image ގައްދޫ ރަޝީދު   22 ނޮވެމްބަރު 2021 - 17:33
15 ވަނަ ބައި

................

ިޝޯރު އޮފީހުން ނުކުތީ ހަމަ ދެންނެމައަކުއެވެ. އޭނާ ކާރުގައި ތަންކޮޅަކަށް ހިނގައްޖެއެވެ. ކުއްލިއަކަށް ޕްރަބާ ކުރިމަތިން ފެނިއްޖެއެވެ. އެނާ އަތުގެ އިޝާރާތުން ކާރު މަޑުކުރުވައިފިއެވެ. ކިޝޯރު މަގުގެ އެއްފަރާތަށް ކާރު ގެންގޮސްފިއެވެ. އެއާއެކު ޕްރަބާ މަގު ހުރަސްކޮށް އައިސް ކާރުގެ ދޮރު ހުޅުވާލާފައި ކުރީ ސީޓްގައި އިށީނދެއްޖެއެވެ. އެއަށްފަހު ކިޝޯރު ބުންޏެވެ.

"ކަލޭ މިހިސާބުގައި ކީއްކުރަނީ ހެއްޔެވެ؟"

"އަޅުގަނޑު ރައްޓެހި ކުއްޖަކާ ބައްދަލު ކޮށްލަން އައިސް އުޅެނީއެވެ."

"މި ދިމާވީ ރަނގަޅަށެވެ. އަހަރެންވެސް މިދަނީ ތިޔަގެއަށެވެ."

"އަދަކީ މަހުގެ އެކެއް ކަމުގައިވާތީ ދުރުވަނީތޯއެވެ."

"އާއެކެވެ..... މިއަދު ތިރްލޯކްގެ މުސާރަ ރޫޕާއަށް ގެންގޮސް ދޭން ޖެހޭނެއެވެ."

"އެކަމަކު އަޅުގަނޑުދާނީ ފުރަތަމަ ޖުހޫއަށެވެ."

"ކީއްކުރަން ހެއްޔެވެ؟"

"ރައްޓެހި ކުއްޖަކާ ބައްދަލު ކޮށްލަންވެފާ އޮތީމައެވެ...... އެކަމަކު ކިޝޯރު ގެންގޮސް ދެއްވައި ފިއްޔާއެވެ."

"ނުދާންވީ ކީއްވެގެން ހެއްޔެވެ. ގެއަށް ވަދެލާފައި އަތްފައިވެސް ދޮވެވިދާނެއެވެ."

"ޖުހޫގެ އަތިރިމަތީގަ ކިޝޯރުގެ އަމިއްލަ ގެވެސް ހުރޭނޫންތޯއެވެ. ހަވީރު އިރުއޮއްސޭއިރު ވަރަށް އަރާމު ވާނެއެވެ."

"ކުރިން ވަރަށް އަރާމެވެ. އެކަމަކު ސަރްލާ މަރުވިފަހުން އަތިރިމަތީގެ މަންޒަރުތައް ދެކެން ފޫހިވެސް ވެއެވެ. ސަރްލާ ދުނިޔޭގައި ހުރިއިރު އަހަރެމެން ދެމީހުން ކޮންމެ ރެއަކުވެސް އެތައް އިރަކު ބުރުޖަހަމެވެ." ކިޝޯރުގެ އަޑުގައި ރިހުމެއް އެކުލެވިފައިވެއެވެ.

"ކިޝޯރު ޙަޤީޤަތުގައިވެސް ސަރްލާދެކެ އެހާވަރަށް ލޯބި ވެލައްވަމުތޯއެވެ."

"ތިޔަ ސުވާލު ކުރީ ކީއްވެގެން ހެއްޔެވެ؟"

"އެއީ އެއްގޮތަކަށްވެސް ސަރުލާގެ ވާހަކަ ނުހުއްޓޭތީއެވެ."

ކިޝޯރު ހިނި ހިނިތުންވުމަކާއެކު ބުންޏެވެ.

"ޒަޚަމްތައް އަލުން ރޯކުރަން ނަހަދާށެވެ."

"މިހާރު ކަލާގެ ޢުމުރަކީ ކޮބައިތޯއެވެ؟"

"ގާތްގަނޑަކަށް ތިރީސް އަހަރެވެ."

"މީހެއްގެ އާދައިގެ ޢުމުރަކީ ހަތްދިހަ ނުވަތަ ހަތްދިހަ ފަސްއަހަރެވެ. ޢުމުރުން ބާކީ އޮތް ދުވަސްކޮޅު ހޭދަކޮށްލާނީ ހަމަ ސަރްލާގެ ހަނދާނުގައިތޯއެވެ؟"

ކިޝޯރު ސިހިފައި ޕްރަބާއާ ދިމާއަށް ބަލާލިއެވެ. ދެން ބުންޏެވެ.

"މިއަދު ތިޔަދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟"

"ބައެއް ފަހަރު ޙަޔާތުގެ ތެދު ޙަޤީޤަތް ބަޔާންކުރުމުގައި ހިތަށް ފިނިކަން ލިބެއެވެ."

"ކޮން ޙަޤީޤަތެއް ހެއްޔެވެ؟"

"އަޅުގަނޑަކީ ހުވަފަތް އަންހެނެއްކަން ދެނެ ނުލައްވަމުތޯއެވެ؟"

"އެނގެއެވެ."

"އަދިފިރިމީހާ ދެކެ އަޅުގަނޑު އިންތިހާއަށް ލޯބިވާކަންވެސް އެނގިލައްވާނެ ކަންނޭނގެއެވެ."

"ތިޔަކަންވެސް އެނގެއެވެ."

"މިހާރުވެސް ފިރިމީހާ ދެކެ އެހާވަރަށް ހިތުގައި ލޯބި އުފެދިފައިވާ ކަމަށް އަޅުގަނޑު ހުވާކޮށްފާނަމެވެ. އެކަމަކު ހަމައެކަނި އޭނާގެ ހަނދާނެވެ. އޭނާގެ ލޯތްބެވެ. ފިރިއަކު ފުރިހަމަކޮށްދޭ ކިތަންމެ ކަމެއް ހަޔާތުގައި ދިމާވާނެއެވެ."

ކިޝޯރު ޙައިރާންވެފާ ބަލާލިއެވެ. އޭނާ އަނެއްކާވެސް ބުންޏެވެ.

"އަދި ޢާއިލާއިން ހުއްދަދީފިއްޔާ އަޅުގަނޑު ދެވަނަ ކާވެންޏެއްވެސް ކޮށްފާނަމެވެ. މިހެން ބުނާކަށް އަޅުގަނޑު ޖެހިލުމެއްވެސް ނުވެއެވެ."

ކިޝޯރު މަޑުމަޑުން ކާރު މަޑުކޮށްފިއެވެ. މިއީ ޖުހޫގެ ބީޗްގައިވާ ކުޑަ ގޯޅިއެކެވެ. އަތިރިމަތިން ލާފައި އެމީހުން ތަންގަނޑަކަށް ހިނގައިފިއެވެ. ދެން ކިޝޯރު ސުވާލުކުރިއެވެ.

"ކަލޭގެ ރައްޓެހި އަންހެން ކުއްޖާ ހުންނަނީ ކޮންތާކު ހެއްޔެވެ."

"ހޮޓެލް ސީވިއު ކައިރީގައެވެ. އެކަމަކު މިހާރަކު ނޫނެވެ.

"ދެން ކޮންއިރަކުން ހެއްޔެވެ."

ޕްރަބާ އަތުކުރީ ގަޑިއަށް ބަލާލިއެވެ. ދެން ބުންޏެވެ.

"ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ."

"އެހެންވީއިރު ކޮޓެޖްގައި މަޑުކޮށްލަން ހިނގާށެވެ."

ދެން އެމީހުން ގެއަށް އަތުވެއްޖެއެވެ. ކުޑަވަރެއްގެ ގެއެކެވެ. އެކަމަކު ވަރަށް ރީއްޗެވެ. އެހެން ނަމަވެސް ފެންނަނީ ފަޅުގޮތަކަށެވެ. ޕްރަބާ ސޯފާއެއްގައި އިށީނދެއްޖެއެވެ. ކިޝޯރު ފްރިޖް ހުޅުވާލަމުން ސުވާލުކުރިއެވެ.

"ބޯނީ ކޯންޗެއް ހެއްޔެވެ........."

"ކޮންމެ އެއްޗެއްވެސް ރަނގަޅު ވާނެއެވެ."

ކިޝޯރު ކޯކް ފުޅިއެއް ކަނޑާލާފައި ދީފިއެވެ. އަދި އޭނާއަށް ފިނި ބިޔަރ ފުޅިއެއް ނަގާފައި ފްރިޖް ލައްޕާލިއެވެ. ދެން ޕްރަބާއާއި ދިމާއަށް އެނބުރިލާފައި ބުންޏެވެ.

"މީގެކުރީގައި މިގޮތަށް މިގެ ފަޅުވެފައި ނޯންނާނެއެވެ."

"ޒީނަތްތެރިކަން މިހާރުވެސް އަތުވެދާނެއެވެ."

ކިޝޯރު ބިޔަރ ކޯވަރެއް އެތެރެކޮށްލަމުން ސިހިފާ ޕްރަބާއަށްބަލާލިއެވެ. ޕްރަބާ ހިނިތުންވެލާފައި އަނެއްކާވެސް ބުންޏެވެ.

"ތިޔަ ބައްލަވަނީ ކޮން އެއްޗެއްތޯއެވެ؟"

"ކުރީގައި ކަލޭ ތިޔަފާޑުގެ ވާހަކަތަކެއް ނުދައްކަމުއެވެ."

"އަޅުގަނޑުގެ ވާހަކައަށް ނުރުހުން ވެލެއްވީތޯއެވެ."

"އެހެނެއްނޫނެވެ....... ތިޔަހާ ތިލަކޮށް ޙަޤީޤަތް ފާޅުކުރުމަކީ ހިތްވަރު ގަދަކަމެކެވެ."

"އެހެންތޯއެވެ؟ އަޅުގަނޑު ކާވެނީގެ އެދުން ފާޅުކޮށްފިއްޔާ ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟"

"ޕްރަބާއަށް ކާވަންޏެއް ކުރެވޭކަށްނެތެވެ. ވީއިރު ޖަވާބުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟"

"ތިޔައީ އަދި އެހެން ކަމެކެވެ." ޕްރަބާ ބުންޏެވެ.

"ޕްރަބާއަށް ސަރްލާގެ ޖާގަ ފުރިދާނެ ކަންނޭނގެއެވެ. ސޫރައިގެ އިތުރުން ވަރަށްގިނަ ކަންތައްތަކާ އާދަތައް ސަރުލާއާ ގުޅެއެވެ."

"ކޮންމެވެސް އެހެން ކުއްޖަކާ ކާވަނި ބައްލަވާށެވެ. އޭރުން ދުވަސް ކޮޅަކުން އޭނާވެސް ސަރުލާގެ ގޮތުގައި ފެންނަން ފަށާފާނެއެވެ."

ކިޝޯރު ކޯވަރެއް ދަމާލާފައި ސީރިއަސް ކަމާއެކު ބުންޏެވެ.

"އެކަށީގެން ނުވާކަމެކެެވެ. ސަރްލާގެ ޖަގާއަށް އެއްވެސް އެހެން އަންހެން ކުއްޖަކު ގެނައުމަކީ ނުވެވޭނެ ކަމެކެވެ."

"މާނައަކީ ދެން އިތުރު ކާވަންޏެއް ނުކުރައްވާނީތޯއެވެ."

"އާނއެކެވެ."

"އެކަމަކު ކިޝޯރުގެ އެތެރެހަށީގައި އެހެން މީހަކުވެސް ވާނެ ކަންނޭނގެއެވެ. އެމީހާ ބައެއް ފަހަރަށް އެކަނިވެރިކަން އިޙްސާސް ކުރާނެކަން ނޭނގެއެވެ."

ސިހިފައި ކިޝޯރު ބަލާލިއެވެ. އަދި ފުޅި ހުސްކޮށްލާފައި މޭޒުމަތީގައި ބަހައްޓާފައި ބުންޏެވެ.

"ތިޔަ އުޅެނީ އަހަރެންގެ ވަނަވަރު ދެނެގަންނަން ހެއްޔެވެ؟"

"ނޫނެކެވެ. މިއުޅެނީ އަމިއްލަ ވަނަވަރު ހާމަކޮށްދޭން ވެގެންނެވެ."

"މާނައަކީ ކޮބައި ހެއްޔެވެ؟"

"އަޅުގަނޑު މޫނު މައްޗަށް ފަރުދާ ވައްޓާލައިގެން އުޅޭކަށް ބޭނުމެއް ނޫނެވެ. ކޮންމެ ފިރިހެނަކާ އަންހެނެއްގެ އެތެރެހަށީގައި އެހެން ދިރުމެއްވާނެއެވެ. އެއީ ހަމައެކަނި ހަނދާންތަކަކާ ހިތްހަމަޖައްސާ ދިނުމަކުން ހަމައަކަށް އެޅޭނެ އެއްޗެއް ނޫނެއެވެ."

"ކަ...... ކަލޭ......؟"

"އަޅުގަނޑުގެ ފިރިމީހާ މަރުވިފަހުން އެކަމުގެ ހިތާމައިގައި އަޅުގަނޑުވެސް މަރުވެ ހިނގައިދާނެ ކަމުގައި ހީކުރީމެވެ. އެކަމަކު މިހުރެވުނީ ދިރި ދުނިޔޭގައެވެ. އަދި ފިރިމީހާއާއެކު ރޭތައް ކަޑައްތު ކުރަމުން އައީ ކޮންގޮތަކަށްކަން ފަހަރެއްގައިވެސް އަޅުގަނޑުގެ ސިކުނޑި އިޙްސާސެއް ނުކުރެއެވެ. އެހެން ނަމަވެސް ވަގުތާއެކު ހިތުގެ ފާރުތައް ފަސޭހަވަމުން ދިޔަވަރަކަށް އަޅުގަނޑުގެ އެތެރެހަށީގެ ދެވަނަ ދިރުން ހޭލަން ފަށައިފިއެވެ.

"ތިޔަ ބުނަން އުޅެނީ.........."

"ނޫނެކެވެ. ފަހަރެއްގައިވެސް އެކަހަލަ އަތެއް އަޅުގަނޑުގެ ހަށިގަނޑާ ހަމައަށް އަޔަކަ ނުދެމެވެ. ބަނޑުހައި ވެފައިވާ ކުއްތާތަކަކަށް އަޅުގަނޑުގެ ހަށިގަނޑު ދުލެއް ނުކުރަމެވެ. ފަހަރެއްގައިވެސް މިބޭނުންތެރިކަން ފާހިޝްގޮތަކަށް ބަދަލުވާކަށް އަޅުގަނޑު ނޭދެމެވެ. އަޅުގަނޑުގެ ބޭނުންތެރިކަންފުރިހަމަ ކުރުމަށް މަގު ހޯދަން ފެށިފަހުން ކަލާގެ ކުރީގައި އިންތިޚާބުކުރީ އެންމެ މީހެކެވެ."

"ކާކު ހެއްޔެވެ؟"

"ތިރްލޯކް އެވެ."

"ތިރްލޯކް .............. އެކަމަކު ކަލޭ އެނާގެ އަތުގައި ރާކީ ބަނދެފީމެއް ނޫން ހެއްޔެވެ؟"

"ލައްބައެވެ. އެވަގުތު އޭނާ މިބޭނުންތެރިކަން އިޙްސާސް ނުކުރިއެވެ. އޭނާ އަނބިމީހާގެ ޙައްޤުގައި އަޅުގަނޑަކާ އެއްބަސްވާކަށް ނުރުހުނެވެ. އަޅުގަނޑު އޭނާ ބޭބެއަކަށް ހެދީ އެހެންނެވެ. އަޅުގަނޑުގެ ގޮތް ހުސްވުން އެއްވެސް ކަހަލަ ނުބައި ގޯޅިއެއް ނޭޅިއެވެ. ތިރްލޯކާމެދު އަޅުގަނޑު ހިތުގައި އެއްވެސް ކަހަލަ ދުޝްމަންކަމެއް ނެތެވެ. ރުޅިވެރިކަމެއް ނެތެވެ. އޭނާއަކީ ވަރަށް ރަނގަޅު ހެޔޮލަފާ އިންސާނެކެވެ."

ކިޝޯރުގެ ހިތްބާރަށް ތެޅެއެވެ. އޭނާ ހިންދިރުވާލާފައި ސުވާލުކުރިއެވެ.

"އަހަ...... އަހަންނަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟"

"ބުނަންވީތޯއެވެ...........؟" ޕްރަބާ ހިނިތުންވެލިއެވެ.

"ބުނެބަލާށެވެ."

ޕްރަބާ ހިނިތުންވެލާފައި ޖީބުން ކޮންމެވެސް ކަހަލަ ޕެކެޓެއް ނަގާ ކިޝޯރު އަތަށް ލައިފިއެވެ. އެއާއެކު ކިޝޯރު ރޫރޫ އަޅައިގަތެވެ.......

+ + + + +

ރޫޕާ ޕްރަބާގެ މަންމަގެ އަތަށް ކުޑަދަރިފުޅު ދީފާ އައިސް ކައްކަން ތައްޔާރު ކުރަންފެށީ ހަމަ ދެންމެއަކުއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖަހައިފިއެވެ. ރޫޕާ ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ނުދަންނަ ބީރައްޓެއްސަކު ހުއްޓެވެ. އޭނާ ޙައިރާންވެފައި އެމީހާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ.

"ކިހިނެއްވީތޯއެވެ؟"

"ތިރްލޯކް ބާބޫ ހުންނަވަނީ މިގޭގައިތޯއެވެ؟"

"ލައްބައެވެ...... ތިޔަދުރުވީ ކޮންތާކުންތޯއެވެ؟"

"އަޅުގަނޑުގެ ނަމަކީ ސާލަކްރާމް އެވެ. މަސައްކަތް ކުރަނީ ތިރްލޯކް ބާބޫ މަސައްކަތް ކުރައްވާ އޮފީހުގައެވެ."

"އެހެންތޯއެވެ. ދުރުވާށެވެ. އިށީންނަވާށެވެ."

ސާލަކްރާމް އެތެރެއަށް ވަދެއްޖެއެވެ. ރޫޕާ ގޮނޑިއެއް ގެނެސް ފޮޅާލާފައި ބަހައްޓަމުން ބުންޏެވެ.

"ސިޓީއެއް އައީތޯއެވެ؟"

"ކާކުގެ ސިޓީއެއް ހެއްޔެވެ؟"

"ތިރްލޯކްގެ ސިޓީއެވެ." ރޫޕާ ބުންޏެވެ.

"ނޫނެކެވެ. ސާލަކްރާމް ޙައިރާންވެފައި ބުންޏެވެ. "އަޅުގަނޑުގެ އަތަށް ސިޓީ އަންނަންވީ ކީއްވެގެން ތޯއެވެ."

"އަޅުގަނޑު ހީކުރީ ސިޓީއެއް ގެނެސް ދެއްވީ ކަމަށެވެ."

"އަޅުގަނޑު ފޮނުވީ ސޭޓް ސާހަބެވެ." ސާލަކްރާމް ޖީބަށް އަތްކޮށްޕާލަމުން ބުނެފިއެވެ.

"ސޭޓްޖީއޭތޯއެވެ....؟" ރޫޕާވެސް ޙައިރާން ވެއްޖެއެވެ.

"ލައްބައެވެ. މިއީ ތިރްލޯކް ބާބޫގެ އެންމެފަހު މުސާރައެވެ."

"އެންމެފަހުގެ މުސާރަ.......!؟ ސޭޓްޖީ .... ސޭޓްޖީއަށް ރަނގަޅުވެގެން ދުރުވީތޯއެވެ؟"

"ތިޔަ ދައްކަވަނީ ކޮންކަމެއް ރަނގަޅުވީ ވާހަކަތޯއެވެ. ...... ސޭޓްޖީ ދުރުވީ ކޮންތާކަށްތޯއެވެ. އޭނާ ބަލިވީތޯއެވެ؟"

"އެމެރިކާއަށް ނޫންތޯއެވެ."

"ކާކު ދެއްކި ވާހަކައެއްތޯއެވެ. ސޭޓް ސާހަބްގެ ދެމަފިރި ކަނބަލުން ދުރުވީ ކޮންމެވެސް އެހެން ރަށަކަށެވެ. އެކަމަކު މިހާރު އެނބުރި ދުރުވިތާ އެއްހަފްތާ ވެއްޖެއެވެ."

"އެހެންވިއްޔާ ތިރްލޯކް، ސޭޓް ސާހަބާއެކު ނުދުރުވަނީތޯއެވެ؟"

"ތިރްލޯކް....... ސޭޓް ސާހަބްއާއެކު........ ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯއެވެ. ތިރްލޯކް ބާބޫއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގި ނުލައްވަނީތޯއެވެ؟"

"ކޮންކަމެއްތޯއެވެ؟"



* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 58 އިން 61 އަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން