ޑރ.ފައުޗީ
ޑރ.ފައުޗީ
ކޮރޯނާވައިރަހަށް ފަރުވާ ދެވޭނެކަން ޔަގީންކުރުމަށް 8 ވެކްސިނެއްގެ ކްލިނިކަލް ތަހުލީލުތައް ކުރަމުންދާކަމަށާއި މީގެތެރެއިން ބައެއް ވެކްސިން މިއަހަރު ނިމުމުގެ ކުރިން ލިބެން ހުންނާނެކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑިރެކްޓަރު އަދި ވައިޓްހައުސްގެ ކޮރޯނާވައިރަސް ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ސެނެޓުގައި އިއްޔެ ވާހަކަދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ ބޭސް އުފެއްދުމުގެ މަސައްކަތް ކުރާ ގިނަ ފަރާތްތަކަކާއެކު ވެކްސިން ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޑރ. ފައުޗީ މީގެކުރިން ވިދާޅުވެފައިވަނީ ވެކްސިނެއް ތައްޔާރުވާނެކަމަށް ލަފާކުރެވެނީ މީގެ 18 މަސްދުވަސް ފަހުންކަމުގައެވެ. ނަމަވެސް އިއްޔެ ޑރ. ފައުޗީ ވިދާޅުވީ އެ ޕްރޮޖެކްޝަންތައް ރަނގަޅު ނޫންކަމަށާއި، އެއަށްވުރެ އަވަހަށް ވެކްސިނެއް ތައްޔާރުވާނެކަމަށެވެ.

ވެކްސިން ތަހުލީލު ކުރަމުން އަންނަ 8 ޓްރަޔަލް ކާމިޔާބު ވާނެކަމަށް ގަބޫލުނުކުރައްވާކަން ފާހަގަކުރައްވާ ޑރ. ފައުޗީ ވިދާޅުވީ އެއް ވެކްސިނަށްވުރެ ގިނަ ވެކްސިން ކާމިޔާބު ވެއްޖެނަމަ، އެންމެންނަށްވެސް ވެކްސިން ލިބުމުގެ ފުރުސަތު އިތުރުވާނެކަމަށެވެ.

އެގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެކްސިން ތައްޔާރުކުރުން އަވަސްކޮށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެމެރިކާގެ 300 މިލިއަން މީހުންނަށް ވެކްސިން ލިބޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. އަދި އެމެރިކާއިން މި ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ވާރޕް ސްޕީޑް" އެވެ.

ޑރ. ފައުޗީ ވިދާޅުވީ ވެކްސިނުން ރައްކާތެރިކަން ލިބޭނެތޯ ނުވަތަ ނޫންތޯ ވެސް އެނގުމުގެ މާކުރިން ވެކްސިންގެ ރަނގަޅު ޑޯޒްތައް ކަނޑައެޅުމަށް ބުރަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. ނަމަވެސް، ވެކްސިންގެ ސަބަބުން ބަލި ބޮޑުވެ ގޯސް އަސަރެއް ކޮށްފާނެކަން ގަބޫލުކުރަން ޖެހޭކަމަށް ވިދާޅުވެ ޑރ. ފައުޗީވަނީ ނުރައްކާތެރި އިންޒާރެއްވެސް ދެއްވާފައެވެ. އަދި އެއްވެސް އާންމު ރައްޔިތަކަށް ރައްކާތެރިނޫން ވެކްސިންގެ ޑޯޒެއް ނުދޭނެކަމުގެ ޔަގީންކަން ޑރ. ފައުޗީވަނީ ދެއްވާފައެވެ.

ވެކްސިން އުފެއްދުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ފާމަސިއުޓިކަލް ކުންފުނިތަކުގެ އިތުރުން، އެމެރިކާގެ ދިފާއީ ވުޒާރާތަކާއި، ހެލްތް އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) އާއި، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން