ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ހަރުކަށި ވިސްނުމުގެ ފިކުރަށް ތާއީދުކުރާ ސަރުކާރެއްކަމަށް ގަބޫލުފުޅު ނުކުރައްވާކަން ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ހާމަކުރައްވައިފިއެވެ.

ރައީސް މައުމޫން މިކަން ހާމަކުރައްވާފައި މިވަނީ، ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުން ރާއްޖޭގައި ގޮތް ނޭނގޭ އަނދިރި ދައުލަތެއް އޮވެއެވެ. އަދި އެމީހުންގެ މަގްސަދަކީ ރާއްޖެ އަފްގާނިސްތާން ފަދަ ހަނގުރާމަ ހިނގާ ގައުމަކަށް ބަދަލުކުރުންކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ގައުމެއްގައިވެސް ހަރުކަށި ވިސްނުމުގެ މީހުން އުޅޭނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅުވާފައި ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ ގައުމެކޭ ނުވަތަ، މިސަރުކާރަކީ އެފަދަ ފަރާތްތަކަށް ތާއީދުކުރާ ސަރުކާރެކޭ ވިދާޅުނުވެވޭނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި މިފަހަރުގެ އީދުގެ ހަރަކާތްތަކުގެ ތެރެއިންވެސް ރާއްޖެއަކީ އާދަކާދައާއި ސަގާފަތަށް ލޯބިކުރާ ބައެއްކަން ހާމަވެގެން ގޮސްފައިވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާގެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ރައީސް މައުމޫން ވަނީ އެކަމަނާގެ ވާހަކަތަކަށް ތާއީދުކުރައްވާފައެވެ. އަދި ރޮޒައިނާ އެވިދާޅުވީ ވަރަށް ފުރިހަމަ ވާހަކަތަކެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



ރާއްޖޭގައި ހަރުކަށި ވިސްނުމުގެ ފިކުރު އޮންނަކަމަށް ވިދާޅުވެ، ރައީސް ނަޝީދު ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންދާއިރު، އެކަމުގެ ސަބަބުން ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންވާނޭކަމަަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މިއީ އަބަދުވެސް ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރުމުގައި ރައީސް ނަޝީދު ގެންގުޅުއްވާ އުކުޅެއް ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން