު ފުރެން ކައިރިވެއްޖެއެވެ. ފާއިތުވެދިޔަ ކޮންމެ ދުވަހަކީވެސް ފިސާރި އުފާވެރި ދުވަހެކެވެ. ދޭތެރެ ދޭތެރެއިން ކުދިކުދި ކުނިތައް ޖެހުނު ކަމުގައި ވިޔަސް ދާއިމީ ލައްގަނޑެއް ޖެހޭފަދަ އެއްވެސް މައްސަލައެއް އެދެމެދަކަށް ފައިދާއެއް ނުވެއެވެ.

އެހެންކަމުން ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސްވެސް ވަރަށް ކުލަގަދަ ކޮށް ފާހަގަކުރުމަށް ތޮލާލު ގަސްދުކުރިއެވެ. އެހެން ނަމަވެސް ފުރަތަމަ ސާރާ އެކަމަށް އިންކާރު ކުރިއެވެ. އޭނާއަކީ އިސްރާފަށް އެކަހަލަ ބައެއް ކަންތައްތައް ކުރުމަށް ވަރަށް ނުރުހޭ މީހެކެވެ. އެއީ އޭނާއަށް ޠަބީއަތުން ލިބިފައިވާ އިންތިހާއީ ރަނގަޅު ސިފައެކެވެ.

"އެވަރަކުން ފާހަގަނުކުރިޔަސް އަހަރެމެންގެ ކައިވެނި ދާއިމްވާނެކަންނޭނގެ. އަޅެ އިސްރާފު އެއްވެސް ޚަރަދެއް ނުކުރައްޗޭ...." ސާރާ ބުންޏެވެ. އެހެން ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

"މައްސަލައެއްނެތް. ސާރާބުނީތީ އިސްރާފެއް ނުކުރާނަން. އެކަމަކު އަހަރެންގެ އަނބިމީހާއަށްޓަކައި ކުރާ އެއްވެސް ހޭދައަކީ އިސްރާފެއް ކަމަށް އަހަރެން ގަބޫލެއް ނުކުރާނަން.....ސާރާއަށް އެނގޭތަ؟ ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައިވެސް އަންހެނަކު ހުންނާނެ...އެގޮތުން އަހަރެންގެ ހުރިހާވެސް ކުރިއެރުމަކީ އަހަރެންގެ އަންހެނުން....ސާރާ...." ތޮލާލު ސާރާގެ އަތުގައި ހިފަހައްޓާލިއެވެ. އުފާވެރި އިޙްސާސްތަކާއެކު ސާރާއަށް ދެލޯ މަރާލެވުނެވެ. ތޮލާލު ސާރާގެ މެރިފައިވާ ލޮލުގެ އެސްފިޔަމަތީގައި ތުންފަތް ޖައްސާލިއެވެ. ކުއްޖަކު ހޯދުމުގެ ޚިޔާލު ތޮލާލުގެ ސިކުނޑިއަށް ފައިދާވީ އެދުވަހުއެވެ. އެދުވަހު އޭނާ ސާރާގެ އަތުގައި ހިފީވެސް އެއިޙްސާސާ އެކުގައެވެ.

"މިހާރު ގެ ފަޅުފިލުވާނެ ކުއްޖަކުވެސް ބޭނުންވޭ. އަސްލު ގެއެއްގެ ހުރިހާ އުފާވެރިކަމަކީ އެއީ..... މިއަދުން ފެށިގެން އަހަރެން އެދުވަހަކަށް އިންތިޒާރު ކުރަން ފަށައިފިން." ތޮލާލުގެ މިޖުމްލައިން ސާރާގެ މޫނުމަތި ވިދައިގަތެވެ. ޙަޤީޤަތުގައި އެއީ މިހާރު ސާރާވެސް އެންމެ ބޭނުންވެފައިވާ ކަމެވެ. އޭނާވެސް އެއުފާވެރިކަން ބޭނުންވެއެވެ. މިހާރު ކައިވެންޏަށް އަހަރު ފުރެން ދެދުވަހަށްވީއެވެ. އޭނާ މީގެކުރިން ކުއްޖަކު ހޯދުމާ ބެހޭގޮތުން ތޮލާލާ މަޝްވަރާ ނުކުރީ ތޮލާލަށް ފުރަތަމަ އެވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

"ހެޕީ އެނިވަރސަރީ ރީޝާ....." އަމީން ވާހަކަ ދެއްކީ އޭނާގެ އަންހެނުންނާއެވެ. މިއަދަކީ އަމީން އާއި ރީޝާގެ ކައިވެންޏަށް ތިންމަސް ފުރުނު ދުވަހެވެ. ދޮރު ހުޅުވަމުން އެތެރެއަށް ވަން އަމީން އާއި ދިމާއަށް ސިއްސައިގެންގޮސްފައި ރީޝާ އެނބުރުނެވެ. އަމީންހުރީ ރަތް ފިނިފެންމަލެއް ރިޝާއާއި ދިމާއަށް ދިއްކޮށްގެންނެވެ.

"ތޭންކްސް...." އަމީން ދިއްކޮށްގެން ހުރި މަލުގައި ހިފަމުން ރީޝާ ފިރިމީހާއަށް ޝުކުރު އަދާކުރިއެވެ.

"އަހަރެން ވަރަށް އުފާވެއްޖެ...." ރީޝާ އަމީންގެ ލޮލަށް ބަލަންހުރެފައި ބުންޏެވެ. އެވަގުތު އަމީންގެ ދެލޮލުންވެސް ވިދަމުން ދަނީ އުފާވެރިކަމެވެ. އެކަމަކު އެދެލޮލުން އޭނާއަށް ސިފަވަނީ ނުރުހުމުގެ އަސަރެވެ. އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އަމީން އޭނާއާ ކައިވެނިކުރި ސަބަބެވެ. އޭނާގެ އަސްލު މަޤުޞަދެވެ. އެހަނދާންތައް އާވުމާއެކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ކިހިނެއްވީ ރީޝާ....؟" އަމީން ރީޝާގެ އިޙްސާސްތައް ނިކަން ރަނގަޅަށް ދެނެގަތެވެ.

"ކަމެއްނުވޭ..." މިހެން ބުނެވުނުއިރު ރީޝާގެ ދެލޮލުން ކަރުނަ ހިލިގަތެވެ.

"ކަމެއްނުވާއިރު ކީއްވެތަ ތިރޮނީ؟" އަމީން އައިސް ރީޝާ އިން އެނދުގެ މަގަތުގައި އިށީނދެ ރީޝާގެ އަތުގައި ހިފެހެއްޓިއެވެ. އެހިނދު ރީޝާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

"އަހަރެންގެ ޙާލަތު ބަދަލުވާނީ....ކޮންދުވަހަކުންބާއޭ ހިތަށްއެރީ...." ރީޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

"ނުރޮއި ރީޝާ.....ރީޝާގެ ހާލަތު ބަދަލުވެއްޖެ....މިރެއިން ފެށިގެން ތިއީ އަހަރެންގެ ބައްޕަ ދައްކައިގެން އަހަރެން ކައިވެނިކުރި ރީޝާއެއް ނޫން.....މިހާރު ތިޔައީ އަހަރެންގެ ލޯބިވާ އަނބިމީހާ....ދެން އަހަރެން އެއްވެސް އުފަލެއް ރީޝާއާއެކު ނޫނީ ޙިއްސާއެއް ނުކުރާނަން....." އަމީން ނިކަން ލޯތްބާއެކު ރީޝާގެ ދެލޯ ފޮހެދޭން ފެށިއެވެ.

"ޕްރޮމިސްތަ؟" ރޮއިގަންނަމުން ރީޝާއަށް އަމީންގެ މޭގައި ބޯއަޅާލެވުނެވެ. އަމީން ފުރަތަމަ ފަހަރަށް ރީޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ގައިމެވެ. މިހާރު ރީޝާގެ ލޮލުން ފައިބަމުން އެދަނީ އުފާވެރިކަމުގެ ފޮނި ކަރުނައެވެ. އެތައް ދުވަސްތަކަކަށްފަހު އޭނާގެ އުއްމީދެއް ފުރިހަމަވީއެވެ.

"ގަބޫލުކުރޭ ރީޝާ....މިދެމެދަށް ހުރަސްއެޅޭނެ އެކަކުވެސް މިހާރަކު ނުހުންނާނެ....." އަމީން ކުރިއަށް ވުރެންވެސް ރީޝާއާ ގާތްވެލިއެވެ.

"ކޮންމެވެސް ދުވަހަކުން އަހަރެމެންގެ މިތެދުވެރި ލޯތްބަށް މީހަކު ހުރަސް އަޅައިފިއްޔާޔޯ...." ސާރާ ވާހަކަދެއްކީ ތޮލާލާއެވެ. އެދެމަފިރިން ވާހަކަ ދައްކަން ތިބީ ތޮލާލު މެންގޭ ސިޓިންގރޫމްގައެވެ.

"މިލޯތްބަށް ހުރަސް އަޅާކަށް އެއްވެސް މީހަކު ނާންނާނެ. އިރާދަކުރެއްވިއްޔާ ޤުދުރަތުން އެފަދަ ގޮތެއް މެދުވެރި ނުކުރައްވާނެ." ތޮލާލު ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

"އަމީން...." ސާރާ ތޮލާލުގެ މޭގައި ބޯއަޅާލިއެވެ.

"މާދަމާރެއަކީ އަހަރެމެންގެ ޙަޔާތުގެ ވަރަށް މުހިންމު ރެއެއްނު....އަނެއްކާ ސާރާ ހަނދާން އެބަހުރިތަ؟" ތޮލާލު ސާރާއަށް ހަނދާންކޮށްދިނުމުގެ ގޮތުން ބުންޏެވެ. ޙަޤީޤަތުގައި އެއިރު ސާރާ ހުރީ ހަނދާންވެސް ނެތިފައެވެ. އެހެންވެ އޭނާއަށް ޖެހުނީ ކޮންމެވެސް ވަރަކަށް ވިސްނާލާށެވެ.

"އާނ....ކައިވެންޏަށް އަހަރުފުރޭ ދުވަސް.....އަހަރެން ހަނދާނެއް ނުނެތެއޭ....." ސާރާ ތެދުވިއެވެ.

"މާދަމާރޭ ވާނެ ހިނގާލަންދާން. ފުރަތަމަ ދާނީ ރެސްޓޯރެންޓަކަށް ކާލަން....." ތޮލާލު ބުންޏެވެ. ސާރާ ބޯޖަހާލިއެވެ.

އަމީން ރެސްޓޯރެންޓަށްވަނީ ރީޝާގެ އަތުގައި ހިފައިގެންނެވެ. އެއީ މީގެކުރިން ދުވަހަކުވެސް ރީޝާ ކޮށްފައިވާ ތަޖުރިބާއެއް ނޫނެވެ. އަމީން އޭނާއާ ކައިވެނި ކުރިފަހުން މިފަދަ މަންޒިލަކަށް ދުވަހަކުވެސް އައިސްފައެއް ނުވެއެވެ. ބޭރުން ދައުވަތެއް ލިބުނަސް، އޭނާ ރީޝާ ގޮވައިގެން ބޭރަކަށް ނުދެއެވެ. ނަމަވެސް މިއަދު މިވަނީ އެދުވަސް ބަދަލުވެފައެވެ. ރީޝާގެ ކެތްތެރިކަމުން އަމީނުގެ ލޯތްބާއި އިޙްތިރާމް މިއަދު މިވަނީ އޭނާއަށް މިލްކުވެފައެވެ.

އަމީން ރީޝާގެ އަތުގައި ހިފައިގެން އިށީނީ އެނތާގެ ކަނަކަށްވާ ހިސާބުގައި ހުރި މޭޒު ކައިރީގައެވެ. އަމީން އަށް ސާރާއާއި ތޮލާލު ކައިގެން ނިކުންނަނިކޮށް ފެނުނީ އޭނާ ގޮނޑީގައި އިށީނދެ ވެއިޓަރަކަށް އިޝާރާތް ކުރަން އުޅެނިކޮށެވެ. ސާރާ ފެނުމާއެކު ވަގުތުން އޭނާގެ މޫޑުވެސް ބަދަލުވެއްޖެއެވެ. ނަމަވެސް އޭނާ އެކަމެއް ރީޝާއަކަށް ފާހަގަވިޔަކަ ނުދިނެވެ. އެއަށްވުރެން އޭނާ މާހުޝިޔާރެވެ.

"ދަންނަ ބައެއްތަ؟" އަމީންގެ މޫނަށް ބަލަން އިނދެފައި ރީޝާ އެއްސެވެ. ފުރަތަމަ އަމީން ހިނިތުންވެލިއެވެ.

"އާނ....ކޮންމެވެސް ވަރަކަށް.... ދެން ކޮންމެވެސް އެއްޗެއް ގެންނަން އުޅެމާދޯ؟" އަމީން މައުޟޫ ބަދަލުކުރިއެވެ.

ތޮލާލްއާއި ސާރާ ހިނގަމުން ހިނގަމުންގޮސް ހުއްޓުނީ ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރިއަށެވެ. އެއީ ބައެއް މީހުން ދެކޭގޮތުގައި ލޯބިވެރިންގެ މަންޒިލެކެވެ. އަނެއްބަޔަކު އެއީ ނާމާން ތަނެއްގެ ގޮތުގައިވެސް ސިފަކުރެއެވެ. ނަމަވެސް ލޯބީގެ އާރުން ފެންބޮއިގެން އުޅޭ ދެބައިވެރިއަކު ވެއްޖެއްޔާ އެތަން ސިފަކުރަނީ އެމީހުންގެ ބަގީޗާއެއްގެ ގޮތުގައެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 25 އިން 28 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން