ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން އިސްނަގައިގެން ފަށާ "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސް ސާލިޙު "ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި ގަލޮޅު ދަނޑުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އެމަނިކުފާނު ވަނީ އަތްޕުޅު ބީއްސަވާލައްވާފައެވެ.

ރައީސް މިރޭ އިފްތިތާޙް ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިން އަދި ޕީއާރގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާލާފައެވެ. މީގެ އިތުރުން، ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި "އަހަރެމެންގެ ފަހަރު" ނަމުގައި ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ. ފޮތް ތައާރަފްކޮށް މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީލިޔުން ހަވާލުކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1އިން ފެށިގެން އެމަހުގެ 16ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ދިވެހިރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން