ޞާދިރު ޢަލީދީދީ   21 ޖޫން 2021 - 16:45
ބޯގަންވިލާ
ބޯގަންވިލާ
09 ވަނަ ބައި

................

"ވަރިކުރީތާދޯ؟ އަހަރެމެން ހީކުރިގޮތަކަށް ނޫންތާ މިވީ....." ފޯން ކޯލަށްފަހު ހުސްނާ އިސްމާޢީލް މަނިކާ ވާހަކަ ދެއްކިއެވެ. އިސްމާޢީލް މަނިކު ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. އެއީ ރޮމުން ސާރާ ކޮޓަރިން ނުކުތް ވަގުތުއެވެ.

"ހިތްވަރު ދެރަނުކުރޭ ދަރިފުޅާ....އޭނާއަށް ވިސްނުނު އިރަކުން އަދި ދަރިފުޅުގެ ގާތަށް އަންނާނެ." ހުސްނާ ސާރާއަށް ހިތްވަރުދިނެވެ.

"މަންމާ....ބައްޕާ.....އަހަރެން ތޮލާލުގެ ގާތަށް ގެންގޮސްދީ....." މަންމަގެ އަތުގައި ހިފަހައްޓާލަމުން ސާރާ ރޮއިގަތެވެ.

"ކީއްވެތަ ތޮލާ ކުއްލިއަކަށް ބަދަލުވާންވީ؟ އޭނާ އަހަންނާއެކު ދިޔައިރު ހުރީ ނުލާހިކު ރަނގަޅަށް....އެވާނީ އެއިކްލީލު އޭނާގެ ބޮލަށް ވަނީ ކަމަށް....." އެރޭ ދިމާވި އިކްލީލުގެ މަތިން ކުއްލިއަކަށް ސާރާ ހަނދާންވިއެވެ. އެރޭ ދިމާވި އިކުލީލުގެ މަތިން އޭނާ ހަނދާންވީ އަދި ކިރިޔާއެވެ. އެހެންކަމުން ކުރިން އޭނާއަށް ބައްޕައާއި މަންމައަށް ކިޔައިދެވިފައިވަނީ އެހާ ހިސާބަށް އޭނާ ހަނދާންހުރި ކަންތަކެވެ. އޭނާއަށް އެނގެނީ ތޮލާލު އަނބުރައިގަނެގެން ވެއްޓުނުކަމާއި، އެއަށްފަހު ތޮލާލުގެ ވާހަކައާއި ޢަމަލުތައް ބަދަލުވެގެން ދިޔަކަމެވެ.

"އިކްލީލޭ!؟" އަޑު އިވުނު ނަމާއެކު ހުސްނާގެ ދެލޮލުންވެސް ބިރުވެރިކަން ވިދައިގަތެވެ.

"އާނ....މަންމާ ތޮލާލު އަނބުރައިގެންފައި އޮއްވާ އިކުލީލުއައީ...." ސާރާ ބިރުން ވަށައިގެން ހޯދަން ފަށައިފިއެވެ. އެއަށްފަހު އެރޭ އިކުލީލު ދެއްކި ހުރިހާ ވާހަކައަކާއި އިކްލީލުގެ ސިފަ ހުރިގޮތް. ސާރާ މަންމައާއި ބައްޕައަށް ކިޔާދިނެވެ.

ވަގުތުން އިސްމާޢީލް މަނިކާއި ހުސްނާ ނިންމީ ސާރާ ގޮވައިގެން ތޮލާލުގެ ގެއަށް ގޮސް ތޮލާލުގެ މަންމަ ސަމީރާއާއި ބައްޕަ ވާހިދަށް އެވާހަކަ ކިޔާދީ އެކަމުން ތޮލާލު ސަލާމަތް ކުރުމަށް ފިޔަވަޅު އެޅުމަށެވެ.

"ހުރިހާ ނުބަޔަކީ އިކްލީލު....." ތޮލާލުގެ ގެއަށް ވަންނަމުން އިސްމާޢީލް މަނިކު ސަމީރާއާ މުޚާޠަބު ކުރިއެވެ.

"ކޮން އިކްލީލެއް؟" ސަމީރާއަށް އަހާލެވުނެވެ.

އިސްމާޢީލް މަނިކު ސަމީރާއަށް ކިޔައިދޭން ފެށިއެވެ.

"އެއީ މީގެ ނަވާރަ އަހަރު ކުރިއެވެ. އޭރު ސާރާގެ އުމުރުންވީ ތިންއަހަރެވެ. އިސްމާޢީލް މަނިކުގެ ދެމަފިރިންނާއެކު ސާރާ އުޅެމުން އައީ އިންޑިޔާގެ މެޑްރާސްގައެވެ. އޭރު ސާރާގެ ޢާއިލާއަކީ މިހާރަށްވުރެން މާމުއްސަނދި ދިރިއުޅުމެއް ހިއްސާކުރަމުން އައި ބައެއްކަމުން، އެމީހުން އުޅުނީވެސް ދުވަސްވަރާއި ބަލައި ފެންވަރު ރަނގަޅު ޢިމާރާތެއް ކަމުގައިވާ ޖޯޖް ފްލެޓްގެ ހަތަރުވަނަ ބުރީގައެވެ. ޖޯޖް ފްލެޓަރީ ފަސްބުރީގެ ބޮޑު ޢިމާރާތެކެވެ. އެޢިމާރާތުގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުންނަ އާދައިގެ ގެއެއްގެ ދޮރާށި މައްޗަށް އަރުވާފައި އޮންނަ ބޯގަންވިލާ ގަހުން މާބިންނަން ދިއުން އެއީ އޭރު ކުޑަކުޑަ ސާރާ ނިކަން ކުރާހިތްވާ ކަމެކެވެ. އެހެންކަމުން އެމީހުން ގެންގުޅޭ މީހާ ވަހީދާއާއެކު ކޮންމެ ދުވަހަކުވެސް އެބޯގަންވިލާ ގަސްދޮށަށް ގޮސް މާބިނދެއެވެ. އުމުރުން އެންމެ ތިންއަހަރުގައިވެސް ސާރާވަނީ އެބޯގަންވިލާއަށް ދޯޅުވެފައެވެ.

ބައެއް ފަހަރަށް މަންމަ ހުސްނާ އެކަމަށް އިންކާރު ކުރޭވެސްމެއެވެ. ނަމަވެސް އެމަންޖެ ރޮއިގަތުމުން ކޮންމެ ފަހަރަކުވެސް ހަތިޔާރު ބަހައްޓަންޖެހެނީ ހުސްނާއަށެވެ.

"ދަރިފުޅާ ކޮންމެ ދުވަހަކު އިރުއޮއްސޭގަޑީގައި ތުއްތުކުދިން ބޭރަށް ނުކުންނާކަށް ނުވާނެ." ހުސްނާ ކުޑަކުޑަ ސާރާ އުރާލިއެވެ. އެއިރުވެސް ސާރާ ރޮމުން އެދަނީ ބޯގަންވިލާ މަލަކާ ހެދިއެވެ. އެވަގުތު ބޭރުދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް ހުސްނާ ސިހުނެވެ. އޭނާއަށް އެނބުރި ބަލާލެވުނުއިރު ދޮރުމަތީގައި އެހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ އަތުގައި ބޯގަންވިލާ މާކޯޅިއެއް އޮތެވެ. އެކުއްޖާ ފާޑީވެސް ދިވެހި ކުއްޖަކާއެވެ. އެހެންވެ ހުސްނާ ވާހަކަ ދެއްކީ ދިވެހިބަހުންނެވެ.

"ކޮންކުއްޖެއްތިއީ؟" ހުސްނާހުރީ ހައިރާންވެފައެވެ. ސާރާ ތެޅިގަތީ އެދިމާއަށް ދިއުމަށެވެ.

"ސާރާގެ ރައްޓެއްސެއް.......މިއައީ ސާރާ ރޯނެކަން އެނގޭތީ މާ ހިފައިގެން." އެކުއްޖާ އައިސް ސާރާގެ އަތަށް މާކޯޅި ދިނުމަށްފަހު ނުކުންނަން ހިނގައިގެންފިއެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުސްނާ ހުއްޓެވެ.

"ދަރިފުޅާ ކާކު އެއީ؟" އޭނާ ދިއުމުން ހުސްނާ އެއްސެވެ.

"ބޭބެ....." ކުޑަކުޑަ ސާރާ ނިކަން މައުޞޫމް ގޮތަކަށް ބުންޏެވެ. ހުސްނާ ސާރާއާ ލޯބިކޮށްލަމުން ކޮޓަރިއަށް ވަނެވެ. އޭރު ވަހީދާވެސް ގެއަކު ނޫޅެއެވެ. އޭނާވީ ކޮންމެވެސް އެއްޗެއް ގަންނަން ބޭރަށް ނިކުމެއެވެ. އެދުވަހަށްފަހު ފާއިތުވާ ކޮންމެ ދުވަހަކާއެކު ކުޑަކުޑަ ސާރާގެ އުޅުމާއި ވައްޓަފާޅިއަށް ވެސް އައީ ބަދަލު އަންނަމުންނެވެ. ބައެއްފަހަރު އޭނަ އެކަނިހުރެ ވާހަކަ ދައްކާހެންވެސް ހީވެއެވެ. ހީނ ހަދާހެންވެސް ހީވެއެވެ. އެހެން ނަމަވެސް އެއީ މާބޮޑު މައްސަލައެއް ކަމަކަށް ހުސްނާ ނުދެކެއެވެ.

"ދައްތާ މިއަދުވެސް އަހަރެން ކޮޓަރިއަށް ވަންއިރު ނިދާހޭލިގޮތަށް ސާރާ އިނީ އެކަނި ކޮންމެވެސް އެއްޗެކޭ ކިޔާލަ ކިޔާލާ." ވަހީދާ ވާހަކަ ދެއްކީ ހުސްނާއާއެވެ. އެއީ ސާރާގެ އެހަރަކާތްތައް ވަހީދާއަށް ފެނުނު ތިންވަނަ ފަހަރެވެ.

"ކުޑަކުދިން އެހެންވެސް އުޅޭނެ. ރަނގަޅުވާނީ އެކަހަލަ ކަންތަކާ އަހަރެމެން ނުވިސްނިއްޔާ." އެއީ ހުސްނާއަށް ފެންނަގޮތެވެ. އެކަހަލަ ކަންތަކާ ވިސްނައި ފިކުރުކުރާކަށް އޭނާ ބޭނުމެއް ނުވާނެއެވެ.

"ވަހީދާ، މެރީނާ ބީޗްގައި މިއަދު ފިލްމެއް އެބަ ޝޫޓްކުރެޔޯ......ހިނގާ ބަލާލަންދަމާ." ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ހުސްނާ ވަހީދާ ގާތު ބުންޏެވެ.

"ތަމަޅަ ފިލްމެއް ވިއްޔާ........ވަރަށް ފޫހި......" ވަހީދާ ބުންޏެވެ.

"އަމީތާބުގެ ހިންދީ ފިލްމެއް....މިއަދު ނަގަނީވެސް އަމީތާބާއި ރޭކާގެ މަންޒަރެކޯ......މިއަދުވާނެ ކޮންމެހެންވެސް ދާން. ވަހީދާދޭ ސާރާ ނަލަހައްދާލަން." ފާޚާނާއަށް ވަންނަމުން ހުސްނާ ބުންޏެވެ. އަމީތާބޭ ބުނީމާ ލިބުނު އުފަލާއެކު ވަހީދާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކުޑަކުޑަ ސާރާ ދުވަމުން އައިސް ކޮޓަރިއަށް ވަނީ އެވަގުތުއެވެ.

"ކޮއްކޮ އާދޭ ރީތިވެލަން. މިއަދު މިއުޅެނީ ކޮއްކޮ ގޮވައިގެން ހިނގާލަންދާން." ވަހީދާ ސާރާ އުރާލައިގެން ގޮސް ޑްރެސިންގ ޓޭބަލް ކުރިމައްޗަށް ހުއްޓުނެވެ.

"މަންމިވެސް ދާނެދޯ؟" ސާރާ ވަހީދާގެ ކަރުގައި އެލިގަންނަމުން އެހިއެވެ. ވަހީދާ އާއެކޭ ބުނެފައި ސާރާގެ ހެދުން ބަދަލުކުރިއެވެ.

"ވަހީދާ ތުވާލި ދިއްކޮށްލަބަލަ." އެވަގުތު ހުސްނާގެ އަޑު އިވުނެވެ.

"އަންނާނަން ކޮއްކޮގެ މަންމަ އަތަށް ތުވާލިދީފައި." ކުޑަކުޑަ ސާރާ ގެންގޮސް ބެލްކަނީގައި ބޭންދުމަށްފަހު ތުވާލި ހިފައިގެން ހިނގައިގަތެވެ. ސާރާ ބެލްކަނިން ބޭރަށް (މަގުމައްޗަށް) ބަލަން ހުރެފައި އެތާނގައި ހުރި ގޮނޑިއަކަށް އެރިއެވެ. ގޮނޑިއަށް އެރުމަށްފަހު ސާރާ މަގުމައްޗާ ދިމާއަށް އަތް ހޫރާލިއެވެ. ހީވާ ކަހަލައެވެ. މަގުމަތީގައި ހުރެ ކޮންމެވެސް މީހަކު ސާރާއަށް ހަނާއެޅިއެވެ. ބައެއް ފަހަރު ސާރާ މަގުމަތީގައި ހުރި މީހަކާ ވާހަކަ ދައްކާހެންވެސް ހީވެއެވެ.

އިރުކޮޅެއް ވަންދެން ގޮނޑީގައި މަގުމައްޗާ ދިމާއަށް އަތް ހޫރާލަ ހުރާލާ ހުރުމަށްފަހު ސާރާ ބެލްކަންޏާ އެއްކޮށް ކަހަލަ ގޮތަކަށް ހުރި ފާރުބުރި މައްޗަށް އަރާ ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް އެމަންޖެގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ. ގައިމުވެސް މިހާރު ސާރާ އަރައި އެހުރީ އެއުމުރުގެ ކުއްޖަކު އަރާ ހުރުން ރައްކާތެރި ތަނެއްގައެވެ. ނޫނެވެ.

ހުސްނާގެ އަތަށް ތުވާލި ދީފައި ވަހީދާ ހިނގައިގަތްތަނާ ފޯނު ރަނގަބީލުވާ އަޑު އިވުމުން ފުރަތަމަ ވަހީދާ ދިޔައީ ފޯނު ނަގާށެވެ.

"ހަލޯ.....ވަހީދާ ކުޑަމަންޖެގެ އަތަށް ފޯނުވީބަލަ." ފޯނުކުރީ އިސްމާޢީލް މަނިކެވެ. އޭނާ ގުޅީ މާލެއިންނެވެ. ހުސްނާއާއި ސާރާ މެޑްރާސްގައި އުޅުނަސް އިސްމާއީލް މަނިކު އުޅެނީ މާލޭގައި ވިޔަފާރި ކުރާށެވެ. އޭނާ އިންޑިޔާއަށް ދަނީ ކޮންމެ ދެމަހުން އެއްމަހުއެވެ.

"އެބަ އަންނަން ސާރާ ގޮވައިގެން." ވަހީދާ އަތްގަނޑު އެއްފަރާތެއްގައި ބޭއްވުމަށްފަހު ހިނގައިގަތެވެ. އޭރު ހުސްނާވެސް ފެންވަރާ ނިމިގެން ކޮޓަރިތެރޭގައި ނަލަ ހެދެން ހުއްޓެވެ.

ވަހީދާ ސާރާ ބައިންދާފައި ދިޔައީ އެކޮޓްރިން ނުކުމެވޭގޮތަށް ހުރި ބެލްކަނީގައެވެ.

"ދައްތާ ކޮބާތަ ސާރާ؟" ކޮޓަރިއަށް ވަންނަމުން ބެލްކަނީގައި ސާރާ ފެންނަން ނެތުމުން ވަހީދާ އެއްސެވެ.

ނޭނގެ. ވަހީދާ ގާތުގައެއްނޫންތަ ހުރީ......" ފުނާ އަޅަންހުރެ ހުސްނާ ވާހަކަ ދެއްކިއެވެ.

"ތުވާލި ދޭން އަހަރެން ދިޔައީ ސާރާ ބެލްކަނީގައި ބައިންދާފަ. ސާރާ....ސާރާ....." ސާރާއަށް ގޮވަމުން ހުސްނާއާއި ވަހީދާ އެކުއެކީގައި ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ފުރަތަމަވެސް ހުސްނާއަށް ބަލައިލެވުނީ މަގުމައްޗަށެވެ. ހަމައެއާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުމާއެކު ރޮއިގަނެވުނެވެ.

"މަގޭ ދަރިފުޅު....މަގޭ ދަރިފުޅު...." އޭނާ ރޮމުން ތިރިއަށް ފައިބަން ދުއްވައިގެންފިއެވެ. ފަހަތުން ވަހީދާވެސް ރޮމުން ދުއްވައިގަތެވެ. އޭރު އެފްލެޓް ކުރިމައްޗަށް އަވަށްޓެރިންނާއި މަގުމަތިން ހިނގާބިނގާވާ މީހުންތައް ފުނިޖެހެމުން ދަނީއެވެ. ފުނިޖެހިފައިވާ މީހުންތަކުގެ ތެރޭގައި ސާރާ އޮތެވެ. އެއްވެސް ހަރަކާތެއް ނެތިފައެވެ. ހުސްނާ މީހުންތަކުގެ ތެރެއިން ތޮރުފެމުން ތޮރުފެމުން އައިސް ސާރާ ނެގިއެވެ.

ނަސީބު ދިމާކުރި ގޮތުން އެމީހުންގެ ކާރު އެތަނާ އަރާ ހަމަވީވެސް އެވަގުތުއެވެ. ހުސްނާ ރޮމުން ރޮމުން ގޮސް އެރީ ކާރަށެވެ.

"އަހަރެންގެ ދަރިފުޅު.....އަހަރެންގެ ދަރިފުޅުމަރުވީ....މަރުވީ......" ހުސްނާ ދާންވީ ވަކިތަނެއްވެސް ނުބުނެ ރޮއިރޮއިފައި ދަރިފުޅުގެ މޫނާއި ގައިގެ އެތަންމިތާނގައި އަތް ކާއްތަމުން ދިޔައެވެ.

"މެޑަމް ކޮން ހޮސްޕިޓަލަކަށްތޯ؟" ޑްރައިވަރު ކާރު ދުއްވާލަމުން އެހިއެވެ. އިނގިރޭސިބަހާއި ތަމަޅަ ބަސް މަސްހުރިކޮށްގެންނެވެ.

"ނެޝަނަލް ހޮސްޕިޓަލަށް.....ބާރަށް ދުއްވާ." ހުސްނާގެ އަޑުވެސް ނުކުންނަނީ ކިރިޔާއެވެ.

"ދަރިފުޅާ މަންމައާއި ދިމާއަށް ބަލައިލަބަލަ....." ހުސްނާ ސާރާގެ ނޭފަތުން ފައިބަމުންދިޔަ ލޭތައް ފޮހެން ފެށިއެވެ.

ކާރު ދުއްވާލުމާއެކު ވަހީދާ ރޮމުން ގޮސް ފްލެޓަށް އެރިއެވެ. އޭނާ ދުވެފައި ގޮސް ފޯނުގެ އަތްގަނޑު ނަގައިފިއެވެ. ނަމަވެސް ފޯނުއޮތީ ކެނޑިފައެވެ.

އެވަގުތު ސާރާއަށް ކުރީދުވަހު ބޯގަންވިލާ ގެނެސްދިން ފިރިހެން ކުއްޖާ އައިސް އެތަނަށް ހުއްޓިއްޖެއެވެ. އެއިރުވެސް އޭނާގެ އަތުގައި ބޯގަންވިލާ މާކޯޅިއެއް އޮތެވެ.

"ސާރާ އޮތީ ހޮސްޕިޓަލުގައިދޯ؟ މިމާކޯޅި ސާރާ ހޭއެރި އިރަކުން ދޭތި....." މާކޯޅި ވަހީދާގެ އަތަށް ދިނުމަށްފަހު އެފިރިހެންކުއްޖާ ހިނގައިގަތެވެ. ފޯނު ރިންގްވާން ފެށީ އޭނާ އެތަނުން ނުކުތްތަނާހެނެވެ. ވަހީދާ ފޯނު ނެގިއެވެ. އިސްމާޢީލް މަނިކު އަނެއްކާވެސް ގުޅިއެވެ. ވަހީދާ ރޮއިރޮއިފައި ކަންތައްވީގޮތް އިސްމާޢީލް މަނިކަށް ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު އިސްމާޢީލް މަނިކު އިންޑިޔާއަށް އައެވެ. ނެޝަނަލް ހޮސްޕިޓަލުން ސާރާއަށް ފަރުވާދިން ޑޮކްޓަރުންގެ ލަފާގެ މަތިން ޗާޓަރު ފްލައިޓެއްގައި ބޮމްބޭއިން އެކަށީގެންވާ ޑޮކްޓަރަކުވެސް އެދުވަހު ގެނެވުނެވެ. އޭރުވެސް ސާރާ ހެއެއް ނާރައެވެ. ފުދުންތެރި ބަޔަކަށް މެނުވީ ނުކުރެވޭފަދަ ކިތަންމެ ޚަރަދުތަކެއް ހިނގަމުންދިޔައެވެ. ކިތަންމެ ބޮޑު ހޭދައެއް ކޮށްގެންވެސް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އިސްމާޢީލް މަނިކާއި ހުސްނާ ތިބީ ބޭނުންވެފައެވެ.

"ދެން މާގިނައިރުތަކެއްނުވެ ހޭއަރާނެ. ހޭ އަރާއިރަށް ވީކިހިނެއްހޭ އަހާތި." ބޮމްބޭއިން ގެނައި ޚާއްޞަ ޑޮކްޓަރު އަރުޖުން އިންޖެކްޝަނެއް ސާރާގެ ގަޔަށް ޖެހުމަށްފަހު ބުންޏެވެ. ހުސްނާއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނީ ދެނެވެ. އެހެން ނަމަވެސް އަދިވެސް އޭނާގެ ލޮލުން ކަރުނަ ހުހެއް ނުވެއެވެ. އިސްމާޢީލް މަނިކު ހިތްވަރުދޭއިރުވެސްމެއެވެ.

"ހިތްވަރުކުރޭ ހުސްނާ މާތްރަސްކަލާނގެ އިރާދަފުޅުން އިސާހިތަކު އެމަންޖެ ހޭއަރާފާނެ." އިސްމާޢީލް މަނިކު ހުސްނާގެ ބުރަކަށީގައި އަތް ކާއްތާލިއެވެ.

"އިސްމާޢީލް ތިޔަހެން ތިބުނަނީ އެމަންޖެއަށް ވެފައި އޮތްގޮތް ނުފެންނާތީވެތަ؟ ނިކަން އެމަންޖެގެ މޫނުމައްޗަށް ބަލައިލަބަލަ." ހުސްނާއަށް އިސްމާޢީލް މަނިކުގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ޙަޤީޤަތުގައި ސާރާ އޮތް ހާލު ފެނިފައި އިސްމާޢީލް މަނިކަށްވެސް ހިތްވަރު ކުރެވެނީ ކިރިޔާއެވެ.

"މަންމާ.....ބައްޕާ......" ކުއްލިއަކަށް ސާރާގެ އަޑު އިވުމުން ހުސްނާއާއި އިސްމާޢީލް މަނިކާއި ދެމީހުންވެސް ސިހުނެވެ. ދެމީހުނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ސާރާ އޮތް އެނދާ ދިމާއަށް އެނބުރިލެވުނެވެ.

"ދަރިފުޅާ ދަރިފުޅަށް ކިހިނެއްތަވީ؟ ކިހިނެއްތަ ވެއްޓުނީ؟" ސާރާއާއި ޑޮކްޓަރު ބުނިގޮތަށް ސުވާލުކުރީ އިސްމާޢީލް މަނިކެވެ.

"ވަހީދައްތަ ކޮއްކޮ އެކަނި ބަހައްޓާފައި ދިޔައީމަ ކޮއްކޮ ވެއްޓުނީ....ވެއްޓުނީމާ ބައްޕަ ކޮއްކޮ ނިންދަވާލީ......މަންމާ ހިނގާ ގެއަށްދާން....." ކުޑަކުޑަ ސާރާ ބުންޏެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 33 އިން 36 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން