ޞާދިރު ޢަލީދީދީ   17 މޭ 2020 - 22:18
އާޚިރަތް ވާނޭކަމުގެ ޢަޤީދާ
އާޚިރަތް ވާނޭކަމުގެ ޢަޤީދާ
އާޚިރަތް ވާނޭކަމުގެ ޢަޤީދާއަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެން ނުވާނެ ފަދައިން އިސްލާމްދީނުގެ އަސާސީ ޢަޤީދާތަކުގެ ތެރެއިން އެއް ޢަޤީދާއެވެ. އެމައްޗަށް އީމާން ނުވެ އެއްވެސް މީހަކު މުސްލިމަކަށް ނުވާނެކަން ކަށަވަރެވެ. އަދި ކާމިޔާބާއި ދިންނެވުމުގެ މަގުވެސް ނުލިބޭނެކަން ޔަޤީނެވެ. ކީރިތި ޤުރްޢާނުގައި އާޚިރަތާބެހޭ ގޮތުން ފަހަރު ފަހަރުމަތިން ޛިކްރު އައިސްފައިވެއެވެ. އަދި އެމައްޗަށް އީމާންވުމަށް ބާރުއަޅުއްވާފައިވެއެވެ.

އާޚިރަތުގެ ފުރަތަމަ މަންޒިލަކީ ކަށްވަޅެވެ. އަދި ޤިޔާމަތަކީ އާޚިރަތުގެ އަބަދީ، ފަހު މަންޒިލެވެ. ޤުރްޢާނުގައި އާޚިރަތުގެ ފަހު މަންޒިލާ ބެހޭގޮތުން ތަފާތުމޭރުންތަކުން ވަކި ޚާއްޞަގޮތެއްގައި ވަނީ އެކި ގޮތްގޮތަށް ބަޔާން ކުރެވިފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް ޤިޔާމަތް ސޫރަތާއި އަދިވެސް ވަރަށް ގިނަ ތަންތާނގާއި ޤިޔާމަތުގެ ތަފާތު ނަންތަކާއި ސިފަތައް ބަޔާންވެގެންވެއެވެ. އެބަޔާންތަކުން އެދުވަހުގެ ބޮޑުކަމާއި ހައިބަތްތެރިކަމުގެ މިންވަރު އަންދާޒާކޮށްލެވެއެވެ.

އިސްލާމީ ނަޒަރަކުން ޤިޔާމަތް ދުވަހުގެ މައްޗަށް ބަލާއިރު،އޭގެ މާނަ ކުރުގޮތަކަށް ބުނެލެވެން އަންނަނީ މިގޮތަށެވެ. ކާއިނާތުގެ ހުރިހާ ނިޒާމެއް ވިއްސިވިހާލިވެގޮސް، ކޮންމެވެސް ދުވަހެއްގައި ކާއިނާތުގެ ހުރިހާ އެއްޗެއް މަލަކުލް މައުތާއި އެކީގައި ފަނާވެ ނެތި ހިނގައިދާނެއެވެ. ދެން އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހާ އެއްޗެއް އަލުން ދެވަނަ ފަހަރަށް އުފައްދަވާނެއެވެ. އަދި ހުރިހާއެއްޗެއް މަޙްޝަރުގެ މައިދާނަށް ޖަވާބަށްޓަކައި ޖަމަޢުކޮށް ދެއްވާނެއެވެ. ހިސާބަށްފަހު، ހުރިހާ އެއްޗަކާއިމެދުވެސް ނިޔާ ކަނޑައެޅުއްވޭނެއެވެ. އަދި އެނިޔާއަކާއި އެއްގޮތަށް ސުވަރުގެއާއި ނަރަކައިގެ އަބަދީ ޙަޔާތް ފެށިގެން ކުރިއަށްދާނެއެވެ.

ޤިޔާމަތުގެ މައްޗަށް އަލިއަޅުވާލާ އިތުރު އެއްޗެއް ބުނުމުގެކުރިން އެދެވިގެންވަނީ ޤިޔާމަތްވުމާއި ޤިޔާމަތްވާ ދުވަހާއިބެހޭގޮތުން ޤުރްޢާނުގައި ދެވިފައިވާ ނަންތަކާއި، ސިފަތަށް ހިސާބަކަށް ނަމަވެސް މިތާގައި ބަޔާންކޮށްލުމެވެ. (އިންތިޒާރުކޮށްލަވާށެވެ.)

* މިލިޔުމަކީ ރިސާލާ ބުކްޝޮޕުން ނެރެމުން އަންނަ ދީނީ ސިލްސިލާ "ތަރިކަ" ފޮތްތަކުގެ ތެރެއިން، ޝެއިޚް އިދްރީސް ހުސައިން ލިޔުއްވާފައި ނެރުއްވި ފޮތް "ޤިޔާމަތް ކައިރިވެއްޖެ" އިން ނަކަލުކޮށް ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން