މަރކްއިން އުފެއްދި ބޭހުގެ ފޮޓޯ
މަރކްއިން އުފެއްދި ބޭހުގެ ފޮޓޯ
ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާގެ ބޭސްއުފައްދާ ކުންފުންޏެއްކަމަށްވާ މާރކުން އުފެއްދި ބޭސް އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ހުށައަޅައިފި އެވެ.



އެމެރިކާގެ މާރކް ކުންފުނިން އުފެއްދި "މޮލްނުޕިރަވިރް" ނަމަކަށްކިޔާ މިބޭސް ބޭނުން ކުރުމުގެ ހުއްދައަށް އެދި ޔޫއެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އަށް މިހާރު ވަނީ ހުށަހަޅާފައެވެ. ހުއްދައަށް އެދި ހުށަހެޅުމަށްފަހު މާރކުން ބުނީ މި ބޭހުގެ ތަހުލީލުތަކުން ވަރަށް ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ކަމަށެވެ. އެގޮތުން ބަލި ޖެހުމާއެކު މި ބޭސް ބޭނުން ކުރުމުން ކޮވިޑް-19 ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ މިންވަރު 50 އިންސައްތައަށް ދަށްކޮށްދޭނެ ކަމަށް ނަތީޖާތަކުން ހާމަވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން މި ބޭސް ވެގެންދާނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރެވޭ ރަނގަޅު ހަތިޔާރަކަށް ކަމަށް މަރކްއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވެއެވެ.

މަރކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ރޮބަރޓް ޑޭވިސް، މިކަމާ ގުޅިގެން ވިދާޅުވީ ކޮވިޑް-19 އަކީ އާދަޔާޚިލާފު ބާރުމިނެެއްގައި ފެތުރެމުން އަންނަ ތަފާތު އެކި ވޭރިއަންޓްތައް އެކުލެވޭ ބައްޔެއްކަމުން، މިކަމަށް ވީހާވެސް އަވަހަށް ފަރުވާއެއް ހޯދުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން އެކުންފުނިން އުފެއްދި މިބޭސް މިހާރުވެސް އިތުރަށް ތަހުލީލު ކުރަމުން ގެންދާ ކަމަށްވެސް ޑޭވިސް ވިދާޅުވެފައި ވެއެވެ.

މަރކް ކުންފުނިން ތައްޔާރުކޮށްފައިވާ މި ބޭހަކީ ކޮވިޑް-19 ޖެހިފައި ހުންނަ މީހާ އެބޭސް ބޭނުން ކުރުމުން ބަލީގެ އަލާމާތްތައް ކުޑަކޮށްދީ، ކޮވިޑް-19ގެ ބަލިމަޑުކަމުން ހަށިގަނޑު ދިފާއުކޮށްދިނުމުގެ އިތުރުން ބަލިން ވަރަށް އަވަހަށް ރަނގަޅުކޮށްދޭ ބޭހެކެވެ. އެގޮތުން ބޭސް ބޭނުންކުރާތާ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ބަލިން ރަނގަޅުވާ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް މި ބޭސް ބޭނުންކުރުން އެންމެ ރަނގަޅީ ބޭސްފަރުވާގެ ޚިދުމަތްތައް ފަސޭހައިން ލިބެން ނެތް ގައުމުތަކާއި ބޭސްފަރުވާ ކުރެވޭނެ މާލީހާލަތު ނެތް މީހުންނަކަމަށް މާރކުން ބުނެފައި ވެއެވެ.

މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ބަލިން ދިފާއުވުމަށް ވެކްސިން ޖެހުންކަމަށާއި، ސަބަބަކީ ވެކްސިން ޖެހުމުން އިންފެކްޓްވުމުގެ ފުރުސަތު ކުޑަވެގެންދާތީ ކަމަށް މާރކުން ބުނެފައި ވެއެވެ.

މާރކުން ބުނީ އެފްޑީއޭއިން މި ބޭސް ބޭނުން ކުރުމަށް ހުއްދަ ލިބުމުން އެކި ގައުމުތަކަށް މި ބޭސް ފޯރުކޮށްދޭނެ ކަމަށާއި، މާލީގޮތުން ދަތި ގައުމުތަކަށް އިސްކަންދޭނެކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ. އެފަދަ ގައުމުތަކަށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ އިންޑިއާ މެދުވެރިކޮށް މި ބޭސް އުފައްދައިގެން ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މާރކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން