-
-
މި ދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން އިން ފެނުނު އައު ކޮރޯނާވައިރަހާއި ހަނގުރާމަކުރުމަށް އެ ވައިރަހާއި ބެހޭ އިތުރު މައުލޫމާތު ދެނެގަތުމަށް ސައިންސްވެރިން އެތައް ދިރާސާތަކެއް ކުރަމުންދާއިރު، ބައްޔާއި އޭގެ ފަރުވާއާއި ބެހޭގޮތުން ފަހުގެ ދިރާސާތަކުން ހާމަވެފައިވާ ބައެއް ކަންކަން މިލިއުމުގައި ފާހަގަކޮށްލާނަމެވެ.

ކޯވިޑް-19 ޖެހޭ ފިރިހެންނުންނަށް ކުރާ އަސަރު ބަލިޖެހޭ އަންހެނުންނަށްވުރެ ބޮޑުކަން މީގެކުރިން ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޔޫރަޕުގެ 11 ގައުމެއް ހިމެނޭގޮތަށް ހަދާފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ސެލްތަކަށް ބަލިޖައްސައިދިނުމަށް އެހީތެރިވެދޭ އެންޒައިމެއް، ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ މިންވަރު އަންހެނުންގެ ހަށިގަނޑަށްވުރެ ގިނައެވެ.

ޔޫރަޕިއަން ހާޓް ޖާނަލްގައި ނިމިދިޔަ ހަފްތާގައި ޝާއިއުކުރި މި ދިރާސާގައި ބުނެފައިވަނީ "އެންޖިއޯޓެންސިން-ކޮންވާޓިން އެންޒައިމް 2" ނުވަތަ "އޭސް2" ފިރިހެނުންގެ ލޭގައި ގިނަވުމުގެ މާނައަކީ އެމީހުންގެ ހަށިގަނޑުގެ ގުނަވަންތަކުގައި ސެލްތަކުގެ އެތެރެއަށް ވަނުމަށް ވައިރަސް ބޭނުންކުރާ "އޭސް2 ރިސެޕްޓާސް" ވެސް ގިނަ ވާނެ ކަމެވެ. މި ދިރާސާ ހަދާފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ނުވިނަމަވެސް، ހިތުގެ ބަލިހުންނަ 2000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ހިމަނައިގެންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އާންމުކޮށް ލޭގެ ޕްރެޝަރު މައްޗަށް ދިޔުން ކުޑަކުރުމަށް ބޭސް ބޭނުންކުރާ މީހުންކަމަށްވާއިރު، މި ބޭހުގެ ސަބަބުން އޭސް2 އެންޒައިމްގެ އަސަރު ހަށިގަނޑުގައި ކުޑަކޮށްދެއެވެ. މިފަދަ ބޭސްތަކަށް އާންމުގޮތެއްގައި "އޭސް2 އިންހިބިޓަރސް" ގެ ނަމުންވެސް ނަން ކިޔައެވެ. އެގޮތުން، މި ބޭހުގެ ސަބަބުން ކޮރޯނާވައިރަސް ޖެހުމުން ހާލު ބޮޑުވުމުގެ ފުރުސަތު އިތުރުނުވާކަން ވަނީ ޔަގީންވެފައެވެ.

ހޮންގްކޮންގްގެ 6 ހޮސްޕިޓަލެއްގައި ބަލީގެ ހާލަތު މެދުމިނުގައި ތިބި ބަޔަކު ހިމަނައިގެން ހެދި ކުޑަ ތަހުލީލަކުން ހާމަވި ގޮތުގައި، "އިންޓަރފިރޯން" ބޭނުންކުރުމުން ވަރަށް ފުރިހަމައަށް ކޮރޯނާވައިރަހަށް ފަރުވާދެވެއެވެ. އެގޮތުން، އެންޓި ވައިރަލް ބޭސްތައް ކަމަށްވާ "ލޮޕިނާވިރް"، އާއި "ރިޓޮނާވިރް" އަދި "ރިބަވިރިން"ގެ އިތުރުން އިންޓަރފިރޯން-ބީޓާ ބަލިމީހާއަށް ދީފިނަމަ ބަލީގެ އަލާމާތްތައް ކުޑަވެ، އެމީހާގެ ފަރާތުން ބަލިފެތުރުން ނުވަތަ "ކޮންޓޭޖަން" ގެ ފުރުސަތު ކުޑަކޮށްދެއެވެ. މީގެއިތުރުން އިންޓަރފިރޯން ބޭނުންކުރުމުން ބަލިމީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި އަށްވުރެ ގިނަ މީހުން 7 ދުވަސްތެރޭގައި ބައްޔަށް ނެގެޓިވް ވެފައިވާއިރު، އިންޓަރފިރޯން ނުދޭ މީހުން ނެގެޓިވްވާން 12 ދުވަސް ނަގާފައިވެއެވެ.

މެޑްއާރްވިކްސްގައި ޝާއިއުކޮށްފައިވާ އަދި ޕިއަރ ރިވިއުނުކުރާ އިނގިރޭސިވިލާތުގެ ދިރާސާއަކުން ބުނެފައިވާ ގޮތުގައި މާބަނޑު މީހަކަށްވެސް ބަލިޖެހޭ އެހެން މީހަކަށްވެސް ބަލީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގައި ވަކި ތަފާތެއް ނުހުރެއެވެ. އަދި ބަލީގެ ނޭދެވޭ އަސަރުކުރާ ގިނަ މާބަނޑު މީހުންނަކީ މާބަނޑު ދުވަސްވަރުގެ ފަހު މަސްތައް ގުނަމުންދާ މީހުންނެވެ. އެގޮތުން، ބަލިޖެހުނު މާބަނޑު މީހުންގެ ތެރެއިން ބަލީގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހިފައވަނީ 0.5 އިންސައްތައަށް ވުރެ މަދުމީހުންކަމަށާއި، ހާލުބޮޑުވެ އައިސީޔޫގައި ފަރުވާ ދޭންޖެހުނީ އޭގެ ތެރެއިން 10 އިންސައްތައަށްވުރެވެސް މަދު ބަޔަކަށްކަމަށް އެ ދިރާސާގައި ވެއެވެ. އޭގެ އިތުރުން އެޑްމިޓްކުރެވުނު ހުރިހާ މާބަނޑު މީހުންނަކީ ބަނޑަށް 6 މަސްވެފައިވާ މީހުންކަންވެސް މި ދިރާސާގައި ފާހަގަކޮށްފައިއެވެ.

އެހެންނަމަވެސް، ސްވީޑްންއިން ހެދި ދިރާސާއިން ބުނެފައިވަނީ މާބަނޑު މީހުންނަށް ކޯވިޑް-19ގެ ސަބަބުން ބިރުވެރިކަން ބޮޑުވާކަމަށެވެ. އެކްޓާ އޮބްސްޓްރެޓީޝިއާ އެޓް ގައިނެކޮލޮޖިކާ ސްކޭންޑިނޭވިޗާ ނަމަކަށްކިޔާ ސިއްހީ ޖާނަލެއްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނީ ބަލިޖެހޭ އެއް އުމުރު ފުރާގެ މާބަނޑު އަންހެނުންނާއި މާބަނޑުނޫން އަންހެނުން އަޅާ ކީއިރު، މާބަނޑު މީހުން އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭންޖެހުނު މިންވަރު މާބަނޑުނޫން ބަލިމީހުންނަށްވުރެ ފަސްގުނަ އިތުރުކަމަށާއި، ވެންޓިލޭޓަރަށް ގުޅަން ޖެހުނު މާބަނޑުމީހުންގެ އަދަދު ހަތަރު ގުނަ އިތުރުކަމަށެވެ. އެގޮތުން، ކޯވިޑް-19ގެ ސަބަބުން މާބަނޑު މީހުންނަށް އޮތް "ރިސްކް" އޮޅުވާ ނުލުމަށް ދިރާސާވެރިންވަނީ ބުނެފައެވެ. އަދި މާބަނޑު ދުވަސްވަރު ކޯވިޑް-19 އިން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އަންހެނުންނަށް ގޮވާލާފައިވެއެވެ.

ދުނިޔޭގެ 4.57 މިލިއަން މީހުންނަށް ޖެހިފައިވާ ކޯވިޑް-19 ގައި 305،243 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ނަރު

18-May-2020

ތިގެންނައެހީ އަޅަނީ ވަޅައް ކަމެއް ކަނޑަށް ކަމެއް ދެނަހުރި މީހަކު މިޤައުމުގަ އެބަހުރިބަ؟


14

ރައްޔަތު އަހުމެދު

16-May-2020

އުއްމީދީވާހަކަ އެއް



ޓްރެންޑިން